22 އޮކްޓޯބަރ 2018 - 22:36

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކުގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
ސީލައިފް އިން ހުޅުމާލޭގައި އިމާރާތްކުރަން ބުނި ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެ ފައިސާ ލިބިފައި ނުވާތީ އާއި އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ބެލުމަށް އޭސީސީ އާއި ފުލުހުންނަށް މައްސަލަ ހުށަހެޅީ ވަކީލް މަރިޔަމް ޝުނާނާ އެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅީ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުކޮށެވެ. އަދި އޭސީސީއަށް ހުށަހަޅާފައިވަނީ އެ މަޝްރޫއުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ އެކަންކަން ބެލުމަށެވެ.
ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ފުލުހުންނާއި އޭސީސީއަށް މައްސަލަ ހުށަހެޅިއިރު، ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ އެ ފައިސާ ދީފައި ނުވާތީ އެ މީހުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް ޝުނާނާ މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ. ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ޝުނާނާ އެ މައްސަލަތަކުގައި ވަކާލާތުކޮށް ދެނީ ހިލޭ އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެކަމަކު އެ މަޝްރޫއުގެ މާބޮޑު މަސައްކަތެއް މިހާތަނަށް ނިމިފައެއް ނުވެ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި 50،000ރ. ދެއްކި އެވެ.