24 އޮކްޓޯބަރ 2018 - 10:26

އެތެންސް (އޮކްޓޯބަރު 24) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިންގްލެންޑުގެ މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުތަކުން ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.
ގްރީކުގެ އޭއީކޭ އެތެންސް އަތުން 2-0 އިން ބަޔާން މިއުނިކް މޮޅުވިއިރު މެންޗެސްޓާ ސިޓީ 3-0 އިން މޮޅުވީ ޔޫކްރޭނުގެ ޝަހްތަރު ޑޮނެޓްސްކް އަތުންނެވެ.
ފުރަތަމަ މެޗުން އޮލިމްޕިކް ލިޔޯން އަތުން ބަލިވި މެންޗެސްޓާ ސިޓީ އޭގެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. މި ގްރޫޕުގެ ދެ ވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ހޮފެއިންހަމްއާ 3-3 އިން އެއްވަރުވި ލިޔޯން އެވެ. ހޮފެއިންހަމް އާއި ޝަހްތަރަށް ދެ ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް ގަވާއިދުން ތިން ވަނައިގައި އޮތީ ހޮފެއިންހަމެވެ.
ޝަހްތަރު ކޮޅަށް ސިޓީގެ ގޯލްތައް ޖަހައިދިނީ ޑޭވިޑް ސިލްވާ އާއި އައިމެރިކް ލަޕޯޓޭ އަދި ބެނާޑޯ ސިލްވާ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމުން ވަރަށް މޮޅަށް ކުޅެ ވަރަށް ގިނަ ފުރުސަތުތަކެއް ހޯދި ކަމަށެވެ.
"މިއީ ހައިރާންކުރުވަނިވި ނަތީޖާއެއް،" ގާޑިއޯލާ ބުންޏެވެ. "އަހަރެމެންގެ ކުޅުމާ މެދު މިހިރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި."
އެތެންސްގައި އެ ޓީމު އަތުން ޖަރުމަނުގެ ބަޔާން މިއުނިކް 2-0 އިން މޮޅުވިއިރު ދެ ވަނަ ހާފުގައި ގޯލްތައް ޖަހައިދިނީ ހާވީ މާޓިނޭޒާއި ރޮބަޓް ލެވޮންޑޮސްކީ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ނެދަލެންޑްސްގެ އަޔަކަސް ވަނީ ޕޯޗުގަލްގެ ބެންފީކާ އަތުން 1-0 އިން މޮޅުވެފަ އެވެ. އަޔަކްސް އާއި ބަޔާނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި އޮތީ އަޔަކްސް އެވެ. ބެންފީކާ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އެތެންސް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.