23 އޮކްޓޯބަރ 2018 - 16:11

ރިޔާޒް (އޮކްޓޯބަރު 23) - ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ބައިނަލްއަގުވާމީ ގޮތުން އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ސައުދީ އަރަބިއާ ވަނީ "މައްސަލަގަނޑެއްގެ ތެރޭގައި" ކަމަށް އެ ގައުމުގެ ތެލާ ބެހޭ ވަޒީރު ޚާލިދު އަލް ފާލިހް ވިދާޅުވެއްޖެ އެވެ.
ސައުދީގައި މިއަދު ފެށި ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް ފޯރަމްގައި ވާހަކަ ދައްކަވަމުން ފާލިހް ވިދާޅުވީ މިއީ ސައުދީ އަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެކަމުގެ ދިފާއުގައި ސައުދީގެ އެއްވެސް މީހަކަށް އެއްޗެއް ނުބުނެވޭނެ ކަމަށެވެ.
ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގައި މިއަދު ސަމިޓް ފެށީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު އެވެ. ސަމިޓުގައި ވަނީ ރަޝިޔާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުގެ ވެރިޔާ ކިރިލް ދިމިތުރިޔޭފް އާއި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ބައިވެރިވެވަޑައިގަންނަވަ އެވެ.
ނޫސްވެރިޔާގެ މަރަށް ފަހު ގިނަ ބަޔަކު ވަނީ ސަމިޓް ބޮއިކޮޓް ކޮށްފަ އެވެ.