25 އޮކްޓޯބަރ 2018 - 07:09

ޓީ ސީރީޒާއި އާމިރު ހާން ގުޅިގެން އުފައްދަން ނިންމި ފިލްމު "މޮގުލް" ލިޔެ، ޑައިރެކްޓް ކުރަން ހަވާލުކުރި ސުބާޝް ކަޕޫރްގެ މައްޗަށް ރޭޕްގެ ތުހުމަތުކުރުމުން އާމިރް ޚާން އެ ފިލްމުން ވަކިވެފައި ވަނިކޮށް، ސުބާޝް ލައްވައި ފިލްމު ނަހަދަން ޓީ ސީރީޒުން ނިންމުމުން އާމިރު އެނބުރި އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އާމިރު މި ފަހަރު ހަމައެކަނި "މޮގުލް" ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާނީއެއް ނޫނެވެ. އޭގެ އިތުރަށް އޭނާ ވަނީ ފިލްމުގެ ޓައިޓްލް ރޯލް ވެސް ކުޅެން ނިންމާފައި ކަމަށްވެ އެވެ. މުމްބާއީ މިރާއިން ބުނި ގޮތުގައި އާމިރު މިހާރު ފެންނަ ލުކަކީ އޭނާ ފިލްމުން ފެންނާނެ ގޮތެވެ.
"މޮގުލް" އަކީ ޓީ ސީރީޒް ހިންގުމާ މިހާރު ހަވާލުވެ ހުރި ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ބައްޕަ އަދި އެ ކުންފުނީީގެ ބާނީ ގުލްޝަން ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.
އުމުރުން 41 އަހަރުގައި މަރައިލި ބުޝަންއަކީ 80 ގެ އަހަރުތަކުން ފެށިގެން 90 ގެ އަހަރުތަކުގެ ތެރޭގައި ހިންދީ މިއުޒިކް އިންޑަސްޓްރީ އަށް އިންގިބާލެއް ގެނައި މަގުބޫލު އެތައް ލަވަތަކެއްގެ ފަހަތުގައި ހުރި ޕްރޮޑިއުސަރެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ ގުލްޝަންގެ ރޯލް ކުޅެން އާމިރު ނިންމާފައިވާ ކަމަށް ބުނާ އިރު، ބުޝަން އަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފައިވާ ކަމެވެ.
އެކަމަކު "ޔާރިޔަން" އާއި "ސަނަމް ރޭ" ފަދަ ފިލްމުތައް ޑައިރެކްޓް ކުރި ކުރީގެ ބަތަލާ ދިވްޔާ ކޮސްލާގެ ފިރިމީހާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، އަބުރު ކަތިލަން އުޅޭ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ.
"މޮގުލް" އެންމެ ފުރަތަމަ މިދިޔަ އަހަރު އިއުލާން ކުރީ އަކްޝޭ ކުމާރު ޓައިޓްލް ރޯލް ކުޅޭ ގޮތަށެވެ. އެކަމަކު ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން އޭނާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "މޮގުލް" ގެ ވާހަކަ އާމިރަށް ވަރަށް ބޮޑަށް ކަމުދާތީ އޭނާ ފިލްމުގައި އެކްޓް ކުރަން ނިންމުމުން މިހާރު ބުޝަން މިހާރު ވަނީ ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލު ސޮނާކްޝީ ސިންހާ އަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އަންނަ އަހަރުގެ ކްރިސްމަސްގައި ފިލްމު ރިލީޒް ކުރަން އަމާޒު ހިފާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.