11 އޯގަސްޓް 2016 - 18:50

އާ ވައްތަރެއްގެ ސިގިރެޓެއްގެ އިޝްތިހާރު ހިމަނައިގެން ވިއްކަމުންދާ ސިގިރެޓް ފޮށިތައް ރާއްޖޭގައި ވިއްކުމާއި ބެހުން ވެސް މަނާކޮށްފި އެވެ.
ރާއްޖޭގައި އާންމުކޮށް ވިއްކަމުންދާ ސިގިރެޓް ބްރޭންޑެއްގެ ބައެއް ފޮށިތަކުގެ އެތެރޭގައި އެ ބްރޭންޑްގެ އާ ސިގިރެޓް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް ބުނާ ކުޑަ ކާޑުކޮޅެއް ހުރެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިޝްތިހާރު ހިމެނޭ ލިޔުންކޮޅު ހުންނަ ސިގިރެޓް ފޮށިތައް ދައުރު ވަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެފަދަ ސިގިރެޓް ފޮށިތައް ވިއްކުމާއި ހިލޭ ބެހުމަކީ ވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށެވެ.
އެހެންވެ، އެ އިޝްތިހާރު ހިމެނޭ ސިގިރެޓް ފޮށި ވިއްކުން ހުއްޓާލުމަށް އެ ބަޔާނުގައި އަންގާފައިވެ އެވެ. އަދި އެފަދަ ފޮށި ވިއްކާތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި އެއްވެސް ތަނެއްގެ ސްޓޮކްގައި އެފަދަ ފޮށިތައް ހުރެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ބުނާ ގޮތުން އެއްވެސް ބާވަތެއްގެ ދުންފަތެއް ނުވަތަ ސިގިރެޓް ފަދަ ތަކެތި އެއްވެސް ގޮތަކަށް އިޝްތިހާރު ކުރުމަކީ ކުށެކެވެ. އެކަން ކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނެ އެވެ.