23 އޮކްޓޯބަރ 2018 - 12:37

ރިޔާޒް (އޮކްޓޯބަރު 23) - ސައުދީ އަރަބިއާގައި މިއަދު ފަށާ އިންވެސްޓްމަންޓް ފޯރަމްގެ ވެބްސައިޓް ހެކްކޮށްފި އެވެ.
ފިއުޗާ އިންވެސްޓްމަންޓް އިނީޝިއޭޓިވްގެ ނަމުގައި ބާއްވާ ސަމިޓުގެ ވެބްސައިޓް ހެކްކުރިތާ ހަ ގަޑިއިރު ފަހުން ވަނީ ރަނގަޅުކޮށްފަ އެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެގުމުގެ ދަށުން ބާއްވާ ސަމިޓަށް މި ފަހަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެން ބައެއް ފަރާތްތަކުން ސަމިޓް ބޮއިކޮޓް ކުރުމެވެ.
"ޑާވޯސް އޮފް ދަ ޑެޒާޓް"ގެ ނަމުން މަޝްހޫރު ސަމިޓް އިންތިޒާމް ކުރަނީ ސައުދީ އަރަބިއާގެ ސޮވެރިން ވެލްތު ފަންޑުންނެވެ. ތިން ދުވަހުގެ މުއްދަތައް ބާއްވާ ސަމިޓުން ސައުދީގައި އިންވެސްޓް ކުރުމަށް ކުންފުނިތަކަށް ރަނގަޅު ފުރުސަތެއް ލިބިގެން ދެ އެވެ.
ސަމިޓުގައި ވަނީ 140 ކުންފުންޏެއްގެ ފަރާތުން 150 ތަޖްރިބާކާރުން ތަގްރީރު ކުރަން ހަމަޖެހިފަ އެވެ. ނަމަވެސް އެ އަދަދު މަދުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.