26 އޮކްޓޯބަރ 2018 - 06:36

ނޫޓުތަކާއި ކާޑުތަކާއި ވަކި ލާރި އަޅާ ދަބަހަކީ ވޮލެޓެވެ. އެކަމަކު ވޮލެޓް ބޮޑުވެގެން ގޮސް އޭގެ މަތީ އިށީނުމުން ސިއްހީ ނުރައްކާތަކާ ވެސް ކުރިމަތިވާ ހިސާބަށްދާ ކަމަށްވެ އެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ޓެކް ކުންފުނިތަކުން އެކި ފާޑުގެ ސްމާޓް އުފެއްދުންތައް ބާޒާރަށް ނެރޭތާ ދުވަސްތަކެއްވެއްޖެއެވެ. މިހާތަނަށް ނެރުނު މިފަދަ އެންމެ ކާމިޔާބު އުފެއްދުމަކީ އެކްސްޓާއެވެ.

އެކްސްޓާގެ ކާމިޔާބީއަށް ފަހު އެ ކުންފުނިން މިހާރު އެކްސްޓާ 3.0 ބާޒާރަށް ނެރެން ތައްޔާރުވަނީ އެވެ. މިއީ އެކި ފެންވަރުގެ ސްމާޓް ވޮލެޓްފައްޗެކެވެ. މީގެ ތިން ބާވަތެއް ވިއްކާނެ އެވެ. އެއީ އެކްސްޓާ ސެކެޓްރީ ކާޑްހޯލްޑަރާއި އެކްސްޓާ ސެނެޓް ކާޑްހޯލްޑާރާއި އެކްސްޓާ ޕާލަމެންޓް ވޮލެޓެވެ.

ބޯމިނުގައި 0.4 އިންޗި ހުންނަ އެކްސްޓާ ޕާލަމެންޓް ވޮލަޓް ފަރުމާކޮށްފައި ވަނީ ދެފަތްޖެހޭގޮތަށެވެ. އެތެރޭގައިވާ ގިނަ ޖީބުތަކަށް ކާޑުތަކާއި ނޫޓާއި ލާރި އެޅެން ހުރެއެވެ. ކާޑު ލައްވާނެ 12 ޖީބު މި ވޮލެޓްގައި ހިމެނެއެވެ. އަދި ކާޑުތައް ނަގަން ފަސޭހަކޮށްދިނުމަށް ވޮލެޓްގެ ތިރީ ކަނުގައިވާ ކުޑަ ފިތަކަށް އޮބާލުމުން މަތީ ކަނުން ކާޑުތައް ތާސްބައެއްހެން ހުޅުވެއެވެ. ބޭނުންވާ ކާޑެއް އިޚްތިޔާރުކުރަން ފަސޭހަކޮށްދެއެވެ. މިއަށްވުރެ ތުނި ވޮލެޓެއް ބޭނުން ނަމަ އިޚްތިޔާރުކުރަންވީ އެކްސްޓާ ސެނެޓް ކާޑްހޯލްޑަރެވެ.
ސެނެޓް ކާޑްހޯލްޑަރުގެ ބޯމިނުގައި ހުންނަނީ 0.3 އިންޗިއެވެ. މިއަށް ލެވޭނީ 10 ކާޑެވެ. ޕާލަމަންޓް ވޮލެޓެކޭ އެއްގޮތަށް މި ވޮލެޓްގައި ވެސް ރައްކާކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކާޑެއް އިޚްތިޔާރުކުރުމަށް ފަސޭހަކޮށްދޭން ފިތާލާ ފިތެއް ހިމެނެއެވެ. އޭރުން ކާޑުތައް ހުޅުވޭނީ ތާސްބައެއް ސިފަވާގޮތަށެވެ.
އެކްސްޓާ 3.0 މަރުކާގެ އެންމެ ތުނި ވޮލަޓަކީ 0.15 އިންޗީގެ ފުޅާމިން ހުންނަ ސެކެޓްރީ ކާޑްހޯލްޑަރެވެ. މި ވޮލެޓަށް ލެވޭނީ އެންމެ ހަ ކާޑެވެ. އެކަމަކު ނޫޓާއި ވަކިލާރި އެޅެން ހުންނާނެއެވެ. އަދި ނޫޓާއި ނުލައި ވިޔަފާރި ކުރުމުގެ ގާބިލްކަން މި ވޮލަޓްގައިވެއެވެ.
މި ސިފަތަކުގެ އިތުރުން މިފަހަރުގެ އެކްސްޓާ ވޮލެޓްތަކުގައި އެހެން މުހިއްމު ސިފައެއް ވެސް ހިމެނެ އެވެ. އެއީ ގެއްލޭ ތަކެތި ހޯދާ ޓެކްނޮލޮޖީއަށް ފައްކާވެފައިވާ ޗިޕޯލޯ ކުންފުނީގެ ޓްރެކާ އާލާތެއް މި ވޮލެޓްގައި ހިމެނުމެވެ. އަވިން ހޯދާ ކަރަންޓުން މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ މި 0.9 އިންޗި ތުނި ޓްރެކާ ވޮލެޓްތެރޭގައި އެއްވެސް އުނދަގުލަކާ ނުލައި ބޭއްވެއެވެ. އަވިން ޗާޖުކޮށްގެން ދެ މަސްދުވަހު ގެންގުޅެވެއެވެ. ކޮންމެހެން އިރަށް ދޮންކުރަން ބާއްވާކަށްނުޖެހެއެވެ. ވޮލަޓްގައި އޮވެ ޗާޖުވަމުންދާނެއެވެ.
ގޫގްލް އެސިސްޓަންޓާއި އެމޭޒަން އެލެކްސާގެ އަޑު މީގައި މަސައްކަތްކުރެއެވެ. ވޮލަޓް ގެއްލިއްޖެނަމަ ސްމާޓްފޯން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތާކުންވެސް ހޯދުމުގެ ގާބިލްކަން ލިބިފައިވެއެވެ. ބްލޫޓޫތު ނުލިބޭ ރޭންޖެއްގައި އޮތަސް ޗިޕޯލޯގެ ބައިނަލްއަގްވާމީ ވިޔުގައިގެ ތެރޭން، ވޮލެޓް އޮތް ތަން ދެނެގަނެވޭނެއެވެ.