24 އޮކްޓޯބަރ 2018 - 07:16

އާދިއްތަ ދުވަހާ ގުޅޭ
ހޭލެވުނުއިރު އޮވެވުނީ ބަންޑުންނެވެ. އެ ގޮނޑީގައި ބަންޑުންޖެހެވޭނެ ގޮތެއް އާމިރަކަށް ނުވެސް ވިސްނެއެވެ. ހަންޑިހެއްލުމަކީ އާންމުކަމެކެވެ. އާމިރުގެ ނަޒަރުގައި އެއީ ކުދިކުދި ކަންތަކެވެ.
ފެންވަރަން ހުންނައިރު ބުރިކަށީގައި ތެތް އިސްތަށިގަނޑެއް ކަހަލަ އެއްޗެއް ޖެހޭހެން އާމިރަށް އަބަދުވެސް ހީވެއެވެ. ބައެއްފަހަރު ވަރަށް އުނދަގޫވެއެވެ. އެހެންވިޔަސް، އެ ކަމުން ސަލާމަތްވާން ކުރެވޭނެ ކަމެއް ނޯވެއެވެ. މީހުން ގާތުގައި އެ ފަދަ ވާހަކަ ދައްކާކަށް އާމިރަކަށް ނުކެރެއެވެ.
ދާނިޔާ އާއި އާމިރު ރައްޓެހިވިތާ ދެތިން ދުވަސްތެރޭގައި ދާނިޔާގެ ބޮލުގައިރިހެން ފެށިއެވެ. އެއީ ދާނިޔާއަށް ކުރިން ވީކަމެއް ނޫނެވެ. ބޮލުގައި ރިހެން ފަށާގޮތަށް، ވާނުވާ ނޭނގި އެތައް އިރަކު ދާނިޔާ ތެޅިފޮޅެއެވެ. ދާނިޔާގެ އާއިލާއަކީ ތަނަވަސް އާއިލާއެކެވެ. ފަރުވާކުރަން ކޮންމެ ތަނަކަށް ދާންޖެހުނަސް ދެވޭ ފެންވަރުގެ ބަޔެކެވެ. ދާނިޔާއަކީ ދެމަފިރިއެއްގެ ހަމައެކަނި ދަރިފުޅެވެ. ބޮލުގައިރިހުމުގެ އަސްލު ދަނެގަންނަން އެ މީހުން ސިންގަޕޫރަށާއި ބެންކޮކަށް ދިޔައެވެ. އެތަކެއް ޑޮކްޓަރުންނަކަށް ދެއްކިއެވެ. ކުޑަމިނުން ވާގޮތް ވެސް ނޭނގުނެވެ. އެހެންކަމުން ބޭހެއް ނުދެވުނެވެ. ދޭނެ ފަރުވާއެއް ނޭނގުނެވެ. ކޮންމެ ޑޮކްޓަރަކު ވެސް ކުރަނީ ހީއެކެވެ. ޑިޕްރެޝަން ނުވަތަ ކޮންމެވެސް ނުތަނަވަސްކަމެއްގެ ސަބަބުން ދާނިޔާގެ ސިކުނޑިއަށް ބާރުބޮޑުވަނީއެވެ. އާއިލާއަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. ދާނިޔާއަކީ އާއިލީ ފިއްތުމެއްގައި އުޅޭ ކުއްޖެއް ނޫނެވެ. އަތްމަތިދަތިކަމެއް، ހިތުގައިޖެހުމެއް ނެތެވެ. ތިމާގެމީހެއް ނުވަތަ ރައްޓެއްސަކާ ވެސް މައްސަލައެއް ނުޖެހެއެވެ. ވިސްނާވިސްނާ ވަރުބަލިވިއިރު ވެސް ޑިޕްރެޝަނަށް ދާންޖެހޭ ސަބަބެއް ދާނިޔާއަކަށް ވެސް ނުވިސްނުނެވެ.
