23 އޮކްޓޯބަރ 2018 - 07:32

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޕަދްމާވަތު" އަށް ފަހު، ބެލުންތެރިންނާ ހަމައަށް އައި ޝާހިދުގެ "ބައްތީ ގުލް މީޓަރު ޗާލޫ" އަކީ އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ. އެ ފިލްމަށް ކުރެވުނު އުންމީދުތައް ބޮޑު ނަމަވެސް، ބެލުންތެރިންނަށާއި ކްރިޓިކުންނަށް ވެސް އެއީ މާ ކަމުދާ އެއްޗަކަށް ނުވި އެވެ.
"ބައްތީ ގުލް މީޓަރު ޗާލޫ" ވަރަށް ހިނގާނެ ފިލްމެއް ކަމަށް ބެލެވުނީ އެ ފިލްމު އުފެއްދި ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގްގެ ފުރަތަމަ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ވަރަށް ކާމިޔާބު ފިލްމަކަށް ވެގެން ދިއުމެވެ. އަކްޝޭ ކުމާރާއި ބޫމީ ޕެޑްނޭކަރް ލީޑް ރޯލް ކުޅުނު އެ ފިލްމަކީ އިންޑިއާގެ ރަށްފުށުގެ ރައްޔިތުންނަށް ފާހާނާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ މައްސަލަ އަށް ބިނާކޮށް ހެދި ފިލްމެކެވެ.
ޝާހިދާ އެކު ޝްރަދާ ކަޕޫތް ބަތަލާގެ ރޯލް ކުޅުނު "ބައްތީ ގުލް މީޓަރު ޗާލޫ" އަކީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ޝާހިދު ކަޕޫރާއި ކިއާރާ އަދްވާނީ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިންގެ ޝޫޓިން މިހާރު ވަނީ އާދީއްތަ ދުވަހު ފަށައިފަ އެވެ. ކިއާރާގެ ޓްވީޓެއްގައި ވެސް ވަނީ އެކަން ހިއްސާކޮށްފަ އެވެ.
"އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އިން މި ޖޯޑު ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް އަންނަ އިރު، ދާދި ފަހުން ވަނީ އެކުގައި ވީޑިއޯ ލަވައެއް ވެސް ކުޅެފަ އެވެ. އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިންއަކީ އެ ނަމުގައި މިދިޔަ އަހަރު ރިލީޒް ކުރި ތެލުގޫ ފިލްމަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކުރަނީ ތެލެގޫ ވާޝަން ވެސް ޑައިރެކްޓަރު ސަންދީޕް ވަންގާ އެވެ.
ނިކިލް އަދްވާނީ ޑައިރެކްޓްކޮށް، ޖޯން އަބްރަހަމް ބަތަލުގެ ރޯލް ކުޅޭ ފިލްމު "ބަތުލާ ހައުސް" ގެ ޝޫޓިން ވެސް ފަށައިފި އެވެ. ނިކިލް އާއި ޖޯން ކުރި ޓްވީޓްތަކެއްގައި ވަނީ އެކަން ފޭނުންނާ ހިއްސާކޮށްފަ އެވެ.
މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސަތިޔަމޭވް ޖަޔަތޭ" އަށް ފަހު އަނެއްކާ ވެސް ޖޯން ފުލުހެއްގެ ރޯލުން ފެނިގެންދާ "ބަތުލާ ހައުސް" އަކީ ޕޮލިޓިކަލް/އެކްޝަން ތުރިލާއެކެވެ. މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސްކްރިޕްޓަކަށް ހަދާ ފިލްމެކެވެ. ޖޯން "ބަތުލާ ހައުސް" ސިފަކޮށްފައި ވަނީ އިންޑިިއާގެ "އެންމެ ކޮންޓްރަވާޝަލް ކޮޕް" ގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ ގޮތުގަ އެވެ.
ފިލްމުގެ ޝޫޓިން ފެށި ނަމަވެސް މީގެ އިތުރު ކާސްޓުންނަކޯ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ބަތުލާ ހައުސް" ގެ ބަތަލާއަކީ އަންނަ އަހަރު ރިލީޒް ކުރާ ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ބަތަލާ މުރްނާލް ތާކޫރް އެވެ.
"ބަތުލާ ހައުސް" އަކީ 2007 ގައި ނިކިލް ޑައިރެކްޓް ކުރި "ސަލާމޭ އިޝްގް" އަށް ފަހު، ނިކިލްގެ ޑައިރެކްޓް ކުރާ ފިލްމެއްގައި ޖޯން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ.
