22 އޮކްޓޯބަރ 2018 - 13:28

ކޮލަމްބޯ (އޮކްޓޯބަރު 22) - އަވަހާރަކޮށްލަން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އެޑްވައިޒަކު ވިދާޅުވެއްޖެ އެވެ.
ސިރިސޭނާ އަވަހާރަކޮށްލަން އިންޑިއާގެ ސީކްރެޓް ސާވިސް އިން ރާވަމުން ދާ ކަމަށް ސިރިސޭނާ ވިދާޅުވި ކަމަށް އިންޑިއާގެ ނޫހެއްގައި ލިޔުނު ރިޕޯޓެއް އެމަނިކުފާން ދާދި ފަހުން ވަނީ ދޮގު ކުރައްވައިފަ އެވެ.
އެޑްވައިޒަރު ޝިރާލް ލަކްތިލަކަ ވިދާޅުވީ ސިރިސޭނާ އަވަހާރަކޮށްލުމުގެ ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ސީނިއާ އޮފިސަރުން ސިރިސޭނާއާ ހިއްސާ ކުރެއްވި ފަހުން އެމަނިކުފާނުގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.
"ސިރިސޭނާ އަށް އޮތް ނުރައްކާ އެމަނިކުފާން ވަނީ ވަރަށް ސީރިއަސްކޮށް ނަންގަވާފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަކްތިލަކަ ވިދާޅުވި އެވެ.
ލަންކާ ފުލުހުން ބުނީ ސިރިސޭނާ އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންޑިއާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސިރިސޭނާ އަވަހާރަކޮށްލަން އުޅެނީ އިންޑިއާގެ އިންޓަލިޖެންސްގެ ރޭވުމަކުން ކަމަށް ބުނާ ރިޕޯޓްތައް ސިރިސޭނާގެ އޮފީހުން ވަނީ ދޮގުކޮށްފަ އެވެ. މި މައްސަލާގައި ސިރިސޭނާ އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ މިދިޔަ ހަފުތާގައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެކަމުގައި އިންޑިއާ ސަރުކާރުގެ އަތެއްވާ ކަމަށް ބުނާ ވާހަކަތައް ސިރިސޭނާ ގަބޫލް ނުކުރައްވާ ކަމަށް އެމަނިކުފާން ވަނީ މޯދީ އަރިހު ދަންނަވައިފަ އެވެ.