ބެންކޮކުން މާލެއައިތަނާ އިންޑިޔާއަށް ދިޔުމަށް އެކުވެރިޔަކު ލަފާދިނެވެ. ބޮންބޭގައި ހުންނަ މާ މޮޅު ޑޮކްޓަރެއްގެ ނަމާއި ނަންބަރު ވެސް އޭނަ ދިނެވެ. އޭނައަކީ، ނަފުސާނީ ބަލިތަކަށް ފަރުވާދިނުމުގައި އިންޑިޔާގައި އެ ވަގުތު ހުރި އެންމެ މޮޅު އެކަކެވެ. ޖެހިގެން އައި ދުވަހު ދާނިޔާ ގޮވައިގެން އިންޑިޔާއަށް ފުރިއެވެ. އެ ޑޮކްޓަރާ ބައްދަލުވީ ތިން ދުވަހު މަސައްކަތް ކޮށްގެންނެވެ. އެތައް ޓެސްޓެއްހަދައިފައި އޭނަ ނިންމީ ނަފުސާނީގޮތުން ދާނިޔާގެ މައްސަލައެއް ނެތްކަމުގައެވެ. އެކަމަކު ބޮލުގައިރިހުން ހައްތަހާ ގަދަވަމުން ތޫނުވަމުންދިޔައެވެ. ޑޮކްޓަރުންގެ އެދުމުގެމަތިން ސިކުނޑިޔާ ބެހޭ މާހިރުންނަށް ވެސް ދާނިޔާ ދެއްކިއެވެ. ލިބެނީ އެއް ޖަވާބެކެވެ. ސިކުނޑީގައި މައްސަލައެއް ނެތެވެ.
ދާނިޔާއަށް ލުޔެއްހޯދައިދިނުމުގައި އާއިލާ ނުކުޅެދުނެވެ. މާލެއައިސް ދެން ހަދާނެގޮތަކާ މެދުގައި ވިސްނަމުންދަނިކޮށް ހަފީޒާއަށް އެ ގެއަށް ވަދެވުނެވެ. ހަފީޒާއަކީ ދާނިޔާގެ މަންމަ ފަރާތު ބޮޑުދައިތައެކެވެ. އެހެން ރަށެއްގައި އުޅޭ މީހެކެވެ. ހަފީޒާގެ އާންމު މަސައްކަތަކީ އަންހެނުންނަށް ރުޤްޔާކުރުމެވެ. ޖިންނިމޮޔަވެފައިތިބޭ އަންހެނުންނަށް، ޤުރުއާނުގެ އެހީގައި ފަރުވާހޯދައިދިނުމެވެ. އެ ދަތުރުގައި ދާނިޔާގެ ގެއަށް ހަފީޒާއަށް ވަދެވުނީ ފުރަން އޮތް ދުވަހުއެވެ. އެންމެ ބޮޑު ބޭނުމަކީ ދާނިޔާ ބަލިވެއުޅޭތީ އޭނައަށް ގޮވައިލުމެވެ. ފުރަތަމަ ދިމާވީ އާބިދާއެވެ. އެއީ ދާނިޔާގެ މަންމައެވެ. އާބިދާގެ މޫނުމަތިން ހަފީޒާއަށް ފެނުނީ ނުތަނަވަސްކަމެވެ. ގޮތްހުސްވެފައިވާކަމެވެ.
"އެ މަންޖެއަށް ކިހިނެއްތަ ވެގެން މި އުޅެނީ؟" ހަފީޒާ ސުވާލުކުރިއެވެ.
"ދެން ނޭނގެ ހަފީ،" ކަންބޮޑުވެފައި އާބިދާ ބުންޏެވެ. "ސިކުނޑި ހަމަ ސުމަކަށް ގޮއްސި. ނުދައްކާ ޑޮކްޓަރެއް ނެތް. މީހަކު ބުނިއްޔާ ބުނިހާ މީހަކަށް ދައްކައިފިން. ވީކަމެއް ނެތް."
އެހީވާން ހަފީޒާ ބޭނުމެވެ. އެހެންނަމަވެސް ހަފީޒާއަކީ ޑޮކްޓަރެއް ނޫނެވެ.
"ކުރިން ނުލާހިކު ރަނގަޅަށް ހުރި ކުއްޖެއްނު ދާނިޔާއަކީ،" ހަފީޒާ ކަންބޮޑުވެފައި ބުންޏެވެ. "ކިޔަވަން ނުލާހިކު މޮޅު. ހެސްކިޔާފަ ކުޅިވަރުތައް ކުޅޭ. ކިހާ މަޖާކޮށް އޭނަ އުޅުނީ."
