ރަންވީރާއި ދީޕިކާ އަންނަ މަހު ކައިވެނި ކުރާކަން އިއުލާންކޮށްފި
ރަންވީރާއި ދީޕިކާ އަންނަ މަހު ކައިވެނި ކުރާކަން އިއުލާންކޮށްފި

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ރަންވީރް ސިންގް ކައިވެނި ކުރާކަން ފުރަތަމަ ފަހަރަށް ރަސްމީކޮށް ދެ ތަރިން ކަށަވަރުކޮށްދީފި އެވެ.

އެކަން ދެ ތަރިން ކަށަވަރުކޮށް ދީފައި ވަނީ ޓްވީޓާ އާއި އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގަ އެވެ. އޭގައި ދެ ތަރިން ބުނީ ދެ ދުވަހަށް ދެމިގެންދާ ކައިވެނީގެ ހަފުލާތައް ކުރިއަށް ދާނީ އަންނަ މަހުގެ 14 އާއި 15 ގައި ކަމަށެވެ.

ބެލެވޭ ގޮތުން 14 ވަނަ ދުވަސް ހާއްސަ ވާނީ މެހެދީ ސެރެމަނީއަށެވެ. އަދި ކައިވެނީގެ ރަސްމީ ހަފުލާ އޮންނާނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އެ ތާރީހު ފާހަގަ ކުރެވެނީ ރަންވީރާއި ދީޕިކާގެ ޖޯޑު އެކުގައި ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ" ރިލީޒް ކުރި ތާރީހުގެ ގޮތުގަ އެވެ.

ކައިވެނި ކުރާކަން އިއުލާން ކުރުމުގެ ކުރިން ދެ ތަރިން މިހާތަނަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް ވެސް ރަސްމީކޮށް އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް ކައިވެނި އިއުލާން ކުރުމާ އެކު އެތައް ބަޔަކު އަންނަނީ ދެ ތަރިންނަށް ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ރަންވީރު، 33، އާއި ދީޕިކާ، 32، އަންނަ މަހު ކައިވެނި ކުރާކަން ކަށަވަރުކޮށް ދީފައި މި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރަން އުޅޭ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ފަހުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ހަފުލާ ބާއްވަން ހަމަޖެހިގައި ވަނީ އިޓަލީގެ ހިތް ގައިމު ލޭކް ކޯމޯގަ އެވެ.

ނަމަވެސް ކައިވެނި ކުރާކަން އިއުލާންކޮށް، ނެރުނު ބަޔާނުގައި ހަފުލާ ބާއްވާނެ ތަނެއް ހާމަކޮށްފައެއް ނުވެ އެވެ.

ރަންވީރާއި ދީޕިކާ މިހާތަނަށް އެކުގައި ހަތަރު ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ "ރާމް ލީލާ" ގެ އިތުރުން ފައިންޑިން ފެނީ (2014)، ބަޖިރާއޯ މަސްތާނީ (2015) އަދި މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އެވެ.

ރަންބީރާ ރައްޓެހިވުމުގެ ކުރިން ދީޕިކާ ސީރިއަސް ލޯބީގެ ގުޅުމެއް އެންމެ ފަހުން ބޭއްވީ ރަންބީރޫ ކަޕޫރާ އެވެ. ދީޕިކާއާ ރައްޓެހިވުމުގެ ކުރިން ރަންވީރު ވަނީ، ކްރިކެޓް ތަރި ވިރާޓް ކޯލީއާ މިހާރު ކައިވެނިކޮށްގެން އުޅޭ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާއާ ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.

އަންނަ މަހު ރަންވީރާއި ދީޕިކާ ކައިވެނި ކުރާ އިރު، ޑިސެމްބަރު 28 ގައި ރަންވީރުގެ އާ ފިލްމު "ސިމްބާ" ސިނަމާތަކަށް އަންނާނެ އެވެ. ދީޕިކާ މިހާރު ސޮއިކޮށްފައި އޮތް ފިލްމަކީ އޭނާ ޕްރޮޑިއުސްކޮށް، ލީޑް ރޯލް ވެސް ކުޅޭ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގްރަވާލްގެ ބައޮގްރަފިކަލް ޑްރާމާ އެވެ.