23 އޮކްޓޯބަރ 2018 - 11:26

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.3 ޕަސެންޓު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖެއަށް މި އަހަރު މިދިޔަ މަހުގެ ނިޔަލަށް 1,080,459 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 998,009 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 8.3 ޕަސަންޓްގެ ކުރިއެރުމެކެވެ.
މިދިޔަ މަހު އެކަނި ރާއްޖެއަށް 107,620 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 105,984 ޓޫރިސްޓުންނެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 47.8 ޕަސެންޓަކީ ޔޫރަޕް ގައުމުތަކުގެ މީހުންނެވެ. އެ ސަރަހައްދުގެ ގައުމުތަކުން 516،487 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ސަރަހައްދުން އައިސްފައިވަނީ 449,833 ޓޫރިސްޓުންނެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.8 ޕަސެންޓްގެ ކުރިއެރުމެކެވެ.
ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އޭޝިއާ ސަރަހައްދުން ކަމަށްވާއިރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އެމެރިކާ ސަރަހައްދުންނެވެ. އެ ހުރިހާ ސަރަހައްދަކުން ވެސް އައި ޓޫރިސްޓުންގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.
އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އަދިވެސް އޮތީ ޗައިނާ އެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްގެ ތެރެއިން 20.6 ޕަސެންޓަކީ ޗައިނާގެ ޓޫރިސްޓުންނެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 7.7 ޕަސެންޓް ހިއްސާކުރާއިރު ޖަރުމަނު ވިލާތުން އައި ޓޫރިސްޓުންގެ ނިސްބަތް އުޅެނީ 7.4 ޕަސެންޓްގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ސެޕްޓެމްބަރު މަހާ ހަމައަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައި ވަނީ 6،914،428 ދުވަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާ އިރު 1.6 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އެވްރެޖްކޮށް ޓޫރިސްޓަކު 6.4 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.