22 އޮކްޓޯބަރ 2018 - 07:32

"ދިވެހިރާއްޖޭގެ ކޯޓަކުން އިންސާފު ލިބުމަކީ އުނދަގޫ ކަމެއް. އެ މައްސަލައެއްގައި ނުފޫޒު ގަދަ މީހެއް ނެތް ނަމަ އިންސާފު ފަހަރުގައި ލިބިދާނެ. ނޫން ނަމަ އެއީ ފަސޭހަ ކަމެއް ނޫން."
އެއީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅުން ހުރި ބޭފުޅަކު ޝަރުއީ ދާއިރާގެ މިހާރުގެ ހާލަތު ކުރުކޮށް ސިފަކޮށްދެއްވުމަށް ވިދާޅުވި އެއްޗެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުމަކާ ގާތްވެފައިވާއިރު ރާއްޖޭގެ މިނިވަން މުއައްސަސާތައް ހަލާކުވެފައިވާކަން ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އޭގެ ތެރެއިން ވެސް ޝަރުއީ ދާއިރާ ވަކިން ބޮޑަށް ފާލުން ނެއްޓިފައިވާކަން އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށް އާ އިންތިހާބެއް ބާއްވަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމް، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް، އައި ކަމަށް ވިޔަސް، މިދިއަ ދުވަސްތަކުގައި ކޯޓުތަކުން ނިންމި ބައެއް ކަންކަމާ ހެދި އާންމުންގެ ތެރޭގައި ފަނޑިޔާރުންގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
ރާއްޖޭގެ ވެރިކަމާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަވާލުވެވަޑައިގަންނަވާއިރު އެމަނިކުފާނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުންކަން ތަޖުރިބާކާރުން ބުނެ އެވެ. އުނދަގޫ ވިޔަސް އެންމެ މުހިންމު ކަމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުންކަން އެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައި ހުރި ކިލަނބުކަން ފިލުވާލުމަށް އެންމެ މުހިންމު އެއް ކަމަކީ ފަނޑިޔާރުގެ ހަރުދަނާ، އިތުބާރު ހިފޭ އަދި ޖަވާބުދާރީ ކުރެވޭ ތަނަކަށް ވުން،" ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ ޑައިރެކްޓަރު އައިމަން ރަޝީދު ވިދާޅުވި އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން 2015 ގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޯޓުތަކަށް އިތުބާރު ކުރަނީ ރާއްޖޭގެ އެންމެ 15 ޕަސެންޓް މީހުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މައްސަލަތައް ނިންމުމުގައި ޒާތީ ފައިދާތަކެއް ނަގަން މަސައްކަތްކުރުމަކީ އޭގެ އެންމެ ބޮޑު ސަބަބެވެ.
ރާއްޖޭގެ މަތީ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ލަގުޒަރީ ފްލެޓްތައް ސަރުކާރުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ވެސް ހިމެނެ އެވެ.
އެކަމަކު ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ގިނައިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަމެއް ނުކުރެ އެވެ.
"ކޮރަޕްޝަނަކީ ހަމައެކަނި ފައިސާއާ ގުޅޭ ކަންކަމެއް ނޫން. ކޮރަޕްޝަނުގެ ތެރޭގައި ނުފޫޒާއި ބާރުވެރިކަމާއި އެހެނިހެން މަންފާތައް ހިމެނިފައިވާތީ ޖުޑިޝަރީ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އޮތް ކަމަށް ގަބޫލުކުރެވޭ،" ނަން ނުޖަހާ ގޮތަށް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ބައެއް ކޯޓުތަކުގައި ތިބި ފަނޑިޔާރުން މަގާމުން ވަކިނުކޮށް ޝަރުއީ ދާއިރާ އިސްލާހެއް ނުކުރެވޭނެ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ފަނޑިޔާރުން އެބަ ތިބި އެބޭފުޅުންގެ ސުލޫކު ހުރި ގޮތުންނާއި އާންމުންގެ ޝަކުވާ އާއި މަގާމުގެ ކުރިއެރުން ލިބިފައިވާ ގޮތުން އެބޭފުޅުން މަގާމުން ވަކިނުކޮށް ޝަރުއީ ދާއިރާ އިސްލާހު ނުކުރެވޭނެ ބޭފުޅުން،" ކުރީގެ ބަންޑާރަ ނައިބު އަދި ފަނޑިޔާރުކަން ވެސް ކުރެއްވި ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
އާންމުންގެ އިތުބާރު ނެތް ތަނަކަށް ފަނޑިޔާރުގެ ބަދަލުވެ، ޝަރުއީ ދާއިރާ މިހާ ދަށު ދަރަޖައަށް ވެއްޓުމުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
އެގޮތުން ފަނޑިޔާރުކަމަށް އެކަށީގެންނުވާ މީހުން، ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި، ކޯޓުތަކަށް ލުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ.
