ޝަރީފްގެ ރާގު ބަދަލުވެ، ޕީޕީއެމަށް މަލާމާތް؟!
ޝަރީފްގެ ރާގު ބަދަލުވެ، ޕީޕީއެމަށް މަލާމާތް؟!

ރިޝްވަތު ނަންގަވައި، ރިޔާސީ އިންތިޚާބު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފްގެ މައްޗަށް ޕީޕީއެމުން ކުރި ބޮޑެތި ތުހުމަތުތަކުން "ސަލާމަތްވެވަޑައިގަތުމާ" އެކު އެ ޕާޓީއާ މެދު އޭނާގެ ރާގު މުޅިން ބަދަލުވެއްޖެ އެވެ.

ޝަރީފްގެ ރާގު ބަދަލުވެ، ޕީޕީއެމަށް މަލާމާތް؟!
ޝަރީފްގެ ރާގު ބަދަލުވެ، ޕީޕީއެމަށް މަލާމާތް؟!

ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީނާއި ޕީޕީއެމްގެ ފުރިހަމަ އިތުބާރު ޝަރީފަށް އޮތެވެ. އެއީ، ރައީސް ޔާމީންގެ ޒަމާންވީ އެކުވެރިއަކަށް ވުމާއި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވަން، ޝަރީފް މަސައްކަތް ކޮށްދެއްވާފައިވާތީ އެވެ. އެކަމަކު އިންތިޚާބުން ރައީސް ޔާމީން ބަލިވުމާ އެކު ރައީސް ޔާމީނާއި ޕީޕީއެމުން ވެސް ތުހުމަތުގެ އިނގިލި ދިއްކުރީ ޝަރީފަށެވެ.

އޭނާ އިސްވެ ހުންނަވައި، އީސީގެ ފަސް މެމްބަރުން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގެވި ކަމަށް އަޑުއުފުލަން ސިލްސިލާ އެއްވުންތަކެއް ވެސް ދަނީ ބާއްވަމުންނެވެ.

އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. އިންތިޚާބު ބާތިލްނުކުރަން ކޯޓުން ނިންމުމަކީ އީސީގެ މެމްބަރުންނަށް ކުރި ތުހުމަތުތަކުގައި އަސްލެއް ނެތް ކަން ސާބިތުވުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

އެއާއެކު ޝަރީފް ގެންދަވަނީ، އޭނާ އަށް ކުރާ ތުހުމަތުތަކަށް ފާޅުގައި ޕީޕީއެމަށް ރައްދު ދެއްވަމުންނެވެ.

ފުރަތަމަ ޓުވީޓުގައި ސިފަކުރެއްވީ ޕީޕީއެމް ހަރަކާތްތެރިވަނީ "ޚިޔާލީ ދުނިއެއްގައި" ކަމަށެވެ. ރައީސް ޔާމީނަށް ނާކާމިޔާބުވީ ތާއީދު ނެތުމުން ކަމަށް ނުސީދާކޮށް ވިދާޅުވެ އެ ހަގީގަތް ގަބޫލުކުރައްވަން ވެސް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ ޕާޓީ އަށް ދެން އޮތް ގޮތަކީ މަޖިލިސް އިންތިޚާބަށް ސީރިއަސް މަސައްކަތްތަކެއް ކުރެއްވުން ކަމަށެވެ.

މި ޓުވީޓަށް ފަހު، ރާއްޖެ އިން ބޭރަށް ރޭ ފުރާވަޑައިގެންނެވީ ވެސް ޕީޕީއެމަށް "މަލާމާތުގެ ހަމަލާއެއް" ދޫކޮށްލެއްވުމަށް ފަހު އެވެ.

އެ ޓުވީޓްގައި، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ޓެގުކުރައްވައި ޝަރީފް ވިދާޅުވީ ރާއްޖޭގައި ނެތް ވާހަކަ "މަ ހޯދާ މަންޖެ ކައިރީ ބުނެލާތި" ކަމަށެވެ. ޕީޕީއެމްގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ މުއާޒެވެ.

އެ ޓުވީޓުގައި ޝަރީފް ބޭނުންކުރެއްވި ބަހުރުވަ ކަމުނުގޮސްގެން އޭނާ އަށް ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ. މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ހުންނަވައި އާއްމުންނަށް ދޫކޮށްލެވި ޓުވީޓުގައި ޝަރީފްގެ ބަސްމަގު "ހުތުރުވެފައި، މާ ޒާތީ" ކަމަށް އެއް ބަޔަކު ދެކެ އެވެ.

ޝަރީފްގެ އަބުރު ކަތިލައި، ތުހުމަތުތައް އަޅުވާފައިވާތީ، ޕީޕީއެމާ މެދު ޒާތީވީތޯ އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލު ވެސް ކުރި އެވެ.

ޕީޕީއެމަށް ފާޑުވިދާޅުވުމާއި އެ ޕާޓީގެ މިހާރުގެ ލީޑަޝިޕާ ރަސްމީކޮށް މުއާމަލާތް ނުކުރައްވަން ޝަރީފް ނިންމެވީ، ޒާތީވެގެންތޯ ނޫސްވެރިން އެހުމުން، ޝަރީފް އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮމިޝަނުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެރޭގައި، އެއްވެސް ޕާޓީއަކަށް ތަފާތު ކުރުމެއް ނެތި އެވެ.

ރައީސް ޔާމީނަށް "ވަފާތެރި ނުވެ، ލަނޑުދިނީ" ކަމުގެ ތުހުމަތު އަޅުވަމުންދާ ކަމަށް ވިދާޅުވެ ޝަރީފް ވަނީ، ޕީޕީއެމުން އެ މާނަކުރާ ވަފާތެރިވުމަކީ ވަކި ފަރާތަކަށް ނަތީޖާ އަނބުރާލުންތޯ ސުވާލު ކުރައްވައިފަ އެވެ. ރައީސް ޔާމީނަށް ވަފާތެރިނުވުމަކީ އެމަނިކުފާނަށް ނުވަތަ ވަކި ފަރާތަކުން އަންގާ ގޮތަށް އަމަލުނުކޮށް، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން ކުރުން ކަމަށްވާ ނަމަ، "އެކަން ވަރަށް ފުރިހަމަ އަށް" ކުރެއްވި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ޕާޓީތަކުން ވެސް ޝަރީފަށް އިންތިހާ އަށް ފާޑުކިއުން އަމާޒުކުރި އެވެ. އެ ހުރިހާ ތުހުމަތުތަކަށް ވެސް އޭނާ ޖަވާބުދާރީވެވަޑައިގަތެވެ. އެކަމަކު އޭރު ޖަވާބު ދެއްވީ، ޕީޕީއެމާ މެދު މި މުއާމަލާތު ކުރައްވާ ގޮތަކަށް ނޫނެވެ. އެހެންކަމުން އޭނާ ކުރިން ނިސްބަތްވެވަޑައިގެންނެވި ޕާޓީއާ ދޭތެރޭ "ޒާތީވެއްޖެ" ކަމަށް ބައެއް މީހުން ފާހަގަކުރަނީ އެހެންވެ ކަމަށް ވެދާނެ އެވެ.