24 އޮކްޓޯބަރ 2018 - 13:19

ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރާ އިރު ފުލުހުން ޔުނިފޯމްގައި ތިބުން ކޮންމެހެން ލާޒިމް ނޫން ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް ކަނޑައެޅީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. ގައި، މީހުން ހައްޔަރު ކުރަންވާނީ "ޔުނިފޯމް އެޅި ފުލުހެއް" ކަމަށް ބަޔާން ކޮށްފައި އޮތުމުން، ޔުނިފޯމް ނާޅައި ތިބެ ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލަން ޖެހުނު މައްްސަލަތަކެއް ކުރިން ފެންމަތިވެފައި ވަނިކޮށެވެ. ގާނޫނުގެ އެ މާއްދާ އޮތް ގޮތުން ފުލުހުންނަށް ހުރަސްތަކެއް ހުރި ކަމަށް ފުލުހުން ވެސް ކުރިން ވަނީ ބުނެފަ އެވެ.
ގާނޫނުގެ އެ މާއްދާ މާނަކޮށް، ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ ހައްޔަރު ކުރާއިރު ކޮންމެހެން ޔުނިފޯމްގައި ހުންނަން ޖެހޭ ވާހަކަ ނޫން ކަމަށެވެ. ހުކުމުގައިވަނީ ގާނޫނުގެ އެ މާއްދާގައި އެ ބުނަނީ ހުވާ ކޮށްގެން ހުރި ފުލުހަކަށް ވާންޖެހޭ ވާހަކަ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ ގާނޫނުގެ އެހެން ބައެއް މާއްދާތަކުގައި ވެސް މީހުން ހުއްޓުވައި، ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާ އިރު، އަދި އެފަދަ ހާލަތްތަކުގައި ޔުނިފޯމް އަޅަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައި ނެތުމެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން އިއްވި އެ ހުކުމުގައިވާ ގޮތުން ހައްޔަރު ކުރާ އިރު ޔުނިފޯމްގައި ތިބެންޖެހޭ ކަމަށް މަނާ ކުރާ ނަމަ، އޭގެ ސަބަބުން ފުލުހުން އަދާކުރަންޖެހޭ ދައުރުތަކަށް ހުރަސް އެޅިގެންދާނެ އެވެ.
މިސާލެއްގެ ގޮތުން އެ ހުކުމުގައި ފާހަގަ ކޮށްފައި އޮތީ މަސްތުވާތަކެތި އެތެރެ ކުރަނިކޮށް އަތުލައިގަނެވޭ ހާލަތުގައި، އެ ތަކެތީގެ އަސްލު ވެރިފަރާތާ ހަމައަށް ދެވެންދެން އެ ތަކެއްޗަށް ފާރަލުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރު ހިންގާ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކެވެ. އެފަދަ އޮޕަރޭޝަނެއްގައި ފުލުހުން ޔުނިފޯމް އަޅައިގެން ތިބެން ޖެހޭ ނަމަ، އެފަދަ އޮޕަރޭޝަންތައް ހިންގަން ހުރަސް އެޅިގެންދާނެ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
"ޔުނިފޯމް ލާން ދާން ޖެހިއްޖެ ނަމަ، މަސްތުވާތަކެތީގެ ގާނޫނުގެ 152 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ ކޮންޓްރޯލް ޑެލިވަރީ އާއި 153 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ ސިއްރު އޮޕަރޭޝަންތައް ހިންގުން ވެގެން ދާނީ މުސްތަހީލް ކަމަކަށް ކަމާއި، ހަމަ އެއާ އެކު މަސްތުވާތަކެތީގެ ގާނޫނުގެ 154 ވަނަ މާއްދާގެ ހ. ގައިި ބަޔާންކުރާ ހެކި ހޯދީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ ހެކި ބޭނުން ކުރުން މަނާކޮށްލުމުގެ (ސަޕްރެސް) ދޮރު ހުޅުވިގެންދާނެ ކަމާއި." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ހައްޔަރު ކުރާ އިރު ޔުނިފޯމްގައި ހުރުން ލާޒިމްނުވާ ކަމަށް ހައި ކޯޓުން ކަނޑައެޅި އިރު، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ އެ މާއްދާ އިސްލާހު ކުރަން ސަރުކާރުން އޮތީ ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ވެސް ހުށަހަޅައިފަ އެވެ.