ސައުދީ ވަލީ އަހުދަށް ޔުނައިޓެޑް ނުވިއްކާނެ: ރިޕޯޓް
ސައުދީ ވަލީ އަހުދަށް ޔުނައިޓެޑް ނުވިއްކާނެ: ރިޕޯޓް

މެންޗެސްޓާ (އޮކްޓޫބަރު 22) - މެންޗެސްޓާ ޔުނައިޓެޑް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ސައޫދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް އެ ކްލަބްގެ އެންމެ ހިއްސާއެއް ވެސް ނުވިއްކަން އެ ކްލަބްގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާއިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ،

އިނގިރޭސި ނޫސްތަކުން ބުނި ގޮތުގައި ސަލްމާން ވަނީ ޔުނައިޓެޑް ގަންނަން 4 ބިލިއަން ޕައުންޑް (5.2 ބިލިއަން ޑޮލަރު)ގެ ބިޑެއް މިދިޔަ ހަފުތާގައި ކުރައްވައިފަ އެވެ. ޔުނައިޓެޑުން އެ ހުށަހެޅުމަށް ފުރަތަމަ ވެސް ނޫނެކޭ ބުނިއިރު، ޔޫރަޕްގެ ހިއްސާގެ ބާޒާރުގައި ޔުނައިޓެޑްގެ ހިއްސާގެ އަގުތައް ވަނީ އުފުލިފަ އެވެ. އެއާ އެކު ސަލްމާންގެ ކުންފުނިތަކުން ވަނީ ޔުނައިޓެޑްގެ ހިއްސާ ގަންނަން މަސައްކަތް ފަށައިފަ އެވެ.

އެކަމަކު މަޝްހޫރު މީޑިއާއެއް ކަމަށްވާ ދި ގާޑިއަން އިން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑް ހިންގަމުން އަންނަ ގްލޭޒާ އާއިލާ އިން މިހާރު ވަނީ ސަލްމާންގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކަށް ހިއްސާނުވިއްކަން ނިންމައިފަ އެވެ.

ޔުނައިޓެޑްގެ އެއް ވެރިޔާ އަވްރަމް ގްލޭޒާ ވަނީ ވަރަށް އަވަހަށް ސައުދީގައި ބޭއްވުމަށް ތާވަލްކޮށްފައި އޮތް ވިޔަފާރި ފޯރަމެއްގައި ވެސް ބައިވެރިނުވަން ނިންމައިފަ އެވެ. އޭނާ އެ ގޮތަށް ނިންމީ ސިޔާސީ ގޮތުން މި ދަނޑުވަޅުގައި ގިނަ ގައުމުތަކަކާ ސައުދީއާ ހިޔާލު ތަފާތުވުންތަކެއް އޮތުމުންނެވެ. މި ހިޔާލުތަފާތުވުންތައް ބޮޑުވީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލިކަމަށް ސައުދީން އެއްބަސްވުމުންނެވެ.

ޕްރިންސް ސަލްމާންގެ ހިއްސާ އޮންނަ ކުންފުނިތަކުން އަންނަނީ ސައުދީގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް ބޭއްވުމަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން ޓެނިސް މުބާރާތްތަކާއި ގޯލްފް އަދި ބޮކްސިން ހަރަކާތްތައް ހިމެނެ އެވެ. އަދި ދާދި ފަހުން ސައުދީގެ ރިޔާދުގައި ވަނީ އާޖެންޓީނާ އާއި ބްރެޒިލްގެ މެދުގައި ސުޕަ ކަޕް މެޗެއް ވެސް ކުޅެފަ އެވެ.

ޔުނައިޓެޑުން ވެސް ވަނީ މިދިޔަ އަހަރު ގްލޭޒާ އާއިލާގެ އިސްނެގުމާ އެކު މިދިޔަ އަހަރު ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ސައުދީގައި ފުޓްބޯޅަ ޕްރޮމޯޓްކުރުމުގައި ޔުނައިޓެޑްގެ އެހީ ހޯދުމުގެ ގޮތުންނެވެ. އެ އެއްބަސްވުމުގެ ތެރެއިން މި ފަހަރު ވޯލްޑް ކަޕްގެ ކުރިން ސައުދީ ގައުމީ ޓީމުގެ ފޯވާޑް އަލް ސަހްލާވީ ވަނީ ޔުނައިޓެޑާ އެކު ތަމްރީންތަކެއްގައި ބައިވެރިވެފަ އެވެ.

ޔުނައިޓެޑްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި މިހާރު ވެސް ސައުދީގެ ކުންފުންޏަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ގްލޭޒާ އާއިލާއިން ޔުނައިޓެޑް ގަތީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމު ގަންނަން ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް މިހާތަނަށް އެ ޓީމު ދޫކޮށްލާނެ ކަމުގެ އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ. ޔުނައިޓެޑް ގަންނަން މީގެ ކުރިން ޔޫއޭއީގެ މަހުޖަނެއް ވެސް މަސައްކަތްކުރި އެވެ.