24 އޮކްޓޯބަރ 2018 - 07:18

އަންނަ އަހަރު 5ޖީ ސްމާޓްފޯނުތައް މާކެޓަށް ނެރޭނެ އެވެ. ސެމްސަންގް، ވާވޭ، އެލްޖީ، އޮނާ އަދި ލެނޮވޯ އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށް އަދި އަންނަ އަހަރު 5ޖީ ފޯނުތައް ނެރޭނަކަން ކަށަވަރުކޮށްދީފަ އެވެ. އަނެއްކޮޅުން މި ލިސްޓަށް ވަންޕްލަސް މިހާރު ވަނީ އިތުރުވެފަ އެވެ.
ސްމާޓްފޯން މާކެޓް 5ޖީ އަށް އަހުލުވެރިވެގެން ދާއިރު، 5ޖީ ފެންވަރުގެ ސްމާޓްފޯނެއް ނެރުމަކީ ކޮންމެ ކުންފުންޏަކަށް ވެސް ނުހަނު ބޮޑު ފަޚުރަކަށް ވާނެ އެވެ. ވަންޕަލްސް ބުނަނީ 5ޖީ ފޯނެއް އެންމެ ފުރަތަމަ ލޯންޗްކުރާ ކުންފުންޏަކަށް އެ މީހުން ވާން މަސައްކަތްކުރާނެ ކަމަށެވެ.
ސެމްސަންގް އެސް10 އަދި ނުނެރެ އެވެ. ބުނެވޭ ގޮތުގައި އަންނަ އަހަރު ފެބްރުއަރީގައި އޮންނަ މޮބައިލް ވޯލްޑް ކޮންގްރެސް 2019 ގައި އެ ފޯނު ދައްކާލާނެ އެވެ. އެސް10 އާ ބެހޭ ގިނަ މައުލޫމާތުތަކެއް އާންމުވެފައި ވި ނަމަވެސް، އެއީ 5ޖީ ފޯނެއްކަން އަދި ކަށަވަރުނުވެ އެވެ. އެހެން ނަމަވެސް، އެސް10 އަކީ 5ޖީ ފޯނަކަށް ވެދާނެ ކަމަށް ބުނެވެ އެވެ.
ވަންޕްލަސްގެ އޮފިޝަލަކު ބުނި ގޮތުގައި، އަންނަ އަހަރު އެ މީހުންނަށް އޮތް އެންމެ ބޮޑު ވާދަވެރިކަމަކަށް ވާނީ 5ޖީ ފޯނެއް އުފެއްދުމެވެ. އަދި އާންމުނަށް ގަނެވޭ ފެންވަރުގެ އަގެއް ކަނޑައެޅުމެވެ. އޭނާ ބުނި ގޮތުގައި، 5ޖީ ފޯނެއް ނެރުނު ނަމަވެސް، ވަންޕްލަސް އިން އަހަރަކު އެއްފަހަރު ފޯނުތައް ނެރޭ ތަރުތީބު ދަމަހައްޓާނެ އެވެ. މާނަ އަކީ 5ޖީ ނޫން ފޯނުތައް ވެސް އަދި ނެރޭނެ ކަމެވެ.