ސިޓީގައި މިހާރު ތަފާތު ދައްކަންވީ ސަޕޯޓަރުން: ގާޑިއޯލާ
ސިޓީގައި މިހާރު ތަފާތު ދައްކަންވީ ސަޕޯޓަރުން: ގާޑިއޯލާ

ކިއޭވް، ޔުކްރޭން (އޮކްޓޫބަރު 23) - މެންޗެސްޓާ ސިޓީ އަކީ އިންގްލެންޑްގެ ޗެމްޕިއަނެއް ކަމަށާއި ދެން ޔޫރަޕްގައި އެ ޓީމުން ކާމިޔާބެއް ހޯދަން ބޭނުންނަމަ މިއީ އެ ޓީމުގެ ސަޕޯޓަރުން ތަފާތު ދައްކަން ޖެހޭ ވަގުތު ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އޭނާ އެންމެ ފަހުން ކޯޗުކޮށްދިން ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ހާސިލްނުވި ހަމައެކަނި ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގެވެ. ގާޑިއޯލާ ވަނީ މިދިޔަ ސީޒަނުގައި 100 ޕޮއިންޓް ހަަމަކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި ރެކޯޑެއް ގާއިމްކޮށްފަ އެވެ.

ގާޑިއޯލާ ބުނީ ސިޓީން މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ތެދެއް އަހަރެން ކުރިން ބުނިން ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންނަކީ މި މުބާރާތުގައި ތާރީހު އޮތް ނަން މަޝްހޫރު ބޮޑެތި ޓީމުތަކޭ. އެކަމަކު އޭގެ މާނަ އަކީ އަހަރެމެން މި މުބާރާތް ކާމިޔާބު ކުރަން ކުރާ މަސައްކަތް ހުއްޓާލާނަމެކޭ ނޫން. އަހަރެމެން ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" މިރޭ ޗެމްޕިއަންސް ލީގުގައި ޝަހުތަރު ޑޮނެސްކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

ސިޓީ މިހާތަނަށް ޗެމްޕިއަންސް ލީގުގެ އެންމެ ދުރަށްދިޔައީ ސެމީ ފައިނަލަށެވެ. މިދިޔަ ސީޒަނުގައި ސިޓީ ކެޓީ ކުއާޓާ ފައިނަލުގައި ލިވަޕޫލް އަތުންނެވެ. މި ސީޒަނުގައި މި މުބާރާތުގެ ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ލިޔޯން އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ރަށުންބޭރުގައި ހޮފެންހައިމް އަތުން މޮޅުވެފަ އެވެ.

"މިިދިޔަ އަހަރު އަހަރެމެން އޮތީ އެންމެ ރަނގަޅަށް ތައްޔާރުވެގެނެއް ނޫން. އެކަމަކު މި އަހަރު އެ އަށް ވުރެ ރަނގަޅަށް އަހަރެމެންނަށް ކުޅެވޭނެ،" ގާޑިއޯލާ ބުންޏެވެ.

ބޮޑެތި ޓީމުތަކުން ޔޫރަޕްގައި ކާމިޔާބު ހޯދާއިރު އެންމެ ބޮޑަށް ތަފާތު ދައްކާ ބަޔަކީ ސަޕޯޓަރުން ކަމަށާއި ސިޓީން ވެސް އެކަން ކުރަން ޖެހޭނެ ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.

"މި ކަހަލަ ތަށްޓެއް (ޗެމްޕިއަންސް ލީގު) ލިބޭނީ ހަމައެކަނި ކޯޗާއި ކުޅުންތެރިން މަސައްކަތް ކޮށްގެނެއް ނޫން. މިއީ ކްލަބާ ގުޅުން ހުރި އެންމެން މަސައްކަތްކޮށްގެން ލިބޭ ކާމިޔާބެއް. ހާއްސަކޮށް ސަޕޯޓަރުންގެ ދައުރު ބޮޑު. އަހަރެމެންގެ ސަޕޯޓަރުން ވެސް އެ ފަދަ ތަފާތެއް ދައްކަންޖެހޭ. އަދި އަހަންނަށް އެ ތަފާތު އިހުސާސެއް ނުކުރެވޭ. އުއްމީދަކީ ފެންނާނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ބާންލީ އަތުން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން ކައިލް ވޯކާ ނުކުޅުނު ނަމަވެސް މިރޭގެ މެޗުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެ އެވެ. އަދި އަނިޔާ އަށް ފަހު ދާދި ފަހުން ކުލުމަށް އެނބުރި އައި މިޑްފީލްޑަރު ކެވިން ޑިބްރޭނާ މިރޭ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ބޮޑެވެ.

ސިޓީ އާއި ޝަހުތަރު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.