24 އޮކްޓޯބަރ 2018 - 11:46

ކުރިން ނިިންމާފައި ހުރި ބައެއް މައްސަލަތައް އަލުން ބަލައި، ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދޭން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ފާއިޒް ލިޔުއްވާފައިވަނީ ޑިއު ޕްރޮސެސް އަށް ނުބެލި ނިމިފައި ހުރި މައްސަލަތައް އަލުން ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަލުން ރިވިއުކުރަން ޖެހޭ މައްސަލަތަކުގެ ތެރޭގައި މަރުގެ ބައެއް މައްސަލަތައް ވެސް ހިމެނޭ ކަމަށް އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.
ފާއިޒް އެ ގޮތަށް ވިދާޅުވި އިރު، ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމެއްގައި ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތައް ރިވިއުކޮށް، އަލުން ބެލުމުގެ ބާރު އެ ކޯޓަށް އޮންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ ބައެއް ބާތިލު ކުރަން ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި އެ ހުކުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތައް އަލުން ބަލައި، މުރާޖާ ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް އެ ކޯޓަށް ފެނިއްޖެ ނަމަ، އެފަދަ މައްސަލަތައް އަލުން ބަލައި މުރާޖައާ ކުރުމުގެ ބާރު އެ ކޯޓަށް އޮންނާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުން ނިިންމާ ނިިންމުން އަލުން ބަލައި، މުރާޖައާ ކުރަން ޖެހޭ އިސްވެ ބަޔާންވެދިޔަ ފަދަ ޖައުހަރީ ސަބަބެއް، މައްސަލައިގައި ހިމެނޭ ޚަސްމެއްގެ ފަރާތުން ހުށަހަޅައިފި ނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ އިސް ނެގުމަކަށް އެފަދަ މައްސަލަތައް އަލުން ބަލައި މުރާޖައާ ކުރުމުގެ ބާރު އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމީ ޖަދަލެއް އޮތް ކަމެއް ނޫން،" ފަސް ފަނޑިޔާރުންގެ ފުލް ބެންޗުގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ކޯޓުތަކުގެ ގާނޫނު އޮތް ގޮތުން ވެސް ގާނޫނީ އުސޫލަކާ ގުޅޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުމެއް ބާތިލު ކުރުމަށް އެ ކޯޓަށް ހުރަހެއް ނެތް ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ތަފާތު ޖުޑިސްޓްރިކްޝަންތަކުގައި ވެސް، އަދުލު އިންސާފަށް ހުރަސް އެޅޭ ގޮތަށް ކޮށްފައިވާ ހުކުމްތަކާއި މަކަރާއި ހީލަތުން ނުވަތަ ދޮގު ހެއްކެއް ހުށަހަޅައިގެން ކޮށްފައިވާ ހުކުމްތައް ވެސް އަލުން ބެލުމުގެ ފުރުސަތު ލިބިދޭ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން މީގެ ކުރިން ސުޕްރީމް ކޯޓުގެ ނިންމުންތައް އަލުން ބެލުމަށް އެ ކޯޓަށް ހުށަހެޅި މައްސަލަތައް ބަލައިގެންފައި ނުވަނީ އެ ނިންމުންތައް އަލުން ބަލައި، ރިވިއު ކުރަން ޖެހޭ ސަބަބެއް ނެތުމުންނެވެ.