ޚާޝުގްޖީ މަރާލީ ދުރާލައި ރާވައިގެން: އުރުދުޣާން
ޚާޝުގްޖީ މަރާލީ ދުރާލައި ރާވައިގެން: އުރުދުޣާން

އަންކަރާ (އޮކްޓޯބަރު 23) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައިވަނީ ދުރާލައި ރާވައިގެން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ޚާޝުގްޖީ މަރާލީ ދުރާލައި ރާވައިގެން: އުރުދުޣާން
ޚާޝުގްޖީ މަރާލީ ދުރާލައި ރާވައިގެން: އުރުދުޣާން

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަން ފަހުން މަރާލި ނޫސްވެރިޔާގެ މަރުގެ ހަގީގަތް ސާފުކޮށް ދިނުމަށް ތުރުކީ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާ މަރާލީ ވަރަށް އަނިޔާވެރި ގޮތަކަށްކަން ދޭހަވާ ހެކި ތުރުކީ އަށް ލިބިފައިވާ ކަމަށެވެ.

"ނޫސްވެރިޔާ މަރާލި ދުވަހު 15 މީހަކު އިސްތަންބޫލަށް ދިޔައީ ކީއްވެތޯ ކޮންމެ މީހެއްގެ ވެސް ހިތުގައި ސުވާލު އުފެދޭނެ. އެ މީހުން ފޮނުވީ ކޮން ބައެއްތޯ ބަލަން ބޭނުންވޭ. ސައުދީން ތަހުގީގުކޮށް އެ މީހުންގެ ނަންތައް ތިރިން މައްޗަށް ހާމަކުރަން ގޮވާލަން،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވަނީ ޚާޝޮގްޖީގެ ހަށިގަނޑު އޮތް ތަނެއް ބުނެދިނުމަށް ވެސް ގޮވާލައްވައިފަ އެވެ. މީގެ އިތުރުން ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ހައްޔަރު ކުރި މީހުންގެ ޝަރީއަތް ހިންގަން ޖެހޭނީ އިސްތަންބޫލްގައި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އެ މައްސަލަ ތަހުގީގު ކުރުމުގައި ސައުދީ ރަސްގެފާން ސަލްމާންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

ނޫސްވެރިޔާ މަރާލުމުގެ ކުރިން ކޮންސިއުލޭޓުގެ ސާވެލަންސް ސިސްޓަމް ޑިއެކްޓިވޭޓް ކޮށްފައިވާ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. ނޫސްވެރިޔާގެ މަރުގެ މައްސަލަައިގެ ތަހުގީގު ކުރުމަށް ވަކި ފަރާތަކަށް ނުޖެހޭ ކޮމިޝަނެއް އުފެއްދުމަށް އުރުދުޣާން ވަނީ ގޮވާލައްވައިފަ އެވެ.

"އެ މީހުން އެންމެ ފުރަތަމަ ވަނީ ކެމެރާ ސިސްޓަމުން ހާޑް ޑިސްކް ނަގާފައި. މިއީ ސިޔާސީ ގަތުލެއް. އެކަން ކުރި މީހުންނަށް އަދަބު ލިބެން ޖެހޭނެ،" އުރުދުޣާން ވިދާޅުވި އެވެ.

ނޫސްވެރިޔާ މަރާލީ މި މަހު 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ.