23 އޮކްޓޯބަރ 2018 - 07:32

އަބަދު ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ މެމްބަރު ކަމަށް ޖާވިދު އަހުތަރު ވެސް ހަމަޖައްސައިފި އެވެ.

ޖާވިދަކީ މަޝްހޫރު ޅެންވެރިއެއް/ލިޔުންތެރިއެކެވެ. "ޝޯލޭ" އާއި "ސީތާ އޯރް ގީތާ" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭގައި ވެސް ހިއްސާވެފައިވާ ޖާވިދު އަހުތަރަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ދެ ޑައިރެކްޓަރުން ކަމަށްވާ ފަރްހާން އަހުތަރާއި ޒޯޔާ އަހުތަރުގެ ބައްޕަ އެވެ. އަދި އޭނާއަކީ ބަތަލާ ޝަބާނާ އަޒްމީގެ ފިރިމީހާ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީބީއެފްސީގެ މެމްބަރު ކަމަށް ޖާވިދު އަހުތަރު، 73، ހަމަޖެއްސީ ފިލްމުތައް ފާސްކޮށް ދިނުމުގައި އަދިވެސް ގެންގުޅޭ އުސޫލުތަކާ ދޭތެރޭ ފިލްމު ހަދާ މީހުންގެ ހިތްހަމަނުޖެހުންތަކާ ހެދި މިހާރުގެ ޗެއާމަން ޕްރަސޫން ޖޯޝީ އަށް ވެސް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާތީ، އޭނާ އަށް ވުރެ ސީނިއާ މީހަކު ސީބީއެފްސީގެ ބޯޑްގައި ލަފާ ދޭން ހިމެނުމަށްޓަކަ އެވެ.
ޅެންވެރިއެއްގެ ގޮތުގައި މަޝްހޫރު ޕްރަސޫން ސީބީއެފްސީގެ ޗެއާމަނަކަށް މިދިޔަ އަހަރު ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުރި ޕްރޮޑިއުސަރު ޕެހެލާޖް ނިހެލާނީ އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން އޭނާ މަގާމުން ވަކި ކުރުމަށް ފަހުގަ އެވެ.
ޕްރަސޫންއާ އެކު ސީބީއެފްސީގެ ބޯޑްގައި މިހާރު ތިބެނީ ބަތަލާ ވިދިޔާ ބާލަން، ޕްރޮޑިއުސަރު/ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ، ގޯތަމީ ޓަޑިމައްލާ، ނަރެންދުރަ ކޯލީ، ނަރޭޝް ޗަންދުރަ ލާލް، ނީލް ހާބަޓް ނޮންކީން، ވަމަން ކަންދްރޭ، ޓީއެސް ނާގަބަރަނާ، ރަމޭޝް ޕަޓަންގް، ވާނީ ތުރިޕަތީ ޓިކޫ، ޖީވިތާ ރަޖަސޭކަރް އަދި މިހިރު ބޫޓާ އެވެ.