23 އޮކްޓޯބަރ 2018 - 08:12

އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުންގެ ތެރޭގައި ހިމެނޭ އައްނޫ މަލިކްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާތީ އޭނާގެ ބަދަލުގައި ޝޯގެ ޖަޖުންގެ ގޮތުގައި ދެން ފެނިގެން ދާނީ މަޝްހޫރު ދެ މިއުޒިޝަނުން ކަމަށްވާ ސާލިމާއި ސްލެއިމާން މާޗެންޓް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ އިންޑިއަން އައިޑޮލް ގެނެސްދޭ ސޮނީ ޓީވީން މިކަން އަދި ކަށަވަރުކޮށް ނުދިން ނަމަވެސް، އެ ޝޯގެ ޕްރޮޑަކްޝަން ޓީމްގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ސާލިމާއި ސްލެއިމާން ޖަޖުންގެ ގޮތުގައި ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ވަރަށް އަވަހަށް ޝޯގެ ކުރިއަށް ހުރި އެޕިސޯޑްތަކުގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ.
އައްނޫ ޝޯ އިން ވަކި ކުރުމަށް ފަހު، ސޮނީން ވަނީ ވަރަށް އަވަހަށް ޝޯގެ ޖަޖުންގެ ޕެނެލާ ދެން ގުޅޭނެ ފަންނާނަކީ ކޮބައިކަން އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ. އައްނޫއާ އެކު އިންޑިއަން އައިޑޮލް 10 ގައި މި ފަހަރު ޖަޖުންގެ ޕެނަލުގައި ހިމެނެނީ ވިޝާލް ދަދްލާނީ އާއި ނޭހާ ކައްކަރް އެވެ.
ބެލެވޭ ގޮތުން އެ ދެ ޖަޖުންނާ އެކު ސާލިމާއި ސުލައިމާން އަންނަ ހަފުތާގެ އެޕިސޯޑްތަކުން ފެށިގެން ފެންނަން ފަށާނެ އެވެ. މި ބަދަލާ އެކު ޖަޖުންގެ އަދަދު ހަތަރަކަށް އަރާނެ އެވެ.
އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށްދީފައިވާ ދެބެއިން ކަމަށްވާ ސާލިމާއި ސުލައިމާން އިންޑިއަން އައިޑޮލްގެ 10 ވަނަ ސީޒަނުގެ ޖަޖުންގެ ޕެނެލާ ގުޅޭ އިރު، ސާލިމް ވަނީ މި ޝޯގެ ފަސް ވަނަ ސީޒަން (2010) އާއި ހަ ވަނަ ސީޒަން (2012) ގައި ވެސް ޖަޖްކަންކޮށްފަ އެވެ. އޭރު އޭނާއެކު ޕެނެލުގައި ހިމެނުނީ އައްނޫ އާއި ސުނިދީ ޗޯހަން އެވެ.
ސާލިމް އަދި ވަނީ 2015 ގައި ގެނެސް ދިން އިންޑިއަން އައިޑޮލް ޖޫނިއާ ސީޒަން ދޭއްގެ ޖަޖްކަން ވެސް ކޮށްފަ އެވެ. އެ ޝޯގެ ޕެނެލުގައި އޭނާއާ އެކު ހިމެނުނީ ވިޝާލް އާއި ބަތަލާ ސޮނާކްޝީ ސިންހާ އެވެ.
އިންޑިއަން އައިޑޮލް ސީޒަން 10 ދައްކަން ފެށީ މިދިޔަ ޖުލައި މަހުގެ 7 ގަ އެވެ. ސާދަ ބައިވެރިންނާ އެކު ފެށި ޝޯގައި މިހާރު ތިބީ ގަދަ 7 އެވެ. އެއީ ސަލްމާން އަލީ، ނިލަންޖަނާ ރޭ، އަންކުޝް ބަރަދްވާޖް، ރޭނޫ ނަގަރް، ސޯމިއާ ޗަކްރަބަތީ، ނިތިން ކުމާރު، ކުނާލް ޕަންޑިތު އަދި ވިބޯ ޕަރްޝާރް އެވެ.