23 އޮކްޓޯބަރ 2018 - 15:54

ރިޔާޒް (އޮކްޓޯބަރު 23) - ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ އެމެރިކާގެ އިސް އޮފިޝަލަކު ރިޔާޒްގައި ބައްދަލުކޮށްފި އެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވް މެނޫޗިން، މުހައްމަދު ބިން ސަލްމާންއާ ބައްދަލުކޮށްފައި ވަނީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީ އަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދުވަސްވަރެއްގަ އެވެ. ސައުދީގައި މިއަދު ފެށި އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރި ނުވުމަށް ވެސް މަނޫޗިން ކުރިން ވަނީ ނިންމައިފަ އެވެ.
މެދުއިރުމައްޗަށް ކުރައްވާ ދަތުރެއްގައި ސައުދީ އަށް ވަޑައިގެންނެވި މެނޫޗިން އާއި މުހައްމަދު ބާއްވާފައި ވަނީ ސިއްރު ބައްދަލުވުމެކެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުގެ ތަރުޖަމާން ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އިގްތިސާދީ އަދި ކައުންޓަ-ޓެރަރިޒަމާ ގުޅޭ ކަންކަމުގެ އިތުރުން ޚާޝޮގްޖީގެ މަރާ ގުޅޭ ގޮތުން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޫސްވެރިޔާގެ މަރުގެ ތަހުގީގުގެ އެންމެ ފުނަށް ފީނާނެ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ތަހުގީގަށް އެހީތެރިވުމަށް ސީއައިއޭގެ ޑިރެކްޓަރު ގިނާ ހަސްޕެލް ވަނީ ތުރުކީ އަށް ފޮނުވައިފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވީ ނޫސްވެރިޔާ މަރާލީ ދުރާލައި ރާވައިގެން ކަމަށެވެ.