އެޗްޑީސީގެ މުވައްޒަފުންގެ މަސައްކަތު ގަޑި މަދުކޮށްފި
އެޗްޑީސީގެ މުވައްޒަފުންގެ މަސައްކަތު ގަޑި މަދުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރާ ވަގުތަށް ބަދަލު ގެނެސް، އެކަން މުވައްޒަފުންނަށް އަންގައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ސޮއި ކުރައްވައި، ހުރިހާ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވަނީ ކުންފުނީގެ ކޭޝްފްލޯ ހުރި ގޮތުން ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި އިރުއޮއްސި 6:00 އާ ހަމައަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންވެ، މުވައްޒަފުންގެ އިތުރު ވަގުތު މަދުކޮށް ރަސްމީ ގަޑީގެ އިތުރުން ކުރާ މަސައްކަތްތައް މަދުކޮށް ދިނުމަށް ވެސް ނާސިފް ފޮނުއްވި މެމޯގައިވެ އެވެ. އެކަމަކު ޝިފްޓު ޑިއުޓީގައި މަސައްކަތް ކުރާ މުއައްޒަފުންގެ މަސައްކަތުގެ ގަޑިއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މެމޯގައިވެ އެވެ.

އެޗްޑީސީގައި މި ވަގުތު، 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މެމޯގައި ވަނީ އެޗްޑީސީގެ އެއްވެސް މަސައްކަތެއް އިރުއޮއްސި 6 ގެ ފަހުން އެކަން ދުރާލައި އަންގައި ހިއުމަން ރިސޯސެސްގެ ހުއްދައާއެކު ނޫނީ ކުރިއަށް ނުގެންދިއުމަށް ވެސް އެދިފަ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ކެމްޕޭނަށް އެޗްޑީސީން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ ކަމަށް އެތަނުގެ އިސް މުވައްޒަފުންތަކެއް ހާމަކުރި ލިޔެކިޔުންތަކުން ވަނީ ފަޅާ އަރައިފަ އެވެ. އެކަމަކު، އެ ތުހުމަތުތައް އެޗްޑީސީން ދޮގު ކުރެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 400،000ރ.ގެ މަގުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ސަރުކާރުން ނިންމީ، އެޗްޑީސީ އަށް މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށެވެ.