23 އޮކްޓޯބަރ 2018 - 10:25

މެޑްރިޑް (އޮކްޓޯބަރު 23) – ރެއާލް މެޑްރިޑަށް ދިމާވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޖެނުއަރީ މަހު ޒަލަޓާން އިބްރަހިމޮވިޗް ގެންނަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑާ ވާދަވެރި ބާސެލޯނާގެ ކުރީގެ ފޯވާޑް މިހާރު ކުޅެމުން އަންނަ އެމެރިކާގެ މޭޖާ ލީގުގެ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ޖެނުއަރީ މަހު ހަމަވާނެ އެވެ. އޭނާ ގެންނަން ކުރީގެ ކްލަބް އޭސީ މިލާނުން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްޕެއިނުގެ މީޑިއާތަކުން ބުނާ ގޮތުގައި ރެއާލް މެޑްރިޑުގެ ފޯވާޑް ލައިނަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ގެނެސްދެވޭނެ ކުޅުންތެރިޔަކީ އުމުރުން 37 އަހަރުގެ އިބްރަހިމޮވިޗް ކަމަށާއި އެ ޓީމަށް އޭނާ ފުރިހަމައަށް ފިޓްވާނެ ކަމަށް އެ ކްލަބުން ގަބޫލުކުރާ ކަމަށެވެ.
މިދިޔަ އަށެއްކަ އަހަރު މެޑްރިޑުގެ ފޯވާޑް ލައިން ބެލެހެއްޓި ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނުގައި ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. އެއާ އެކު އެ ޓީމަށް ވަރަށް ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ލަނޑެއް ނުޖެހި ޖެހިޖެހިގެން ހަތަރު މެޗު ދިޔަ އެވެ. އެ ޓީމު މި ވަގުތު އޮތީ ހަތް ވަނައިގަ އެވެ.
އިބްރަހިމޮވިޗުގެ އުމުރުން ދުވަސްވެފައިވީ ނަމަވެސް އޭނާގެ ފޯމަށް ބަދަލެއް ނާދެ އެވެ. އޭނާ ވަނީ ގެލެކްސީ އަށް މި އަހަރު 25 މެޗުން 22 ގޯލް ޖަހައިދީފަ އެވެ.
ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ ނަމަ އިބްރަހިމޮވިޗް ވެގެންދާނީ ޔޫރަޕުގެ ވަރުގަދަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޓީމަށް ކުޅުނު ކުޅުންތެރިޔާ އަށެވެ. ނެދަލެންޑްސްގެ އަޔަކްސްގައި ވިދާލި ފޯވާޑް ވަނީ އިޓަލީގެ ޔުވެންޓަސް، އިންޓަ މިލާން، އޭސީ މިލާން އަދި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީގެ އިތުރުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ. ސްޕެނިޝް ލީގުގެ ހަލުވި ގޭމުގެ ތެރެއަށް އިބްރަހިމޮވިޗް އެންމެ ރަނގަޅަށް ނުހޭނުނު ނަމަވެސް އޭނާ ވަނީ ބާސެލޯނާ އަށް 46 މެޗުން 22 ގޯލް ޖަހައިދިނެވެ.