21 އޮކްޓޯބަރ 2018 - 22:18

ޚިޔާލީ ދުނިޔެއިން ނިކުމެ، އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސީރިއަސް މަސައްކަތްތަކެއް ކުރުން މާ ބުއްދިވެރިކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.
ޝަރީފް މިގޮތަށް ޓްވީޓްކުރައްވާފައި މި ވަނީ ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ހުކުމް ކޮށްފައި ވަނިކޮށެވެ. ކޯޓުން ހުކުމް ކުރީ އިންތިޚާބު އޮޅުވާލި ކަމަށް ބުނާ ވާހަކަ ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އެހެންވެ އިންތިޚާބު ބާތިލްކުރެވެން ނެތް ކަމަށެވެ.
އެހެންވެ ޝަރީފްގެ މި ޓްވީޓް އަމާޒުކުރައްވާފައި ވަނީ އިންތިޚާބު އޮޅުވާލި ކަމަށް ބުނެ އޭނާ އާއި އީސީގެ މެންބަރުންގެ މައްޗަށް ތުހުމަތުކުރި ފަރާތްތަކަށް ކަމަށް ބެލެވެ އެވެ. ޓްވީޓްގައި ޝަރީފް ވަނީ ހަގީގަތް ގަބޫލުކުރުމަށް ގޮވާލައްވައިފަ އެވެ.
އިންތިޚާބާ މެދު ޝައްކު އުފައްދައި ކޮންމެ ރެއަކު ކަޕީޕީއެމްގެ އޮފީސް ދޮށަށް އެއްވެ އީސީގެ މެމްބަރުންގެ އިސްތިއުފާ އަށް ދަނީ ގޮވަމުންނެވެ. އެ މެމްބަރުން ރިޝްވަތު ނަގައި އިންތިޚާބު އޮޅުވާލި ކަމަށް މުޒާހަރާގައި ގޮވަ އެވެ.
އީސީގެ މެންބަރުންނާ މެދު ކުރާ ތުހުމަތުތަކަށް އެ ބޭފުޅުން އިންކާރު ކުރައްވަ އެވެ. މެންބަރުން ވިދާޅުވަނީ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.