24 އޮކްޓޯބަރ 2018 - 13:36

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު މަހުގެ 17 ގައި، ކަމަށް ބަންޑާރަ ނައިބު ދެއްވާފައިވާ ލަފާ ބަދަލު ނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17ގައި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދިވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވާނެ ދުވަހަކާ ބެހޭ ގޮތުން ވަކި ލަފައެއް އޭޖީ ދެއްވާފައި ނުވާ ކަމަށެވެ.
ނޮވެމްބަރު، 11ގައި، އިބޫ ހުވާ ކުރެއްވުމަށް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ނަމަވެސް، އެ ތާރީހުގައި އެ މަނިކުފާނު ހުވާ ކުރެއްވުމަށް ގާނޫނު އަސާސީން ޖާގަ ނުލިބޭ ކަމަށް ބަންޑާރަ ނައިބު ގަބޫލު ކުރައްވަ އެވެ.
"ބަންޑާރަ ނައިބުގެ ސްޓޭންޑް އަދިވެސް އެ ގޮތުގައި އޮތީ. ސަބަބަކީ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. އަދި 114 ވަނަ މާއްދާ އަށް ބެލުމުން ވަރަށް ސާފުކޮށް އެކަން އެނގެން އޮންނާނީ،" "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ކަމަށެވެ. އަދި ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އެހެންވީމަ އެ ދެ މާއްދާ އެއްކޮށް ކިޔާލުމުން އެބަ އެނގޭ ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށިފައި ވަނީ ނޮވެމްބަރު، 17ގައި ކަން. އަދި ޔާމީންގެ ރިޔާސީ ދައުރަށް ފަސް އަހަރު ފުރި އެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު، 17ގައި ކަން ވެސް ވަރަށް ސާފުކޮށް އެނގޭ،" އޭނާ ވިދާޅުވި އެވެ.