އުރީދޫގެ "ނިރު އެކްސަލޭޓަރުގެ" ދެ ވަނަ ފިޔަވަހި ފަށައިފި
އުރީދޫގެ "ނިރު އެކްސަލޭޓަރުގެ" ދެ ވަނަ ފިޔަވަހި ފަށައިފި

އަލަށް ފަށައިގެން އަންނަ ވިޔަފާރިތައް އިއާދާކޮށް ކުރި އެރުވުމަށް މަސައްކަތްކުރާ އުރީދޫގެ "ނިރު އެކްސަލަރޭޓަރު"ގެ ދެ ވަނަ ފިޔަވަހި އިއްޔެ ފަށައިފި އެވެ.

ނިރު އެކްސަލަރޭޓަރުގެ ދެ ވަނަ ފިޔަވައްސަކީ މިދިޔަ މަހު އުރީދޫ އަދި ޑައިލޮގް އެކްސިއާޓަރުގެ "އައިޑިއާ މާޓް" އިން ކުރިއަށް ގެންދިޔަ "ނިރު ހެކަތޮން" ކާމިޔާބު ކުރި ހަތަރު ޓީމު ބައިވެރިކޮށްގެން ކުރިއަށް ގެންދާ ވާދަވެރި ތަމްރީން ޕްރޮގްރާމެކެވެ. ބާރަ ހަފުތާ އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އެ ހަތަރު ޓީމަށް އެ މީހުންގެ އިޖާދީ ހިޔާލުތައް ކުރި އެރުވުމަށް ފުރުސަތު ދިނުމެވެ.

ނިރު އެކްސަލަރޭޓަރުގެ ދެ ވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ބައިވެރިންނަށް މަރުހަބާ ކިޔެވެ.

"މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކުރުމަށް މި ހުނަރުވެރި ޓީމްތަކުން ކުރާ ބުރަ މަސައްކަތަށް، އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެއް،" ނަޖީބް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން އެ މީހުންގެ ވިޔަފާރި ކުރިއެރުވުމުގެ މަސައްކަތްކުރާނެ ތަނަކާއި އިތުރު ވަސީލަތްތައް ވަނީ އެ ހަތަރު ޓީމަށް ދީފަ އެވެ. އަދި އެ މީހުން ބޭނުންވާނެ އެކި ޑިޖިޓަލް އާލާތްތަކާއި، ތަޖުރިބާކާރުންގެ ޓެކްނިކަލް އެއްބާރުލުމާއި، ވިޔަފާރި ކުރިއެރުމަށް ބޭނުންވާނެ ފައިސާ ވެސް މި ޕްރޮގްރާމްގައި ބައިވެރިވާ ހަތަރު ޓީމަށް އުރީދޫން ފޯރުކޮށްދީފައި ވެއެވެ.

މި ތަމްރީނުގައި ބައިވެރިވަނީ މާލީ އެކި މައްސަލަތަކަށް ފަސޭހަ ހައްލެއް ފޯރުކޮށްދޭ، "ޗެޓްބޮޓް ކައުރީ" ތަރައްގީކުރާ ޓީމާއި، ސެންޓްރަލައިސް ކޮށްފައިވާ ކަނޑުދަތުރު މެނޭޖްމެންޓް ސިސްޓަމް "ކުނބު" ތަރައްގީކުރާ ޓީމާއި، އިންޓަނެޓް މެދުވެރިކޮށް ދިވެހިބަހުން ކިޔަވާދޭ ޕްލެޓްފޯމް "ޖަވާބު އެކަޑެމީ" ތަރައްގީކުރާ ޓީމާއި، އެކުލެވިގެންވާ ގޮތަކަށް ލޮޖިސްޓިކް އަދި ސަޕްލައިކުރުމުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކައް ހައްލެއް ގެނައުމަށް މަސައްކަތްކުރާ "ފްލޯބޯ" ތަރައްގީކުރާ ޓީމެވެ.

މި ތަމްރީން ފުރިހަމަ ކުރާ ޓީމުތަކަށް އެ މީހުންގެ ވިޔަފާރިތައް އިންވެސްޓަރުންނަށް ހުށަހަޅާނެ ފުރުސަތު ލިބޭނެ އެވެ. އަދި އުރީދޫން ކުރި އަށް ގެންދަން ރާވާފައި ހުރި އެހެން ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.