މޫދަށް ޖައްސާ ކުޑަ ޑްރޯން މަތިންދާބޯޓެއް
މޫދަށް ޖައްސާ ކުޑަ ޑްރޯން މަތިންދާބޯޓެއް

އެކި ބޭނުންތަކުގައި ޑްރޯން ބޭނުންކުރާއިރު އޮންނަ އެންމެ ބޮޑު ނުތަނަވަސް ކަމަކީ ފެން އޮތް ތަނަކަށް އެ ވެއްޓުމެވެ. އެހެންވެ މޫދު ނުވަތަ ކޯރެއްގެ މަތިން އެ ދުއްވާއިރު ކަންބޮޑުވެ އެވެ.

އެކަމަކު އޭރޯމެޕާ ޓެލަން އެމްފިބިއަސްއަކީ މުޅީން ތަފާތު ޑްރޯނެކެވެ. ކުޑަ މަތިންދާބޯޓެއްގެ ސިފައަށް ފަރުމާކޮށްފައިވާ ޓެލަންއަށް ލިބިފައިވާ އެންމެ ޚާއްސަ ސިފައަކީ ކޮންމެ ތާކުން އުދުއްސާލިޔަސް، ކަނޑަށް ނުވަތަ ކޯރަށް ތިރިކުރެވޭ ކަމެވެ. މިއީ އަދި މިހާތަނަށް ޕައިލަޓަކާ ނުލައި އުދުއްސާލާ މިކަހަލަ ޑްރޯން މަތިންދާބޯޓަށް ލިބިފައިވާ ބާރެއް ނޫނެވެ.

އޭރޯމެޕާ ޓެލަން އެމްފިބިއަސްގެ ނުނެއްޓޭ ފިޔަގަނޑުގެ ފުޅާމިނާއެކު މުޅި ޑްރޯންގެ ފުޅާމިނުގައި ހުންނަނީ 6.6 ފޫޓެވެ. ބަރުދަނުގައި ގާތްގަޑަކަށް 4 ކިލޯ ހުރެއެވެ. މި ކުޑަ މަތިންދާބޯޓަށް ގަޑިއަކު 53 މޭލު ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ. މަސައްކަތް ނިމުމުން ކަނޑަށް ނޫނީ ކޯރަށް ޖައްސާނީ އާދައިގެ މަތިންދާބޯޓެއް ރަންވޭއަށް ތިރިކުރާހެންނެވެ. އެއްގަމަށް ތިރިކުރާ ނަމަ ވައިކުޑައިގެ އެހީ ހޯދޭނެ ގޮތް ވެސް މީގައި ހަމަޖެހިފައިވެއެވެ.

އެއްގަމުގައި ހުރެ، ނުވަތަ ކަނޑުއުޅަނދެއްގައި ހުރެ، ހޫރާލައިގެން މި ބޯޓު އުދުއްސާލެވެއެވެ. މީގެ ކޮންޓްރޯލް އޮންނަނީ އެމީހަކު އިޚްތިޔާރުކުރާ ގޮތަކަށެވެ. ބޯޓުގެ އަމިއްލަ ބާރުގައި ނުވަތަ ރިމޯޓުން ވެސް މަސައްކަތްކުރެއެވެ. މިއީ 19 މޭލު ދުރަށް އުދުހުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. އެއްފަހަރު ޗާޖުކޮށްގެން ދެ ގަޑިއިރު އުދުއްސޭނެއެވެ. ދުއްވަމުން ދަނިކޮށް ސިގްނަލް ކެނޑިއްޖެ ނަމަ އުދުއްސާލި ތަނަށް އެނބުރި އައުމުގެ ގާބިލްކަން މިއަށް ލިބިފައިވެއެވެ.