ވިނަ ދަނޑުތަކަކީ ޗެމްޕިއަނުންނަށް ދޭ އިނާމެއް!
ވިނަ ދަނޑުތަކަކީ ޗެމްޕިއަނުންނަށް ދޭ އިނާމެއް!

ފީފާގެ އެހީގެ ދަށުން ވިނަ ދަނޑުތަކެއް އަޅަން އިއްޔެ އިއުލާންކުރި 18 ރަށް ކަނޑައެޅީ މި ދެ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ނަތީޖާ އަށް ބެލުމަށް ފަހު ކަމަށާއި ކޮންމެ އަހަރަކު ވެސް އެ ޕްރޮޖެކްޓް ކުރިއަށްގެންދާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން އިއްޔެ އިއުލާންކުރި 16 ރަށަކީ ހދ ކުޅުދުއްފުށި، ހއ. މުރައިދޫ، ށ. މިލަންދޫ، ށ. ފޯކައިދޫ، ބ. އޭދަފުށި، ބ. ފެހެންދޫ، އއ. މާޅޮސް، އދ. ފެންފުށި، ދ. ކުޑަހުވަދޫ، ފ ނިލަންދޫ، ގދ. ތިނަދޫ، ގދ. ހޯނޑެއްދޫ، ތ. ތިމަރަފުށި، ހއ. ދިއްދޫ، ސ. ފޭދޫ، ސ. ހިތަދޫ، ޏ. ފޯއްމުލަށް އަދި ރ. އަލިފުށްޓެވެ.

މީގެ ތެރެއިން 16 ޓީމަކީ މިދިޔަ އަހަރާއި މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރަށް ހޮވުނު ޓީމުތަކެވެ. އޭގެ ތެރޭގައި ނުހިމެނޭ ދެ ރަށަކަށް އޮތީ ރ. އަލިފުށްޓާއި ފުވައްމުލަކެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ވިނަ ދަނޑުތަކަކީ އެ ޓީމުތަކުން މިނިވަން ޗެމްޕިއަންޝިޕުގެ ޒޯންތަކުގެ ޗެމްޕިއަންކަން ހޯދުމުން ދޭ އިނާމެއް ކަމަށެވެ. އަދި ދެން އޮތް ދެ ރަށުގެ ތެރެއިން އަލިފުށީގައި އަޅަނީ، އެ ރަށުގައި އަތޮޅު މުބާރާތް ހޯސްޓް ކުރަން ހަމަޖެހިފައި އޮއްވާ މައްސަލަތަކެއް ދިމާވެ ރ. މީދޫ އަށް އެކަން ބަދަލުކުރަން ޖެހުމުން ބަދަލެއްގެ ގޮތުގައި ކަމަށެވެ. އަދި އަދި ފުވައްމުލަކުގައި އަޅަނީ މިނިވަން ޗެމްޕިއަންޝިޕުގެ ސްޕޮންސަރު އެސްޓީއޯގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމުން ރާވާފައިވަނީ ކޮންމެ އަހަރަކު ވެސް މިނިވަން ޗެމްޕިއަންޝިޕުގެ ނަތީޖާ އަށް ބަލައިގެން ދަނޑުތައް އަޅަމުންގެންދާށެވެ. އެއް ޓީމަކުން ޒޯން ޗެމްޕިއަންކަން ހޯދައިފި ނަމަ އެ ފުރުސަތު ލިބޭނީ ދެ ވަނަ ޓީމަށެވެ.

ގައުމީ ޓީމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްދިން ކެޕްޓަން އަކްރަމް އަބްދުލްގަނީ ނިސްބަތްވާ ނ. އަތޮޅުގެ ރަށެއް ލިސްޓުގައި ނެތުމުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އެ އަތޮޅު ޓީމެއް އެ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައެއް ނުވެ އެވެ.

