24 އޮކްޓޯބަރ 2018 - 07:20

އެކްޓަރު ނާނާ ޕަޓޭކަރްގެ ފަރާތުން މީގެ 10 އަހަރު ކުރިން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ދެއްކި ވާހަކަތަކާ ގުޅިގެން، ބަތަލާ ރާކީ ސާވަންތު، ތަނުޝްރީއަކީ މަސްތުވާތަކެތި ބޭނުންކުރާ ދޮގުވެރިއެއް ކަމަށް ބުނެ ކަމަށް މީޑިއާތަކުގައި ދެއްކި ވާހަކަތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 ކްރޯޑް ރުޕީިސް ހޯދަން ކޯޓަށް ހުށަހަޅައިފި އެވެ.
މިކަން ތަނުޝްރީގެ ވަކީލު ނިތިން ސަތުޕުޓޭ ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ރާކީގެ މައްސަލަ ކޯޓަށް ހުށަހެޅީ ތަނުޝްރީއާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ދައްކައި އޭނާގެ އަބުރަށް އަރައިގެންފައިވާތީ ކަމަށެވެ. އެގޮތުން ގެއްލުމުގެ ބަދަލުގެ އިތުރުން ރާކީގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކުރަން ނިންމާފައިވާ ކަމަށް ވަކީލު ބުންޏެވެ.
މިކަމާ ގުޅިގެން ރާކީ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ވަކީލު ވިދާޅުވި ގޮތުގައި ތަނުޝްރީއާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ރާކީ ދެއްކީ އާންމުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގަ އެވެ.
ތަނުޝްރީ މިދިޔަ މަހުގެ ތެރޭގައި ނާނާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ރާކީ ވަނީ ނޫސްވެރިން އެއްކޮށް "އާޝިގް ބަނާޔާ އާޕްނޭ" އިން 2005 ގައި ބޮލީވުޑަށް ނުކުތް ބަތަލާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނީ ތަނުޝްރީ ދައްކާފައިވާ ވާހަކަތަކަކީ ބޮލީވުޑުން މިހާރު މަސައްކަތެއް ނުލިބޭތީ އެކަމުގެ ހަސަދައިގައި ދެއްކި ވާހަކަތަކެއް ކަމަށެވެ.
މީގެ 10 އަހަރު ކުރިން ދިމާވި ކަމަށް ބުނާ ހާދިސާއެއްގެ ވާހަކަ މިހާރު ދައްކަންވީ ކީއްވެތޯ ސުވާލު އުފައްދައި އޭނާ ވަނީ ތަނުޝްރީ މިހާތަނަށް އޮތީ ކޯމާއެއްގައިތޯ ވެސް ސުވާލުކޮށްފަ އެވެ.
ރާކީ ބުނި ގޮތުގައި ތަނުޝްރީއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ހަލާކުވެފައި ހުރި މީހެކެވެ.
ތަނުޝްރީ ކިޔައި ދިން ގޮތުގައި ނާނާ އޭނާ އަށް ޖިންސީ ފުރައްސާރަ ކުރީ 2008 ގެ ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއްގެ ސެޓްގަ އެވެ. އެގޮތުން ލަވައިގައި ނުހިމެނޭ ގައިގޯޅި ސްޓެޕްތަކެއް ޖައްސަން މަސައްކަތްކޮށް، އޭނާގެ ގަޔަށް ޖިންސީ އެދުންވެރިންކަމުގައި ނާނާ އަތްލާފައިވާ ކަމަށް ބުންޏެވެ.
މިކަމެއް ދިމާވުމުން ފިލްމުން ލިބުނު ލަވަ ތަނުޝްރީ ނުކުޅެ ދޫކޮށްލުމުން އެ ލަވަ ކުޅުނީ ރާކީ އެވެ. ރާކީ ތުހުމަތުކޮށްފައިވާ ގޮތުގައި ތަނުޝްރީ އަށް ލަވަ ޝޫޓް ނުކުރެވުނީ މަސްތުވެ، ހޭނެތުމުންނެވެ.
ނާނާއާ ބެހޭ ގޮތުން ތަނުޝްރީ ދެއްކި ވާހަކަތަކާ ގުޅިގެން ބޮލީވުޑްގައި މިހާރު ވަނީ ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް ހޮލީވުޑްގައި ފެށި މީޓޫ މޫވްމަންޓް ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. އަދި އެތައް ބަތަލާ އެކު މިހާރު ފާޅުގައި ނުކުމެ އެ މީހުންގެ ތަޖުރިބާތައް ކިޔައި ދޭން ފެށުމާ އެކު ފިރިހެން އެތައް ފަންނާނުންނެއް މިހާރު ވެސް ވަނީ ބޭޒާރުވެފަ އެވެ.
ތަނުޝްރީ ބުނި ގޮތުގައި މީޓޫ ވަނީ އޭނާ ހީވާ ވެސް ނުކުރާހާ ވަރަށް މިހާރު ފުޅާވެގެން ގޮސްފަ އެވެ. އަދި އެކަމާ އުފާ ކުރާ ކަމަށް ބުންޏެވެ.