"ފަނޑިޔާރުގޭ ތެރެއިން ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ތައުލީމީ ގޮތުން ވެސް ފެންވަރެއް ނެތް، ތަޖުރިބާއެއް ނެތް، ސުލޫކެއް ނެތް މީހުން ގާޒީންގެ ގޮތުގައި އައްޔަންކުރުމާއި ތިބި މަގާމަށް ވުރެ މައްޗަށް ޕްރޮމޯޓުކުރުން އަދި ރަނގަޅު ގާޒީންނަށް ބިރުދެއްކުމަކީ މި ދަރަޖައަށް ކަންތައް ދިއުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
މީގެ 10 އަހަރު ކުރިން 2008 ގައި ފެހި ގާނޫނު އަސާސީ ވުޖޫދަށް އައިއިރު ފަނޑިޔާރެއްގައި ހުރުން ލާޒިމު ސިފަތައް ބަޔާންކޮށްފައި އޮތެވެ. މާ ބޮޑު ޝަރުތުތަކަކަށް ނުވި ނަމަވެސް، ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްފައި ހުރުމާއި ހަތް އަހަރުގެ ތަޖުރިބާއަކީ ފަނޑިޔާރެއްގެ ހުރުން ލާޒިމު ސިފަތައް ކަމަށް ގާނޫނުއަސާސީގެ 285 ވަނަ މާއްދާގައި އޮތީ ލިޔެފަ އެވެ.
އެކަމަކު ޖޭއެސްސީގެ މެންބަރު އައިޝަތު ވެލެޒިނީ، އޭރު ރޮމުން ކުރެއްވި އާދޭސްތައް ބޮލާލައި ޖަހައި، ފަނޑިޔާރުންގެ އެ ޝަރުތުތައް ހަމަނުވަނީސް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު މެދުވެރިގެން ރާއްޖޭގައި އެވަގުތު ތިބި ހުރިހާ ފަނޑިޔާރުންގެ މަގާމު ދާއިމީކުރި އެވެ.
"ގާނޫނު އަސާސީގެ 285 ވަނަ މާއްދާއަކީ ވަކި މަގުސަދުތަކެއް ހާސިލް ކުރުމަށް ލިޔެފައި އޮތް މާއްދާއެއް. އެ މާއްދާ ތަންފީޒު ކުރި ކަމަށް ބުނި ނަމަވެސް ހަގީގަތުގައި އެންމެ ފުރިހަމައަށް އެ މާއްދާ ތަންފީޒު ކުރެވިފައެއް ނެތް،" ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ވެސް އުޅުއްވި ތަޖުރިބާކާރު ވަކީލު ޝާހީން ހަމީދު ވިދާޅުވި އެވެ.
ކޯޓުތައް އިސްލާހުކޮށް ރައްޔިތުންނަށް އިންސާފު ހޯދައިދޭން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހިފައި ވާއިރު ސިޔާސީ ގޮތުން އެކަމަށް ކުރަން ޖެހޭ މަސައްކަތް ވެސް ވަރަށް ގިނަ އެވެ. އިލްމީ ބޭފުޅުން ވިދާޅުވާ ގޮތުގައި ޕޮލިޓިކަލް ވިލް ނުވަތަ ސިޔާސީ ގޮތުން އިސްލާހު ކުރަން ބޭނުންވެގެން މެނުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ވާނެ ކަމެއް ނޫނެވެ.
