23 އޮކްޓޯބަރ 2018 - 07:26

އާލާސްކަންފުޅާ އިންނެވި، ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލް އަށް އަންހެން ދަރިކަނބަލެއް ލިބިވަޑައިގަތުމަށް އުންމީދުކުރައްވާ ކަމަށް ހެރީ ވިދާޅުވެއްޖެ އެވެ.
މާކްލްއާ އެކު މިހާރު އޮސްްޓްރޭލިއާ އަށް ކުރައްވާ ދަތުރުފުޅުގައި ސިޑްނީގައި ބޭއްވި ބައިސްކަލް އިވެންޓެއްގެ ތެރޭގައި އަންހެނަކު ވަނީ ޕްރިންސް ހެރީީ ފެނުމުން "މަރުހަބާ ކިޔައި، އުންމީދު ކުރަނީ އަންހެން ކުއްޖެއް" ކަމަށް ބުނެފަ އެވެ. އެއަށް ރައްދު ދެމުން ޕްރިންސް ހެރީ ވިދާޅުވަނީ "އަހަރެން ވެސް އުންމީދު ކުރަނީ އެގޮތަށް" ކަމަށެވެ.
ޕްރިންސް ހެރީގެ މި ރައްދު އިވޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ.
މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލަވައިގަތް ހެރީ އަށް ދަރިއަކު ލިބިވަޑައިގަންނަވާކަން ޝާހީ އާއިލާ އިން ރަސްމީކޮށް އިއުލާން ކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި މިހާރު ބަނޑަށް 12 ހަފުތާވެފައިވާ މޭގަން ވިހާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ކަމަށް ބުންޏެވެ.
ހެރީ އާއި މޭގަންގެ އަށް ދަރިއަކު ލިބިވަޑައިގަންނަވާކަން އިއުލާން ކުރުމާ އެކު މީޑިއާތަކުން އަންނަނީ ދަރިފުޅަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ވަރަށް ގަދައަށް މިހާރު ވެސް ބަހުސް ކުރަމުންނެވެ. އެގޮތުން އަންހެން ދަރިއަކަށްވެއްޖެ ނަމަ ކިޔާނެ ކަމަށް ގަބޫލު ކުރެވޭ ނަމަކީ ޑަޔާނާ ކަމަށް ގިނަ މީޑިއާތަކުން ބުނެއިފައިވެ އެވެ. އެއީ 1997 ގައި އަވަހާވަރަވެފައިވާ ޕްރިންސް ހެރީގެ މަންމާފުޅު ފްރިންސެސް ޑަޔާނާގެ ނަމެވެ.
މީޑިއާތަކުން ބުނާ ގޮތުގައި އަންހެން ދަރިއަކަށްވެއްޖެ ނަމަ ކިޔާނެ ކަމަށް ބެލެވޭ ނަންތަކުގެ ލިސްޓްގެ ކުރީގައި މޭރީ އަދި ފިރިހެން ކުއްޖެއް ނަމަ ޖޭމްސް ހިމެނެ އެވެ. އިތުރު ނަންތަކުގެ ތެރޭގައި އެލިސް، ހެންރީ، އެލިޒަބަތު، އަލްބަޓް، ރެޗެލް، އާތާ، އެލެން، ސްޕެންސާ، ވެލިސް، ޓިގް އަދި ސެރެނާ ފަދަ ނަންތައް ވެސް ހިމެނެ އެވެ.
އޮސްޓްރޭލިއާގެ ދަތުރުގެ ތެރެއިން ކުޑަކުދިންތަކަކާ އެކު ހެރީ އާއި މޭގަން ބޭއްވެވި ބައްދަލުވުމެއްގައި ކުދިންތަކެއް ވަނީ ދަރިފުޅަށް ކިޔާނެ ނަމެއް ނިންމައިފިތޯ ވެސް ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި މޭގަން ވިދާޅުވީ އަދި ނުނިންމަވާ ކަމަށާއި ވަރަށް ގިނަ ނަންތައް ވިސްނުންފުޅުގައި އެބަހުރި ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މޭގަންއަކީ އެމެރިކާ އަށް ނިސްބަތްވާ ބޭފުޅަކަށްވާތީ، އެމެރިކާއާ ގުޅުން ހުރި ނަމެއް ވެސް ދަރިފުޅަށް ކިޔުމަކީ ވެދާނެ ގޮތެކެވެ.