ފައިސާ ފޭރުނީ ދުރާލައި ރާވައިގެން ކަމަށް ބެލެވޭ: މޯލްޑިވް ގޭސް
ފައިސާ ފޭރުނީ ދުރާލައި ރާވައިގެން ކަމަށް ބެލެވޭ: މޯލްޑިވް ގޭސް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ބޭންކަށް ޖަމާ ކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ މަގުމަތިން ފޭރިގަނެފައި ވަނީ ދުރާލައި ރާވައިގެން ކަމަށް ބެލެވޭ ކަމަށް އެ ކުންފުނީ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވް ގޭހުން ބޭންކަށް ޖަމާކުރަން ގެންދިޔަ 181،536ރ. ފޭރިގަނެފައި ވަނީ ހުޅުމާލޭ މަގުމަތިންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދިޔަ ނަމަވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ބޭންކަށް ޖަމާ ކުރަން ގެންދިޔަ ފައިސާ ފޭރުނު ގޮތާއި ދުވަހަށް ބަލާއިރު އެއީ ދުރާލާ ރާވައިގެން ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

"ހަފްތާ ބަންދު ނިންމާފައި ޖެހިގެން އައި ރަސްމީ ދުވަހު މިކަން ކޮށްފައި މި އޮތީ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މިއީ ދުރާލާ ރާވައިގެން ހިންގާފައި އޮތް އަމަލެއް،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ގޭހުގެ ހެޑް އޮފް ފައިނޭންސް އަހުމަދު ރަމީޒު ވިދާޅުވީ އެ ކުންފުނީގެ ފައިިސާތައް ފޭރިގަނެފައި ވަނީ ސަލަމާތީ ފިޔަވަޅުތައް ވެސް އަޅާފައި ހުއްޓާ ކަމަށެވެ.

"ސައިކަލުގައި ބޭންކަށް ފައިސާ ޖަމާ ކުރަން ދިޔަ މަގުމަތިން ފޭރިފައި ވަނީ. ސައިކަލު ދުއްވަން އިނީ ސެކިއުރިޓީ ޓީމުގައި ހިމެނޭ މީހަކު. ފައިސާ ހިފައިގެން އިން މުވައްޒަފު އިނީ ސައިކަލު ފަހަތުގައި،" އޭނާ ވިދާޅުވި އެވެ.

މިއީ މިފަހުން ހުޅުމާލޭގައި ފޭރުމުގެ ބޮޑު ކުށެއް ހިންގި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޖުލައި މަހު އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބޭންކަށް ޖަމާކުރަން ގެންދިޔަ 2.7 މިލިއަން ރުފިޔާ ބަޔަކު ވަނީ މަގުމަތިން ފޭރިގަނެފަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ހައްޔަރު ކުރި އެކެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ.