23 އޮކްޓޯބަރ 2018 - 21:53

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު މުހަންމަދު އިސްތިއުފާ ދެއްވަން ނިންމެވި ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.
"މެޖޯރިޓީ އެމްޕީ އިން އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް އެކަން ކަށަވަރު ކޮށްދެއްވާފައިވާތީ ގާނޫނުއަސާސީގެ 82ގެ ނޫނުގައިވާ ގޮތަށް މަޖިލީހުގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން،" މަސީހު ގެ ފޯނު ނަންބަރުން ލިބިިފައިވާ އެސްއެމްއެސްއެއްގައި ވެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ގުޅުމުން އެމަނިކުފާނު ފޯނެއް ނުނަންގަވަ އެވެ.
މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާ ދެއްވަން މި ނިންމެވީ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 45 މެމްބަރަކު ސޮއިކުރައްވައި، މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރަން މާދަމާ ހުށަހަޅަން ތައްޔާރުވެފައި އޮއްވަ އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މި މަސައްކަތް ކުރަނީ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރު އެވެ. ފުރަތަމަ ފަހަރު ރޯލް ކޯލް ވޯޓިން އަކަށް ގޮސް މަސީހަށް އިތުބާރު އޮތް ކަމަށް ފާސްވި އެވެ. އަދި 45 މެމްްބަރުންގެ ސޮޔާ ދެ ވަނަ ފަހަރު އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު ސޮއިކުރި 12 މެމްބަރެއްގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލައި، އެ ހުށަހެޅުން ބާތިލް ވެގެން ދިޔަ އެވެ.