"އާނއެކޭ!" އާބިދާ ވެސް އެއްބަސްވިއެވެ. "އަދި މި ކުއްޖަކާ ރައްޓެހިވިތަނާހެން މި ކަމެއް މި ލައިގަތީ. ދެން ކިހާ މައްސަލަ ބޮޑުވާނެ. ކޮޓަރިން ނުކުމެވެނީކީ ނޫން. މޫޑު ރަނގަޅުވެފަ ހުންނަ ވަގުތަކާ ދިމައެއް ނުވޭ. ކާހިތެއް ނުވޭ. ފެންވަރާހިތެއް ނުވޭ. ކުރިން ކިހާ ވަރަކަށް ފިލްމުބަލާ ގޭމްކުޅެ ހެދި. މިހާރު ހަމަ އެއްކަމެއް ވެސް ކުރާހިތެއް ނުވޭ. ކިހާ ދެރަކަމެއް އަޅެ މި ދިމާވީ. އެ ކުއްޖާ ރަނގަޅުތާ ރުޅިނުވެ ހުންނަކަން. އޭނަ ރުޅިވެއްޖެއްޔާ ދެން ނޭނގެ ވާނެ ގޮތެއް ވެސް."
ދާނިޔާގެ މަންމަޔާ ވާހަކަދައްކަން ހަފީޒާ އިންދައި އާމިރު ވަނެވެ. ބޮޑުކޮޓަރީގައި ހަފީޒާ އިށީނދެގެން އިން ސޯފާ ހުރަސްކޮށްފައި ދާނިޔާގެ ކޮޓަރިއަށް އާމިރު ވަނެވެ. އާމިރަށް ބަލަން އިރުކޮޅަކު ހަފީޒާ އިނެވެ.
"އެއީ ކާކު؟" ހަފީޒާ ސުވާލުކުރިއެވެ.
"އާމިރެއްނު!" އާބިދާ ބުންޏެވެ. "އެޔޭ ދާނިޔާ ރައްޓެހިވެގެން އުޅޭ ކުއްޖަކީ. ވަރަށް މޮޅަށް ކިޔަވައިގެން ހުރި ކުއްޖެއް. މި އުޅެނީނު މާ މުއްސަނދި ހަމްދާނެއް. އޭނަގެ ރިސޯޓާ ފިހާރަތައް ވެސް ހުންނާނެ. އޭނަގެ ދަރިއެއް. ދާނިޔާއާ ވާހަކަދައްކާލަން އެ އަންނަނީ. ދާނިޔާ އެ ތާކުން ނުނިކުންނާނެ ވިއްޔަ. އިރުކޮޅަކު ވާހަކަދައްކާލަން އިނދެފަ އޭނަ ހިނގައިދާނެ. ހާދަހާ ރަނގަޅު ކުއްޖެކޭ އެއީ. ދާނިޔާ ގިނަ ފަހަރަށް ހުންނާނީ ދޮންބޮޑުވެފަ. އެއްޗެހިވެސް ގޮވައިލާނެ. އެކަމަކު އާމިރު ހަމަ ހިނިތުންވެފަ ހުރެގެން ވާހަކަދައްކާނީ. އަހަރެން ނުދެކެން އެހާ އޯގާތެރި، ހިތްހެޔޮ ކުއްޖެއް."
ހަފީޒާގެ ހިތުގައި ސުވާލުތައް ފުނިޖެހި ނުތަނަވަސްކަން އުފެދުނެވެ. އެހެން މީހުންނަށް ފާހަގަނުވާ ކަމެއް ހަފީޒާއަށް ފާހަގަކުރެވިއްޖެއެވެ.
"އޭނަޔާ ރައްޓެހިވިތަނާތަ ދާނިޔާއަށް ތި ކަމެއް ދިމާވީ؟" ހަފީޒާ އެހިއެވެ.
"ސީދާ ދުވަހެއް ބުނާކަށް ނޭނގެ،" ވިސްނައިލައިފައި އާބިދާ ބުންޏެވެ. "ދެތިން ދުވަސް ކަންނޭނގެ ވާނީ."
ހަފީޒާ މަޑުމަޑުން ތެދުވިއެވެ. ބުނާނެ އެއްޗަކާ މެދު ވިސްނައިލިއެވެ.
"އެބަ އަންނަން އެ މަންޖެއަށް ގޮވައިލާފަ،" ހިނގައިގަންނަމުން ހަފީޒާ ބުންޏެވެ. "ދެން އަނެއްކާ ވެސް ނޭނގެ މާލެ އާދެވޭނެ ދުވަހެއް. ފުރަންދަމުން މި ވަދެލެވުނީ. ތި އާމިރެއް ވެސް ޖެހޭނެއްނު ތަންކޮޅެއް ކައިރިން ބަލައިލަން. އޭނަ ވެސް ޖެހޭނެއްނު ބޮޑުދައިތަޔާ ރައްޓެހިވެ ހަލޯ ހައި ކިޔާލަން."
ހަފީޒާ ގޮސް ދާނިޔާގެ ކޮޓަރީ ދޮރުމައްޗަށް ހުއްޓުނެވެ. ދާނިޔާ އޮތީ އެނދުގައެވެ. އާމިރު އެނދުގައި އިށީނދެލައިގެން އިނެވެ. އޭރު ވެސް ދާނިޔާ ހީވަނީ ކޮންމެވެސް ޝަކުވާއެއް ކުރާހެންނެވެ. ހަފީޒާ ފެނުމުން ދާނިޔާގެ ރާގު ބަދަލުކޮށްލިއެވެ.
"އާދޭއާދޭ!" ދާނިޔާ ގޮވައިލިއެވެ. "ކީއްވެ ދޮރުމަތީގަ ތި ހުންނަނީ؟"
ހަފީޒާ ވަނުމުން އާމިރަށް ހަފީޒާ ތައާރުފުކޮށްދިނެވެ. އެކަކުއަނެކަކާ ސަލާންކުރިއެވެ. ހަފީޒާގެ ދެ ލޯ އާމިރުގެ މޫނުން ނުނެއްޓެއެވެ. އިރުކޮޅަކު ވާހަކަދައްކާލަން ހުރެފައި ހަފީޒާ އައިސް އާބިދާ ގޮވައިގެން އާބިދާގެ ކޮޓަރިއަށް ވަނެވެ.
"ކިހިނެއްވީ؟" އާބިދާ ހައިރާންވެފައި ބުންޏެވެ.
"މާ ދިގުކޮށް މި ވާހަކަ ކިޔައިދޭން ހުންނާކަށް ވަގުތެއް ނެތް،" ހަފީޒާ ގަޑިއަށް ބަލައިލައިފައި ބުންޏެވެ. "މަ ބުނާނެ ވާހަކައެއް ނެތް. އެ ދެ މީހުން ދުރުކުރޭ!"
އާބިދާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އާމިރަކީ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ގަދަރުވެރި އާއިލާއެއްގެ ކުއްޖެކެވެ. ދެ އާއިލާ ގުޅެއެވެ. ދާނިޔާ ދެކެ އާމިރު ނުލާހިކު ލޯބިވެއެވެ. ދާނިޔާއަށް ވުރެ މާ ރަނގަޅު ކުދިން އާމިރަށް ލިބޭނެއެވެ. އެކަމަކު ދާނިޔާ އެހާ ބަލިވެއުޅޭއިރު ވެސް އާމިރުގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އެ ފަދަ ރަންގަނޑެއް ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ މައްސަލައަކީ ކޮބައި ހެއްޔެވެ؟
"ކިހިނެއްވީތަ؟" މަޑުމަޑުން އާބިދާ އެހިއެވެ. "އެއީ ވަރަށް ރަނގަޅު ކުއްޖެކޭ ހަފީޒާ. އޭނަޔާ ބެހޭ ގޯސް އެއްޗެއް އެނގިފައޮތީތަ؟ އަހަރުމެން ވެސް ވަރަށް ރަނގަޅަށް ބެލިން އާމިރަކީ ކޮންކަހަލަ ކުއްޖެއްތޯ. ގޯސްކަމެއް ފާހަގައެއް ނުކުރެވުނު. އޭނަޔާ ބެހޭގޮތުން އެއްވެސް ކަހަލަ އަޑެއް ވެސް އަރާފައެއް ނެތް."
"މަށަށް ވަރިހަމަ ކިތަންމެ ރަނގަޅު ކުއްޖަކަސް،" ހަފީޒާ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "ދާނިޔާ އޭނަޔާ ދުރުކުރޭ! ހެޔޮނުވާނެ! ހަމަ ދުރުކުރާއިރަށް ދާނިޔާގެ ތި ހުރިހާ ބައްޔެއް އެއްފަހަރުން ރަނގަޅުވާނެ."
އާބިދާގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ބުނާ ކަހަލައެވެ. ތީ ކިހާ ތާކުންތާކުނުޖެހޭ ކަހަލަ ވާހަކައެއް ހެއްޔެވެ؟ ގަބޫލުކުރަނީ ކިހިނެއް ހެއްޔެވެ؟
"ދެން ހަފީ ވެސް ތި ކަހަލަ، ކުރީޒަމާނުގެ ތާކުންތާކުނުޖެހޭ ވާހަކަ ގަބޫލުކުރަންތަ؟" ޗޮކެއްކަނޑައިފައި އާބިދާ ބުންޏެވެ. "ތީ ދެން މި ޒަމާނުގަ މީހުން ދައްކާ ކަހަލަ ވާހަކަތަ؟ ހީވޭތަ ތިހެން ހަމަ އަހަރެން ބުނެލާއިރަށް އެ ކުދިން ރުޅިވާނެހެން؟ އަހަރެން މިހިރަ މުސްކުޅި މީހާއަށް ތި ވާހަކަ ގަބޫލު ނުކުރެވުނުއިރު އެ ކުދިން ހީވޭތަ ގަބޫލުކުރާނެހެން. ޕްރޮފެސަރުން ފެންވަރުގެ މީހުންނަށް ދެއްކީމަ.."
"ތި ބުނާ ޕްރޮފެސަރުންނަށް ދާނިޔާ ރަނގަޅުކުރެވުނުތަ؟" ހަފީޒާ މަޑުމަޑުން ބުންޏެވެ. "ދާނިޔާއަށް ވާ ގޮތް އެނގުނުތަ؟ މަ މި ބުނާ ގޮތް ހަދައިފިއްޔާ ހަމަ މުޖައްރިބު ދާނިޔާ ރަނގަޅުވާނެ. ބޭނުންތަ ދާނިޔާ ރަނގަޅުވާން؟"
އާބިދާއަކަށް ގަބޫލެއްނުކުރެވުނެވެ. ވިސްނާކަށް ވެސް ބޭނުމެއް ނުވިއެވެ.
"ތި ނޫން އެހެން ކަމެއް ބުނޭ!" އާބިދާ އެދުނެވެ.
"ތިހެންވިއްޔާ އަޅާނުލާ!" ހަފީޒާގެ ޝައުޤުވެރިކަން ގެއްލުނު ކަހަލައެވެ. "އެންމެ ފަހުން ގޮސް ތި ބަލި ވާނީ ދާނިޔާގެ މަރުބައްޔަށް. ހަނދާންކުރާތި! އާބިދާ ޖެހޭނެ ޒިންމާވާން. ފަހުން ރޮއިރޮއިފަ ނުކިޔާތި ހަފީ ބުނި ގޮތް ހެދުނު ނަމައޭ، ހަފީ ބުނި ގޮތް ހެދުނު ނަމައޭ."
ހަފީޒާ ނުކުންނަން ހިނގައިގަތެވެ.
"އަސްލު ކީއްވެ ވާ ގޮތެއްތަ އެއީ؟" އާބިދާ އެހިއެވެ.
ހަފީޒާ ހުއްޓުނެވެ. އެކަމަކު އާބިދާގެ ސުވާލަކަށް ޖަވާބެއް ނުދިނެވެ.
"މަ ބުނާ ގޮތަށް ކަންތައް ނުކޮށް ތި ސުވާލު ނާހާ،" ހަފީޒާ ބުންޏެވެ. "އަހަރެން ދޭ ޖަވާބު އާބިދާއަށް މާ ގަބޫލުނުކުރެވޭނެ."
ހަފީޒާ ނުކުމެގެން ދިޔައީއެވެ. އާބިދާ ހުރި ފިޔަވަޅުމަތިން ގުޑާލަން ނޭނގިފައި ހުއްޓެވެ. ހަފީޒާ ބުނި ދުވަހެއް އަތުވެއްޖެއްޔާ ދުވަހަކު ވެސް އާބިދާއަކަށް އަމިއްލަ ނަފުސަށް މާފެއް ނުކުރެވޭނެއެވެ. އެކަމަކު އާމިރާއި، ދާނިޔާގެ ބައްޔާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އާބިދާ ހަމަ ބުނެލާއިރަކަށް ދާނިޔާ ރުޅިއެއް ނުވާނެއެވެ. އާބިދާގެ ވާހަކަ ދާނިޔާ ގަބޫލެއް ވެސް ނުކުރާނެއެވެ. އަނެއްކޮޅުން އެއީ ތެދެއްކަމެއް އާބިދާއަކަށް ވެސް ޔަގީނެއް ނޫނެވެ. އެހެންނަމަވެސް، އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ފުނަށް އާބިދާގެ ކަރުގައި އެ ކަށި ތާށިވިއެވެ.
ނުނިމޭ