ޖަވާޒް ވިދާޅުވީ ދަނޑުތައް އަޅަނީ ރާއްޖޭގެ ލީގު ސިސްޓަމް ހޯމް އެންޑް އަވޭ އުސޫލުން ބަދަލުކުރަން އެފްއޭއެމުން ގެންއުޅޭ އަމާޒަށް ވާސިލްވުމަށް ކަމަށާއި އެހެންވެ ދަނޑުތައް އަޅާ ރަށްތައް ކަނޑައަޅާއިރު މިނިވަން ޗެމްޕިއަންޝިޕުގެ ނަތީޖާއަށް ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި އަހަރު ދަނޑުތަކެއް އަޅާފައި ހުއްޓާލަނީކީ ނޫން. އަންނަ އަހަރު ވެސް އަޅާނެ. މާނައަކީ އިތުރުވަމުން ގޮސް ހުރިހާ ރަށެއްގައި ވެސް ދަނޑުތައް ހަމަކުރުމޭ އެފްއޭއެމްގެ އަމާޒަކީ. އެކަމަކު ކޮންމެ އަހަރަކު ވެސް އިސްކަންދޭ ތަރުތީބަކީ މިނިވަން ޗެމްޕިއަންޝިޕުގެ ނަތީޖާ،" ޖަވާޒް ވިދާޅުވި އެވެ.

ޓާފް ދަނޑުތަކެއްގެ ބަދަލުގައި ވިނަ ދަނޑުތަކެއް އަޅާނީ އެކަމާ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ޖަވާޒް ވިދާޅުވީ ފީފާ އިން ބާރު އަޅަނީ ވެސް ވިނަ ދަނޑުތަކެއް އަޅަން ކަމަށާއި ސަބަބަކީ ހަރަދާއި އެހެން ކަންކަމަށް ބަލާއިރު ވެސް އެންމެ ރަނގަޅީ އެގޮތް ކަމަށްވާތީ އެވެ.

ޓާފް ދަނޑެއް އަޅަން ތިން މިލިއަނެއްހާ ހުރިހާ ހަރަދުކުރަން ޖެހޭއިރު ކޮންމެ ފަސް އަހަރަކުން ޓާފް ބަދަލުކުރަން ޖެހެ އެވެ. އެކަމަކު ވިނަ ދަނޑުތަކެއް އަޅައި ބަލަހައްޓަން އެވަރުގެ ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ޖަވާޒް ވިދާޅުވި އެވެ. އަނެއް ސަބަބަކީ ރަށްރަށުގައި ކުޅޭނީ ހަވީރާއި ރޭގަނޑު އެކަނި ކަމަށްވުމުން ވިނަގަނޑު ބަލަހައްޓަން ފަސޭހަވުމެވެ.

"މާލޭގައި ނަމަ 24 ގަޑިއިރު ކަހަލަ ގޮތަކަށް ދަނޑުތައް ބޭނުންކުރާނެ. ހުރިހާ ވަގުތެއްގައި ވެސް އެތަނުގައި ކުޅޭނެ. އެހެންވީމާ މާލޭގައި ވިނަދަނޑުތަކެއް އަޅައިގެން ބަލަހައްޓަން އުނދަގޫވާނެ. އެކަމަކު ރަށްރަށުގައި އެ ފަސޭހަ އޮންނާނެތީއާ އެކު ހަރަދަށް ވެސް ބަލާފައި ވިނަ ދަނޑުތަކެއް އަޅަން ނިންމީ،" ޖަވާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފީފާގެ ތަޖުރިބާރުން އައިސް އެ ރަށެއްގެ ވެލި ޓެސްޓްކޮށް، ދަނޑުގައި އިންދާނީ އެ ރަށެއްގެ ފަސްގަނޑާ ގުޅޭ ވިނަ ކަމަށެވެ. އަދި ވިނަ ހައްދަން ނާސަރީއެއް ގާއިމްކޮށް ދަނޑު ބަލަހައްޓަން މީހުން ވެސް ތަމްރީންކުރާނެ ކަމަށް ވިދާޅުވި އެވެ.

ޖަވާޒް ވިދާޅުވީ ދަނޑުތައް އަޅާނެ ބިންތަކުގެ ލިޔެކިޔުންތައް ކުޅިވަރާ ބެހޭ މިނިސްޓްރީން ހަމަޖެހުނުހާ އަވަހަށް މަސައްކަތް ފެށޭނެ ކަމަށެވެ.

"ފީފާ ޕްރޮޖެކްޓެއް ހިންގޭނީ މަދުވެގެން 50 އަހަރަށް ބިން ލިބިގެން. އެކަމުގެ ލިޔެކިޔުންތައް އަޅުގަނޑުމެން މިނިސްޓްރީއަށް ފޮނުވާފައިވާނީ. އެ ހުއްދަ ލިބުނުހާ އަވަހަށް މަސައްކަތް ފަށަން ފީފާ އޮތީ ތައްޔާރަށް،" ޖަވާޒް ވިދާޅުވި އެވެ.