24 އޮކްޓޯބަރ 2018 - 07:21

އަންނަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރަން އޮފް ގަލް ގެޑޯގެ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން" ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު ތިން ވަނަ ފަހަރަށް ބަދަލުކޮށްފި އެވެ.
ވާނާ ބްރަދާޒް އިން އެންމެ ފުރަތަމަ މި ފިލްމު އިއުލާންކުރީ ޑިސެމްބަރު، 13، 2019 ގައި ރިލީޒް ކުރާ ގޮތަށެވެ. އެކަމަކު ފަހުން ވަނީ ނޮވެމްބަރު، 1، 2019 އަށް އަވަސްކޮށްފަ އެވެ.
މިހާރު ތާރީހަށް ގެނައި ބަދަލާ އެކު "ވޮންޑަ ވުމަން 1984" ގެ ނަން ދީފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން، 5، 2020 ގަ އެވެ. ނަމަވެސް ފިލްމު ރިލީޒް ކުރަން ކުރިން ނިންމި ތާރީހަށް ވުރެ ހަތް މަސް ފަހަށް ފަސްކުރި ސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ.
އެ ތާރީހަށް ކުރިން ތާވަލުކޮށްފައި އޮތް މާކް ވޮލްބާގްގެ ސައިންސް ފިކްޝަން/އެޑްވެންޗާ ފިލްމު "ސިކްސް މިލިއަން ޑޮލާ މޭން" މިހާރު ވަނީ ތާވަލުން ބޭރުކޮށްފަ އެވެ. އެހެންވެ "ވޮންޑަ ވުމަން 1984" އާ އެކު އިތުރު ފިލްމެއް އެ ތާރީހުގައި ސިނަމާއަކަށް ނާންނާނެ ކަމެވެ.
ވާނާ ބްރޮސްގެ ޑޮމެސްޓިކް ޑިސްޓްރިބިއުޝަން ރައިސް ޖެފް ގޮލްޑްސްޓެއިން ބުނީ މި ބަދަލާ އެކު "ވޮންޑަ ވުމަން 1984" އަށް ބޮކްސް އޮފީހުގައި ހަމަޖެހިލައިގެން، ބޮޑު ކާމިޔާބީއެއް ހޯދޭނެ ކަމަށެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ވޮންޑަ ވުމަން" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމު ވެސް ރިލީޒް ކުރީ ޖޫން މަހުގެ ތެރޭގަ އެވެ. އަދި މިއީ އަންހެން ސުޕަ ހީރޯ ކެރެކްޓާއެއް ލީޑް ކުރާ ފިލްމަކަށް ރިކޯޑް އަދަދެއްގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
ގާތްގަނޑަަށް 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އަންހެން ޑައިރެކްޓަރު ޕެޓީ ޖެންކިންސް ގެނެސް ދިން "ވޮންޑަ ވުމަން" އަށް ބޮކްސް އޮފީހުގައި 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ "ވޮންޑަ ވުމަން 1984" ގެ ކާސްޓުން ގަލްއާ އެކު ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ކޮނީ ނީލްސެން، ރޮބިން ރައިޓް އަދި އިންޑިއާގެ ބަތަލާ ސައުންދަރިއާ ޝަރްމާ ވެސް ފެނިގެން ދާނެ އެވެ.