22 އޮކްޓޯބަރ 2018 - 16:26

އިސްތަންބޫލް (އޮކްޓޯބަރު 22) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އެމްބަސީ ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގިޒަށް 24 ގަޑިއިރު ސެކިއުރިޓީ ދޭން ތުރުކީ ފުލުހުން ފަށައިފި އެވެ.
މި މަހު ފަހުކޮޅު ޚާޝުގްޖީއާ ކައިވެނި ކުރަން ހަމަޖެހިފައިވާ ޚަދީޖާ އަށް ސެކިއުރިޓީ ދޭން ފެށީ އިސްތަންބޫލް ގަވަރުނަރުގެ އޮފީހުން އަންގައިގެންނެވެ. ޚަދީޖާ އަށް ސެކިއުރިޓީ ދޭން ފެށީ ކީއްވެ ކަމެއް ތުރުކީ ފުލުހުން ނުބުނެ އެވެ.
ޚާޝުގްޖީއާ އެކު މި މަހު 2 ވަނަ ދުވަހު ޚަދީޖާ ވެސް ކޮންސިއުލޭޓަށް ދިޔަ އެވެ. ޚާޝުގްޖީގެ ޚަބަރެއް ނުވުމުން އޭނާ ގެއްލުނުކަން އެންމެ ފުރަތަމަ ރިޕޯޓްކުރީ ޚަދީޖާ އެވެ. ޚާޝުގްޖީ ވެސް ވަނީ އޭނާ ކޮންސިއުލޭޓް ތެރޭ ލަސްވެއްޖެ ނަމަ ގުޅަންވީ ނަމްބަރެއް ޚަދީޖާ އަށް ދީފަ އެވެ. ޚާޝުގްޖީގެ އިންތިޒާރުގައި ކޮންސިއުލޭޓުގެ ބޭރުގައި ޚަދީޖާ ވަނީ 11 ގަޑިއިރު މަޑުކޮށްފަ އެވެ.
ޚާޝުގްޖީ ގެއްލިގެން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ސައުދީން އެންމެ ފަހުން ވަނީ ކޮންސިއުލޭޓް ތެރޭ އޭނާ މަރުވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. އޭނާ މަރުވި ސަބަބެއް ކަމަށް ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށް ވަނީ ބުނެފަ އެވެ.