12 އޯގަސްޓް 2016 - 00:04

ފަރުދީ މިނިވަންކަމާއި ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށް ދޭން އިނގިރޭސިވިލާތުން މިއަދު ރާއްޖެ އަށް ގޮވާލައިފި އެވެ.
މިއަދު އަމަލުކުރަން ފެށި ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ގާނޫނަށް ފާޑުކިޔާ ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ފަހުން ރާއްޖޭން ވަނީ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ހައްގުތައް ގެއްލޭ ފަދަ ކަންތައްތަކެއް ކޮށްފަ އެވެ. އެ ކަންކަން ހައްލު ކުރަން އެދެވޭ ފިޔަވަޅުތަކެއް އަޅަން ސަރުކާރާއި މަޖިލީހުގެ އިތުރުން ޝަރުއީ ދާއިރާ އަށް އިނގިރޭސި ހައި ކޮމިޝަނުން ގޮވާލި އެވެ.
"އަދި ދިވެހި ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށް ދޭން ބާރު އަޅަމެވެ،" ބަޔާނުގައިވެ އެވެ.
އިންސާނީ ހައްގުތަކުގެ މައްސަލައިގައި އިނގިރޭސިވިލާތުން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ގޮތުން، ރާއްޖޭގައި ހައްގުތަކާއި ޑިމޮކްރެސީގެ ހާލަތު ގޯސްވަމުން ދާ ކަމަށް އިނގިރޭސި ސަރުކާރުން މިދިޔަ މަހު ބުނެފައިވެ އެވެ. އެހެން ބުނީ، ދިވެހި ސަރުކާރާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ ބައެއް އިސް ފަރާތްތަކަށް އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހަދަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުން އިއުލާންކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން، އަބުރު ރައްކާތެރިކުރުމަށް ބުނެ ހެދި ގާނޫނު، އިނގިރޭސިވިލާތުން މިއަދު ސިފަ ކުރީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހަތަށް ގެންދާނެ އެއްޗެއްގެ ގޮތުގަ އެވެ. އެ ގާނޫނުގެ ދަށުން ކުށަކަށް ވާ ކަންކަމާއި އަދަބުތައް މާނަކޮށްފައިވާ ފުޅާކަމުން އެއީ ބައިނަލްއަގުވާމީ މިންގަނޑުތައް، ހާއްސަކޮށް ކޮމަންވެލްތުގެ އުސޫލުތަކަށް ނުފެތޭ ގާނޫނެއް ކަމަށް އެ ގައުމުން ބުންޏެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ މިނިވަން، ޑިމޮކްރެޓިކް މުޖުއަމައެއްގެ މައިގަނޑު އަސާސެކެވެ،" ބަޔާނުގައިވެ އެވެ.
މިއަދު ތަސްދީގު ކުރި ގާނޫނުގެ ސަބަބުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ އިންޒާރު ނޫސްވެރިންނާއި އާއްމުންގެ ތެރެއިން އެތައް ބަޔަކު އައީ ދެމުންނެވެ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި މި ބިލް ގާނޫނަކަށް ވުމާ އެކު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ވެސް ފަހަތަށް ވެއްޓުނީ އެވެ.
އިނގިރޭސިވިލާތުގެ އިތުރުން، އީޔޫ އާއި އެމެރިކާ ހިމެނޭ ގޮތަށް ބޭރުގެ ބައެއް ޖަމާއަތްތަކާއި ގައުމުތަކުން މި ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ގޮތުން، މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވުމަށް އދ. އިން ވަނީ ރައީސް ޔާމީނަށް ގޮވާލާފަ އެވެ.