އިންތިޚާބު ބާތިލްވުމުގެ ދޮރުތައް ބަންދުވެއްޖެ: ޝަމީމް
އިންތިޚާބު ބާތިލްވުމުގެ ދޮރުތައް ބަންދުވެއްޖެ: ޝަމީމް

ރިޔާސީ އިންތިޚާބުގެ ވޯޓާ ގުޅޭ މައްސަލަތަކެއް، ވެރިކަންކުރާ ޕީޕީއެމުން ފުލުހުންނަށް ހުށަހެޅިއަސް އިންތިޚާބު ބާތިލްވުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

އިންތިޚާބު ބާތިލްވުމުގެ ދޮރުތައް ބަންދުވެއްޖެ: ޝަމީމް
އިންތިޚާބު ބާތިލްވުމުގެ ދޮރުތައް ބަންދުވެއްޖެ: ޝަމީމް

ރައީސް އަބްދުﷲ ޔާމީނަށް 38،000 ވޯޓުގެ ތަފާތުން ނާކާމިޔާބުވެވަޑައިގަތް އިންތިޚާބު ބާތިލްކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. އިންތިޚާބު ބާތިލްކުރުމަށް، ރައީސް ޔާމީންގެ ވަކީލުން ހުށަހެޅުއްވި ހެކިތަކަށް ބަލައި ކޯޓުން ހުކުމް އިއްވީ، އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށެވެ.

އެކަމަކު ވަކީލުން ތުހުމަތު ކުރެއްވި ގޮތަށް ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ގަބޫލު ކުރެވޭ ނަމަ، ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަން ބެލުމަށް ހުރަހެއް ނެތް ކަމަށާއި ޖިނާއީ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ އާންމު އުސޫލުގެ ތެރެއިން އެ މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ބެލިދާނެ ކަމަށް ހުކުމުގައިވެ އެވެ.

މިއީ، ރައީސް ޔާމީނާއި ސަޕޯޓަރުންގެ ހައްގު ހޯދަން ހުކުމުން ހުޅުވައި ދިން ރަނގަޅު ދޮރެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ އިސް ބޭފުޅުން ނިންމާފައި ވަނީ އެ ތުހުމަތުތައް ފުލުހުންނަށް ހުށަހެޅުމަށެވެ.

އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން، ޝަމީމް ވިދާޅުވީ އިންތިޚާބު ބާތިލްކުރުމުގެ ދޮރުތައް ބަންދުވެފައިވުމާ އެކު ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ގާނޫނީ ގޮތުން މިހާރު އޮތް ހަމަޔަކީ އެއީ ކަމަށް ވިދާޅުވި އެވެ.

މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތު އެކުލަވައިލުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޝަމީމް ވިދާޅުވި ގޮތުގައި، ހެއްކެއް ނެތި އިންތިޚާބާ ގުޅޭ "އުދާސްތައް" އަލުން ޕޮލިހަށް ހުށަހަޅަން ނިންމިއިރު، މީގެކުރިން ހުށަހެޅުމުން ބަލައިނުގަތްކަން ވެސް ރައީސް ޔާމީންގެ ވަކީލުން ސުޕްރީމް ކޯޓުގައި ފާހަގަކުރެއްވި އެވެ.

"ކޯޓުގައި އެ ބޭފުޅުން [ރައީސް ޔާމީންގެ ވަކީލުން] ވިދާޅުވި ޕޮލިހަށް ދިޔައީމޭ. ވިދާޅުވިއޭ އަމުރެއް ގެންނާށޭ. އެހެންވެ މިތަނަށް [ސުޕްރީމް ކޯޓަށް] މިއައީއޭ. އެ ބޭފުޅުންނަށް ޖިނާއީ އަދުލުގެ ނިޒާމް ހިނގާ ގޮތް މާރަނގަޅަށް ސާފުވެވަޑައިނުގަންނަވާތީ ކަންނޭނގެ ސުޕްރީމް ކޯޓާ ދިމާއަށް ވަޑައިގަންނަވަން ޖެހުނީ،" އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި އީސީގެ ވަކީލް ޝަމީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ޖިނާއީ އަދުލުގެ ނިޒާމަށް އެހާ ފަރިތަ ބޭފުޅުން ނޫން ކަމަށް ވިދާޅުވެ، ޕޮލިހަށް މައްސަލަ ހުށަހެޅުމުން ދެން ނުކުންނަ ނަތީޖާ ވެސް މާ ރަނގަޅަށް ސާފުވެވަޑައިނުގަންނަވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ފުލުހުންނަށް މައްސަލަތައް ހުށަހެޅުމުން ދެން ވާނެ ގޮތް ކިޔައިދެއްވަމުން ޝަމީމް ވިދާޅުވި ގޮތުގައި ޖިނާއީ މައްސަލައެއް ހިނގައިފިއްޔާ، ކޮރަޕްޝަން ފިޔަވައި އެހެން މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ ފުލުހުންނަށެވެ. ޖިނާއީ މައްސަލައެއްގައި ތުހުމަތު ކުރެވޭ އިންސާނަކު ވެސް ހުންނަން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޖިނާއީ މައްސަލައެއް ހިންގުމުގެ ނަތީޖާއަކީ، ޝަމީމް ވިދާޅުވި ގޮތުގައި އެ މީހެއްގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލް ދައުވާ އުފުލުމެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ، ޕީޕީއެމުން ތުހުމަތުކުރާ ފަދަ ޖިނާއީ އަމަލެއް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކު ހިންގާފައިވީ ނަމަވެސް އެކަމުގެ ޒިންމާ އުފުލަން ޖެހެނީ އެ މީހަކަށް ވުމެވެ. އެއީ، އެ ކޮމިޝަނުން ބޭއްވި އިންތިޚާބުގެ ނަތީޖާ ބާތިލްވާނެ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ޖިނާއީ މައްސަލައެއް ހިންގުމުގެ ނަތީޖާ އަކީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލެއް ނުވާނެއޭ. އެ ނަތީޖާ ދެމިގެން ނުދާނެއޭ އެ މީހަކު ކުރި ކަމެއްގެ މައްޗަށް، އެހެންވީމަ ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ބޭނުންވާ ނަތީޖާއެއް ޖިނާއީ ތަހުގީގެއް ހިންގައިގެން ނުލިބޭނެ،" ޝަމީމް ވިދާޅުވި އެވެ.

އިންތިޚާބީ ޝަކުވާތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެ މުއްދަތު ވެސް ހަމަވެފައިވުމާ އެކު އެ ކޯޓަށް ވެސް މިހާރު މައްސަލަ ހުށަހެޅުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އިންތިޚާބު ބާތިލްކުރުމާ ގުޅޭ މައްސަލައެއް އެ ކޯޓުން ވެސް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.