އަލަތު ދަރިފުޅަށް ބަލިވެ އިން ބަތަލާ ނޭހާ ދޫޕިއާ މިހާރު އަންނަނީ ދަރިފުޅު ލިބޭނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. އެކްޓަރު އަންގަދު ބޭދީއާ މިދިޔަ މެއި މަހު ކައިވެނި ކުރި ބަތަލާ ބުނި ގޮތުގައި ވަކި ޖިންސެއްގެ ކުއްޖަކަށް އޭނާ އުންމީދެއް ނުކުރެ އެވެ.
"ޖިންސް މުހިއްމެއް ނޫން. ބޭނުން ވަނީ ސިއްހަތު ރަނގަޅު ދަރިއެއް،" މި މަހު ރިލީޒް ކުރި "ހެލިކޮޕްޓާ އީލާ" ގައި ވެސް ރޯލެއް ކުޅުނު ނޭހާ ބުންޏެވެ.
އޭނާ ފާހަގަ ކުރެވެނީ ބަލިވެ އިން ނަމަވެސް އަދިވެސް ވަރަށް ބިޒީކޮށް، ހަރަކާތްތެރިކޮށް އުޅޭ އަންހެނެއްގެ ގޮތުގަ އެވެ.
ނޭހާ ބުނި ގޮތުގައި ބަލިވެ އިނުމަކީ އެއްވެސް ކަމެއް ނުކޮށް ގޭގައި އިންނަން ޖެހޭ ކަމެއް ނޫނެވެ. އެހެންވެ އެނާ ބޭނުން ވަނީ ވިހެއުމާ ހަމައަށް ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅެން ކަމަށް ބުންޏެވެ. އަދި މިއީ އޭނާގެ މަންމަގެ ފަރާތުން ދަސްވި ކަމެއް ކަމަށް ބުންޏެވެ.
މިދިޔަ އަހަރު ކަލާޒުން ގެނެސް ދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި އާދައިގެ މީހެއްގެ ގޮތުގައި ވާދަ ކުރި ޕުނިތު ޝަރްމާ ޓީވީ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވެއްޖެ އެވެ.
އެކަން ކަށަވަރުކޮށް ދެމުން ޕުނިތު ބުނީ އޭނާ ފެނިގެން ދާނީ ސްޓާ ބާރަތުން ގެނެސްދޭ "މުސްކާން" ގެ ރޯލަކުން ކަމަށެވެ.
"އޭގައި ވަރަށް ވަރުގަދަ ނެގަޓިވް ރޯލަކުން އަހަރެން ފެނިގެން ދާނީ. ވަރަށް އުފަލުން މިހުރީ އެ ސިލްސިލާ އިން ފުރުސަތު ލިބުނީތީ. އަނެއްކާ މިއީ އެކްޓިން ޕްރޮޖެކްޓަކަށްވާތީ އަހަނަށް ވަރަށް އާ ތަޖުރިބާއަކަށް ވެސް ވާނެ." އޭނާ ބުންޏެވެ. "އާންމުކޮށް މި ފެންނަ ސިލްސިލާތުން ފެންނަ ކަހަލަ ކެރެކްޓާތަކާ ތަފާތު ކެރެކްޓާއަކުން އަހަރެން ފެނިގެން ދާނީ."
ޕުނިތު ބުނި ގޮތުގައި "މުސްކާން" އިން ފުރުސަތު ލިބުމުން އެންމެ އުފާވި އެއް ކަމަކީ ޓީވީގެ ހުނަރުވެރި އެކްޓަރެއް ކަމަށްވާ ސުދޭޝް ބެރީއާ އެކު މަސައްކަތްކޮށްލަން ލިބޭތީ އެވެ.
"ބިގް ބޮސް" ގައި ޕުނިތު ގިނަ ބަޔަކަށް ފާހަގަ ކުރެވިގެން ދާނީ ދިޔައީ ޝޯގައި ބައިވެރިވި ބަންދަގީ ކަރްލާއާ އެކު ވަރަށް ގައިގޯޅި ގުޅުމެއް ބޭއްވި މީހެއްގެ ގޮތުގަ އެވެ. ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބެލެވޭ އިރު، ދާދި ފަހުން ވަނީ އެކުގައި ވީޑިއޯ ލަވައެއް ވެސް ކުޅެފަ އެވެ.