24 އޮކްޓޯބަރ 2018 - 07:17

މަސްތުވުމަށް މެރުއާނާ ބޭނުންކުރާ މީހުންގެ ތެރޭގައި، ސްޓްރޯކް ޖެހުން އާންމު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ އެވެލޮން ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިން އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި މެރުއާނާ ބޭނުންކުރުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު އާންމު ގޮތެއްގައި 15 ޕަސެންޓަށް އިތުރުވެދާނެ އެވެ. އަދި ލޭ ހޮޅި ބެދި ނުވަތަ ބްލޮކް ވެގެން ޖެހޭ ސްޓްރޯކް ނުވަތަ އިސްކީމިކް ސްޓްރޯކްގެ ނުރައްކާ 29 ޕަސެންޓް އިތުރުވާ ކަމަށް ދިރާސާއިން ދެއްކި އެވެ. މިއީ ސްޓްރޯކްގެ އެންމެ އާންމު ވައްތަރެވެ.
ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީގެ ފިޒީޝަން ޑރ. ކްރޫޕާ ޕަޓޭލް ވިދާޅުވީ މިއީ މެރުއާނާ ބޭނުންކުރުމުން ސްޓްރޯކް ޖެހޭކަން ހާމަވާ ދިރާސާއެއް ނޫން ކަމެވެ. ނަމަވެސް މިއީ މެރުއާނާ ބޭނުންކުރުމާއި ސްޓްރޯކާ ގުޅުން ހުރިކަން ދައްކައިދޭ ހޯދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދިރާސާއިން މެރުއާނާ އާއި ސްޓްރޯކާ ގުޅުން ހުރި ސަބަބެއް ހާމައެއް ނުވޭ. އެކަމަކު މަސްތުވުމަށް މެރުއާނާ ބޭނުންކުރާ މީހުންނަށް ސްޓްރޯކްގެ ނުރައްކާ ބޮޑުކަން ހާމަކޮށްދޭ،" އޭނާ ވިދާޅުވި އެވެ.
މި ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ސްޓްރޯކް ޖެހުނު މީހުންނަށް އެކަން ދިމާވީ ސީދާ މެރުއާނާގެ ސަބަބުން ކަމެއް ނުވަތަ މެރުއާނާ ބޭނުންކުރުމުގައި އެއާ އެކު ބޭނުންކުރާ މަސްތުވާ އެހެން ބާވަތްތަކުގެ ސަބަބުން ކަމެއް ދިރާސާގައި ހޯދާފައެއް ނުވެ އެވެ. ނަމަވެސް ދިރާސާގެ މައިގަނޑު ބޭނުމަކީ މެރުއާނާ ބޭނުންކުރާ މީހުންނަށް އޮތް ނުރައްކާ ހާމަކުރުމެވެ.
ކްރޫޕާ ވިދާޅުވީ ސްޓްރޯކްގެ ނުރައްކާ އިތުރުވެގެން ދަނީ ހަކުރުބައްޔާއި ފަލަބަލި ފަދަ ސިއްހީ ކޮންމެވެސް އެހެން ސަބަބެއް ވެސް މީގެ ތެރޭގައި ހިމެނިގެން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.
"އެހެންވެ މިހާތަނަށް ހޯދިފައި މި ވަނީ މެރުއާނާ ބޭނުންކުރުމާ ސްޓްރޯކާ ގުޅުމެއް އެބަހުރިކަން. އެކަމުގެ ސަބަބުތަކާ ބެހޭ ގޮތުން އަދި ވާހަކަ ދައްކަން މާ އަވަސް،" އޭނާ ވިދާޅުވި އެވެ.
ކްރޫޕާ ވިދާޅުވި ގޮތުގައި މެރުއާނާ ބޭނުންކުރާ މީހުން 2010 އިން 2014 އަށް އިތުރުވި އިރު މި މުއްދަތުގައި ވަނީ ސްޓްރޯކް ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުން ގޮސްފަ އެވެ.