23 އޮކްޓޯބަރ 2018 - 08:49

ލަންޑަން (އޮކްޓޫބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ލެސްޓާ ސިޓީގެ މައްޗަށް 3-1 އިން ކުރި ހޯދައި އާސެނަލުން ޖެހިޖެހިގެން 10 ވަނަ މެޗުން މޮޅުވެއްޖެ އެވެ.
މިއީ 2007 ވަނަ އަހަރަށް ފަހު އާސެނަލުން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 10 މެޗުން މޮޅުވި ފުރަަތަމަ ފަހަރެވެ. އެ ފަހަރު އާސެނަލުގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އައީ 12 މެޗަށް ފަހު އެވެ.
ރޭގެ މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަަތަރު ވަނައިގައި އޮތް އާސެނަލާއި އަދި ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްްޓާ ސިޓީ އާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ނުވަ މެޗުން ވަނީ 23 ޕޮއިންޓް ލިބިފަ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ލެސްޓާ އިންނެވެ. މެޗުގެ 31 ވަނަ މިނިޓްގައި ލެސްޓާގެ ބެން ޗިލްވެލް ޖެހި ބޯޅައެއް ގޯލަށް ވަނީ އާސެނަލްގެ ފުލްބެކް ހެކްޓަ ބެޔެރިން ފައިގައި ޖެހިފައި ބައިކޮޅަށެވެ.
ލެސްޓާ އިން ލީޑުނެގުމާ އެކު އާސެނަލުން އެޓޭކް ވަރުގަދަކޮށް ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކާމިޔާބުވެފަ އެވެ. އާސެނަލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ރޭގެ މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މެސުޓް އޮޒިލް އެވެ. މިއީ އޮޒިލް ޕްރިމިއާ ލީގުގައި ޖެހި 30 ވަނަ ގޯލެވެ. މިއާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ޖަރުމަނުގެ ކުޅުންތެރިއާ އަށެވެ. ކުރިން އެ ރެކޯޑް އޮތީ 29 ލަނޑު ޖަހާފައި އޮތް ޔާގެން ކްލިންސްމަން އާއި އުވެ ރޮސްލާ އަތުގަ އެވެ.
އާސެނަލް މޮޅުކޮށްދިން ލަނޑުތައް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އޭނާ ދެ ލަނޑު ޖެހީ ހަތަރު މިނިޓްގެ ތެރޭގަ އެވެ.
ރަށުން ބޭރުގައި ލެސްޓާ އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ލެސްޓާގެ ކޯޗު ކްލައުޑް ޕުއެލް ވަނީ ރޭގެ މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި އޭނާ އެންމެ ބޮޑަށް ކުރީ ލިބެން ޖެހޭ ޕެނަލްޓީއެއް ނުދިނުމުގެ ޝަކުވާ އެވެ.
އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ މެޗުގެ ފުރަތަމަ 30 މިނިޓް ދިޔައީ އުއްމީދުކުރި ވަރަށް ވުރެ ދަށްކޮށް ކަމަށާއި އެކަމަކު ލެސްޓާ އިން ލީޑުނެގި ހިސާބުން ހުރިހާ ކަމެއް ބަދަލުވެ އާ ހިތްވަރެއް ލައިގެން މުޅި ޓީމު ދެއްކީ އޭނާ ބޭނުންވި ކުޅުން ކަމަށެވެ.