ގައުމުގެ ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދޭނަން: އަޒްލީން
ގައުމުގެ ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދޭނަން: އަޒްލީން

ރާއްޖޭގެ ހަމަޖެހުން ނަގާލައި ނުތަނަވަސްކަން އުފެދޭ ކަންކަން އެއްވެސް ބަޔަކު ކުރާ ނަމަ އެކަން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރުކަމާ މިދިޔަ މަހު ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ނެރުއްވި ބަޔާނުގައި އަޒްލީން ވިދާޅުވީ ސަރުކާރުން އެންމެ އިސްކަން ދެނީ ހަމަޖެހުން ގާއިމްކޮށް ދިނުމަށް ކަމަށެވެ. އެހެންވެ، ގައުމު ހަލަބޮލިކޮށް، ހަމަޖެހުން ނަގާލާ އަދި ރައްޔިތުންގެ އަބުރާއި ކަރާމާތަށް އަރައިގަނެ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަންކަން ނުކުރަން އޭނާ އިލްތިމާސް ކުރެއްވި އެވެ.

އެފަދަ ކަންކަމަށް ގާނޫނުތައް ތަނެއް ނުދޭ ކަމަށާއި އެފަދަ ކަމެއް އެއްވެސް ބަޔަކު ކުރާ ނަމަ އެކަން ހުއްޓުވަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އަޒްލީން ވިދާޅުވި އެެވެ.

"ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި ރައްޔިތުންގެ މުދާ ރައްކާތެރިކޮށް ދީ، ދިވެހިރާއްޖެ އަކީ އަމާން ވެށްޓެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށް ކަމުގެ ޔަގީންކަން ވެސް ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކުށް ކުރުން ހުއްޓުވުމާއި ހަމަޖެހުން ގާއިމް ކުރަން ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަޒްލީންގެ ބަޔާނުގައި ޝުކުރު އަދާކޮށްފައިވެ އެވެ. އަދި އެކަމުގައި ފުލުހުންނަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ހޯމް މިނިސްޓަރު ކަމަށް އަޒްލީން އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ފަހު އެވެ.