24 އޮކްޓޯބަރ 2018 - 11:02

މެމްބަރު ރޮޒެއިނާ ވިދާޅުވީ، މަސީހް ރައްޔިތުންނަށްޓަކައި ކޮންމެވެސް ވަރަކަށް ބައްލަވާލައްވައި ފަހަތަށް ޖެހިވަަޑައިގަންނަވަން ޖެހޭ ކަމަށް. އެހެންވެ، މި ހިސާބުން މަސީހް އެއްކައިރި ވެފައި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ފުރުސަތު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި.
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ، މަޖިލީހުގެ ސެޝަނެއް މާދަމާ ވެސް ބާއްވަން ގޮވައިލަން. ޚާއްސަކޮށް ނަޝީދާ ގުޅޭ ގަރާރު އަވަހަށް ފާސްކުރުމަކީ އިދިކޮޅު ހަތަރު ލީޑަރުން ވެސް ބޭނުންވާ ކަމެއް ކަމަށް. މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާ އެކު ވާހަކަ ދެއްކެވޭ ލައިނެއް އެބައޮތް ކަމަށް ރިޔާޒް ވިދާޅުވި. އެހެންވެ، މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އުންމީދު ކުރެވޭ.
ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ. އޭގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ ހިމެނިވަޑައިގަންނަވާ.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް: އިސްލާހީ ހަރަކާތައް އައި ވަރަށް އުފާވެރި ދުވަހެއް މިއީ. މިދިޔަ އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ފެނުނީ މަޖިލިސް ތަޅު އެޅުވިފައިވާ ތަން. މިދިޔަ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑެއް ނެތް. އެންމެ ރީތި ގޮތަކީ މަސީހް މިހާރު އިސްތިއުފާ ދެއްވުން. ރައްޔިތުންގެ ދައުރު ނެތި މިހާ ގިނަ ދުވަސްވުމަކީ މަސީހްގެ އިހުމާލެއް. ރައްޔިތުންގެ އަޑު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިވޭނެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް: މަސީހް މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން، މެމްބަރުންގެ ޒިންމާތައް އަދާކުރައްވަން ޖާގައެއް ނުދެއްވާ. ހަމަ ޔަގީނުން ވެސް މަޖިލީހުގެ ރައީސްގެ ކޮޓަރީގައި މަސީހަށް ނުހުންނެވޭނެ. ކޮޓަރިން އެއްޗެހި ވެސް ވަނީ ގެންދަވާފައި. މަޖިލީހުގެ ޒިންމާތަކާއި ވާޖިބުތައް ހުރަސްއެޅި ބޭފުޅެއްގެ ގޮތުގައި މަސީހް ފާހަގަކުރެވެނީ. ރީތި ގޮތުގައި މަސީހް އިސްތިއުފާ ދެއްވައިފިއްޔާ މަޖިލީހުގެ މަސައްކަތް ރަނަގޅަށް ފަށައިގަނެވޭނެ. މަސީހްއޭ، ރީތި ގޮތުގައި ރައީސް ކަމުން އިސްތިއުފާ ދެއްވާފައި މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އިންނަވާށޭ.
ރޮޒެއިނާ: ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެއްވެސް އިންސާފެއް ނެތި. ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް އިންސާފުން އެކަން ކުރިއަށް ގެންދަން ގޮވާލާފައި. އެކަމަކު އެކަމެއް ރަނގަޅެއް ނުކުރޭ. ނަޝީދު ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވަން ވާނީ މިނިވަނެއްގެ ގޮތުގައި. އަޅުގަނޑުމެން އުންމީދު ކުރަނީ އެގޮތަށް.
މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް: އެންމެ ރީތި ގޮތަކީ މަސީހް އިސްތިއުފާ ދެއްވުން. އަޅުގަނޑުމެންނަށް މިތަނަށް ނުވަދެވޭ ހާލަތަކަށް ދުވަހަކު ވެސް ނުދޭ. އެކަމަކު މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިން ހުށަހެޅުމުން، އަޅުގަނޑުމެންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ހެދި. މިއަދު މިއީ މަޖިލިސް މިނިވަން ކުރުމަށް އެޅުނު ފިޔަވަޅެއް.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުން މިނިވަން ކުރުމާ ގުޅޭ ގޮތުން 49 މެމްބަރެއްގެ ސޮޔާ އެކު މަޖިލީހަށް ދެންމެ ވަނީ ގަރާރެއް ވެސް ހުށަހަޅާފައި.
ރިޔާޒް: އުންމީދު ކުރަނީ މަޖިލީހުގެ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް.
މަޖިލީހުގެ އިދާރާ ކައިރިން، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް: 51 މެމްބަރެއްގެ ސޮޔާ އެކު، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިން. 51 މެމްބަރުންގެ ތެރޭގައި ސުޕްރީމް ކޯޓުގައި މައްސަލަ އޮތް އަށް މެމްބަރުން ނުހިމެނޭނެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން މިއަދު ތައްޔާރުވެފައިވާއިރު، އެ މައްސަލައިގެ ލިޔުމުގައި 51 މެމްބަރަކު ސޮއިކުރައްވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
މަސީހް މަގާމުން ދުރުކުރުމަށް ހުށަހެޅި ތިންވަނަ މައްސަލާގައި ސޮއިކުރެއްވި 51 މެމްބަރުންގެ ތެރޭގައި، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
މަޖިލީހުގެ ރައީސްކަމުން މަސީހް ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ފެށި މަސައްކަތާ ގުޅިގެން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް އާންމު ކޮމެޓީން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފާސްކޮށްފަ އެވެ. މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކު އެވެ.