22 އޮކްޓޯބަރ 2018 - 10:14

މެޑްރިޑް (އޮކްޓޫބަރު 22) - ރެއާލް މެޑްރިޑަށް މިހާރު ދިމާވެފައިވާ މައްސަލައިގެ ހައްލަކީ އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓީގު މަގާމުން ވަކިކުރުން ނޫން ކަމަށް އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ބުނެފި އެވެ.
ރެއާލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން 3-0 އިން ބަލިވިއިރު، ޑިޕޯޓިވޯ އަލަވެސް އަތުން 1-0 އިން ބަލިވެ، އެތުލެޓިކޯ މެޑްރިޑާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ލެވަންޓޭ އަތުން ވެސް 2-1 އިން ބަލިވިއިރު، ޗެމްޕިއަންސް ލީގުގެ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ.
ރެއާލުގެ ތާރީހުގައި އެންމެ ދަށް ނަތީޖާތަކެއް ލޮޕެޓީގުގެ ކޯޗުކަމުގައި ފެންނަމުންދިޔަ ނަމަވެސް އެ ޓީމުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ވަނީ ކޯޗު ބަދަލު ކުރުމުގެ ވާހަކަތަކެއް ކުރިއަށްނުދާ ކަމަށް ބުނެފަ އެވެ.
ރާމޮސް ބުނީ ރެއާލުގެ ކުޅުންތެރިން ތިބީ ކޯޗު ލޮޕެޓީގުގެ ފަހަތުގައި ކަމަށެވެ.
"އަވަސް އަވަހަށް ކޯޗު ބަދަލުކުރުމަކީ މޮޔަކަމެއް. އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ އަވަސް އަރުވާލައިގެން ކޯޗުން ބަދަލުކޮށްގެން އެއްވެސް ކޮޅަކަށް މީގެ ފައިދާއެއް ނެތް. އަހަރެމެން މި ތިބީ ހަމަޖެހިގެން. މި ވަގުތު ނަތީޖާތައް ނުކުންނަ ގޮތުން މާޔޫސްވާން ޖެހުނަސް މަސައްކަތްކޮށްގެން ހާލަތު ބަދަލުކުރަން ބޭނުން،" ރާމޮސް ބުންޏެވެ.
"ހުލެން އަށް ހުރިހާ ކުޅުންތެރިން ވެސް އިތުބާރުކުރޭ. އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުން މުޅިއަކުން އިންސާފުވެރިއެއް ނޫން. މީގެ ކުޅުންތެރިންނަށް ވެސް ގޯސްތަކެއް ހެދިފައިހުރީ. ބަލިވަންޏާ ހަމައެކަނި އޮތީ ކޯޗުގެ ޒިންމާއެއް ނޫން."
ރިޕޯޓްތައް ބުނާގޮތުގައި މި ހަފްތާ ބަންދުގައި އޮންނަ އެލްކްލެސިކޯ މެޗުން ނަތީޖާ ނުނެރެވިއްޖެ ނަމަ ރެއާލު ކޯޗުކަމުން ލޮޕެޓީގު ވަކިކުރާނެ އެވެ. ލޮޕެޓީގަށް މެޑްރިޑުގެ ކޯޗުކަން ދިނީ ސްޕެއިން ގައުމީ ޓީމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެފައިވާތީ އެވެ. އެކަމަކު ސްޕެއިން ގޮވައިގެން ވޯލްޑް ކަޕަށް ގޮސް ހުރެ، މި ސީޒަނުގައި މެޑްރިޑާ ހަވާލުވާން އެއްބަސްވުމުން އޭނާ އަށް ވޯލްޑް ކަޕުގެ ކުރިން ސްޕެއިން ކޯޗުކަން ވެސް ގެއްލުނެވެ.
ސްޕެއިނުގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ހުއިލެމް ބަލަގޫ ދެކޭގޮތުގައި ރެއާލަށް އެންމެ ބޮޑު މައްސަލަތަކެއް މި ސީޒަނުގައި ކުރިމަތިވީ ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލުމަށް ފަހު އޭނާގެ ބަދަލުގައި ރަނގަޅު ކުޅުންތެރިއަކު ނުލިބުމެވެ. ރެއާލުން ވަނީ ޗެލްސީގެ އެޑެން ހަޒާޑާއި ޓޮޓެންހަމްގެ ހެރީ ކޭން ގެންނަން މަސައްކަތް ކޮށްފަ އެވެ.
ރެއާލް އެންމެ އަވަހަށް ކުޅޭ މެޗުގައި ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލްޒެންއާ އެވެ.