"މުޖްތަމައުގައި އިސްލާހު ކުރަން ޖެހޭ އެއްވެސް ކަމެއް ބަދަލުކުރެވޭނީ ހަގީގަތުގައި ސިޔާސީ ގޮތުން އެ ނިންމުން ނިންމަން ޖެހޭ ފަރާތްތަކުން އެކަން ކުރީމަ،" ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ސިޔާސީ ވެރިން އިހުމާލުވަނީ އެންމެ ބޮޑަށް ހައްގުތަކަށް އަރައިގަންނަނީ އެ މީހުން ކަމަށް ވާތީ އެވެ.
"ގިނަ ފަހަރު އިންސާނީ ހައްގުތަކަށް އެންމެ ގިނައިން އަރައިގަންނަ ބަޔަކީ ދައުލަތް. އެހެންވީމަ އެމީހުން ބޭނުމެއް ނުވާނެ ކޯޓުތަކުން އެމީހުންނާ ދެކޮޅަށް މައްސަލަތައް ނިންމާކަށް،" އަލީ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ސިޔާސީ ވެރިންނާއި އާންމުންނަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ދާއިރާ އިސްލާހު ކުރުން ކަމަށެވެ.
"އެ ޕޮލިސީ ބަދަލު ކުރުމަށް ހިތްވަރުގަދަ ނިންމުމެއް ނިންމަން މި ޖެހެނީ. އޭގެ އަގު ގައުމު ހިންގަން ހުންގާނުގައި ތިބޭ ވެރިންނަށް މިވަގުތު ބޮޑުވެދާނެ. ނަމަވެސް ދިގު މުއްދަތަށް ބަލާއިރު އާންމުންނަށް ވެސް އަދި ވެރިންނަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް ވާނީ މިނިވަން ޖުޑީޝަރީއެއް އޮތުން،" އަލީ ހުސެން ވިދާޅުވި އެވެ.
އައިމަން ވެސް ގަބޫލުކުރައްވަނީ ޖުޑިޝަރީ އިސްލާހު ކުރުމުގައި ސިޔާސީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކެއް ހުރި ކަމަށެވެ. އަދި މީގެ ކުރިން ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން މަސައްކަތް ކޮށްފައި ވަނީ ގޯސްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުތަކުގެ ސިޔާސީ ތަޖުރިބާއަކީ އެއިރެއްގައި އޮންނަ ސަރުކާރަށް ފައިދާވާ ގޮތަށް ފަނޑިޔާރުގެ ލަންބުވަން މަސައްކަތް ކުރުން. ސަރުކާރަކާ ދެކޮޅަށް ކަމެއް ވާ ނަމަ އެކި ކަހަލަ ނުފޫޒު އޭގެ ތެރެއަށް ވަންނަތަން ވެސް އެބަ ފެނިގެންދޭ. މިސާލަކަށް މި އަހަރުގެ ފެބްރުއަރީ އެކެއްގައި ނެރުނު ހުކުމާ ގުޅިގެން ހިނގައި ދިޔަ ކަންކަން،" އައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ފައިދާއަށް ނުބަލައި އަދި ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ވެއްދުމުގެ ބަދަލުގައި، ޝަރުއީ ދާއިރާ އިސްލާހުކުރަން އިހުލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
"ޕޮލިޓިކަލް ވިލް އޮންނަން ޖެހެނީ ފަނޑިޔާރުގެ އިންސާފުވެރި ކުރުމަށް. އެއްގޮތަކަށް ވެސް އެބަޔަކަށް ފައިދާވާ ގޮތަކަށް ފަނޑިޔާރުގެ ލެންބުވުމެއް ނޫން،" އައިމަން ވިދާޅުވި އެވެ.
"ފަނޑިޔާރުގެ އިސްލާހު ކުރުމަކީ އަމިއްލަ މުށު ތެރެއަށް ފަނޑިޔާރުގެ ވެއްދުމެއް ވެސް ނޫން. މިއީ ހަނދާން ކުރަން ޖެހޭ ވަރަށް މުހިންމު ކަމެއް."