ފައިނަލުގެ ފަހު ޖާގަ ސިފައިން ހޯދައިފި
ފައިނަލުގެ ފަހު ޖާގަ ސިފައިން ހޯދައިފި

ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީ ފައިނަލުގައި ރޭ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައި ދިވެހި ސިފައިންގެ ކްލަބުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މާދަމާރޭ ކުޅޭ ފައިނަލުގައި ސިފައިން ނުކުންނާނީ މުބާރާތުގެ ފުރަތަމަ ސެމީގައި އެ ޓީމު އަތުން މޮޅުވި ޕޮލިސް ކްލަބާ ދެކޮޅަށެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗު ފަށައިގެން ސިފައިން ވަނީ ރަނގަޅު ފޯމެއްގައި އޮވެ މޮޅަށް ކުޅެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސިފައިންގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ މޮޅު ކުޅުމާ އެކު ސިފައިން ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-19، 25-18 އިންނެވެ. ތިން ވަނަ ސެޓުގައި ހުޅުމާލެ އިން ކުޅުން ރަނގަޅުކޮށް އެ ސެޓު 17-25 އިން ގެންދިޔަ އެވެ.

އެކަމަކު ތިން ވަނަ ސެޓުގައި ދެއްކި ކުޅުން ހުޅުމާލެ އަށް ހަތަރު ވަނަ ސެޓުގައި ދެއްކޭގޮތް ނުވުމުގެ ފައިދާނަގައި ސިފައިން ވަނީ އެ ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ސިފައިން އެ ސެޓު ގެންދިޔައީ 25-17 އިންނެވެ.

ކުޅިވަރު އެކުވެނި އިންޑޯ ކޯޓު ލިބުނު މުއްދަތަށް ފައްތައިގެން މުބާރާތްތައް ކުރިއަށްގެންދާތީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ މި ފަހަރުގެ ގައުމީ ލީގު ކެންސަލްކޮށްފަ އެވެ. އެހެންވެ ގައުމީ މުބާރާތައް ޓީމުތައް ކޮލިފައިވާނީ އެސޯސިއޭޝަން ކަޕުންނެވެ.

ގައުމީ މުބާރާތުގައި ވާދަކުރާނީ އެސޯސިއޭޝަން ކަޕްގެ ގަދަ ހަ ޓީމެވެ. މިހާރު ގައުމީ މުބާރާތުގެ ޖާގަ ލިބިފައިވަނީ ޕޮލިހާއި، ސިފައިން، ހުޅުމާލެ، ގުޑީސް ސްޕޯޓްސް ކްލަބް، އާއި ސްޕޯޓްސް ކްލަބް އަށެވެ. ފަހު ޖާގަ އަށް ވާދަކުރަނީ ހޯކްސް ސްޕޯޓްސް ކްލަބާއި މަލްސަން ސްޕޯޓްސް ކްލަބް އެވެ. ގައުމީ މުބާރާތް ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.