21 އޮކްޓޯބަރ 2018 - 16:20

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަަލައިގައި އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބަލި ގަބޫލު ކުރެއްވުމަށް ފަހު، އިންތިޚާބު ބާތިލުކުރަން ރައީސްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭން އުޅުނު ކަމަށް ބުނެ އާއި ނަތީޖާ ވަކި ކޮޅަކަށް އަނބުރައިލަން ކޮމިޝަނުން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމަށްޓަކައި މިއަދު މެންދުރު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގު ވެފައިވާ ކަމަށެވެ.

އެ މައްސަލާގައި ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ އެމް7 ކުންފުންޏަށް ވޯޓު ކަރުދާސް ޗާޕް ކުރަން ދިނުމެވެ. އެ ކުންފުނީގައި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮތް އިރު، އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމަކީ ވަކި ގޮތަކަށް ނަތީޖާ އަނބުރާލަން ކޮމިޝަނުން ކުރި ކަމެއް ކަމަށް އެ މައްސަލައިގައި ތުހުމަތު ކޮށްފައިވެ އެވެ.

ހުކުމް އިއްވެވުމުން ކުރިން، ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވޯޓު އޮޅުވައިލި ކަމަށް ބުނެ އެ މައްސަލައިގައި ފާހަގަކުރި އެއްވެސް ކަމެއް ހިނގި ކަމުގެ ހެއްކެއް ދެއްކިފައި ނެތް ކަމަށެވެ. އަދި ވޯޓު އޮޅުވައިލި ކަމަށް ބުނާ ނަމަ އެކަމެއް ސާބިތުކޮށް ދިނުމަކީ އެ ގޮތަކަށް ބުނާ ފަރާތުގެ ޒިންމާއެއް ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމް 7 އަށް ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލު ކުރުމަކީ އިންތިޚާބުގެ ކަންކަމުގައި ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަށް ކޮމިޝަނުން އަމަލު ކުރި ކަމެއް ކަމަށް ބާރު ލިބޭ ދަލީލެެއް ނޫން ކަމަށެވެ. އަދި އެ ކުންފުންޏަށް އެ މަސައްކަތް ދިނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެެން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާއިރު، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ގަބޫލު ކުރެވޭ ނަމަ، ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަން ބެލުމަށް ހުރަހެއް ނެތް ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ވޯޓު ކަރުދާސް ބެހެއްޓި ތަނުގެ ސަލާމަތީ ކަންކަމާ މެދު އެ މައްސަލައިގައި ސުވާލު އުފައްދާފައި ވިޔަސް، އުއްތަމަ ފަނޑިޔާރު ވިިދާޅުވި ގޮތުގައި އެތަނުގެ ސަލާމަތީ ކަންކަން ދަށްކަމުގެ ހެއްކެއް ހުށަހަޅާފައެއް ނެތެވެ. އަދި އެކަމުގެ ސަބަބުން ވޯޓު އޮޅުވާލަން މަގުފަހިވި ގޮތެއް ވެސް އެ މައްސަލާގައި ބުނެދެވިފައި ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން ފާހަގަ ޖެހޭ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމުގެ އިތުރުން ފާހަގަ ފޮހެވޭ ކެމިކަލެއް ވޯޓު ކަރުދާހުގައި ބޭނުން ކޮށްގެން ވޯޓު އޮޅުވާލި ކަމަށް ތުހުމަތު ކޮށްފައިވާ އިރު، އެ ތަކެތި ބޭނުންކުރީ ވޯޓުލި ކޮން މަރުކަޒުތަކެއްގައި ކަން އެނގެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެފަދަ އެއްވެސް ކަމެއް ހިނގި ކަމުގެ ޝަކުވާއެއް ކޮމިޝަނަށް ލިބިފައި ނެތް އިރު، އަދި އެ ތުހުމަތުތަކަށް ކޮމިޝަނުން އިންކާރު ކުރާއިރު، އޭގެ އިދިކޮޅު ސާބިތު ނުވާހާ ހިނދަކު ބަލަން ޖެހޭނީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަން ކަމަށް ވެސް އުއްްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމްޕަލަޔަންސް ބިއުރޯގެ މަސައްކަތްތައް ހުއްޓުމުން ޝަކުވާގެ ފުރުސަތު ބަންދުވި ކަމަށް އެ މައްސަލައިގައި ބުނެފައިވާ ބުނުން ކޮމިޝަނުން ދޮގު ކޮށްފައި ވާއިރު، ކޮމިޝަންގެ އެ ވާހަކަތައް ހަގީގަތާ ޚިލާފު ކަން ސާބިތު ކޮށްދެވިފައެއް ނެތެވެ.

ވޯޓިން ބޫތު ބެހެއްޓި ގޮތުން ވޯޓުގެ ސިއްރު ކަން ގެއްލުނު ކަމަށް ބުނާ މައްސަލަ އާއި ވޯޓުލި މަރުކަޒުތަކުގައި ކެމްޕެއިން ކުރުމާއި ވޯޓު ކަރުދާސް މަރުކަޒުން ބޭރަށް ގެންދިއުމާއި ބޭރުން ބައެއް ކަރުދާސްތައް ގެނެސް ފޮށިތަކަށް އެޅި ކަމަށް ބުނެފައި ވިޔަސް، އެކަން އެގޮތަށް ހިނގީ ކޮން ތަނެއްގައި ކަން ބުނެދެވިފައި ނެތްއިރު، އެއިން ކަމެއް ހިނގި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ބައެއް ފޮށިތަކުގައި އިތުރަށް ވޯޓު ހުރިކަމަށް ބުންޏަސް، އޭގެ ހެއްކެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ޔޫވީ ލައިޓް ބޭނުން ކޮށްގެން ވޯޓުގެ ކަރުދާހުުގެ ސައްހަކަން ބަލާފައި ނެތް މައްސަލަ ފާހަގަ ކޮށްފައިވާތީ، އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ވޯޓުގެ ސައްހަކަން ބެލުމަށްޓަކައި ޔޫވީ ލައިޓް ބޭނުން ކުރުން ލާޒިމް ކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނެތެވެ.
ވޯޓު ކަރުދާސްތައް ގުނުމަށްފަހު އެތަކެތި ރައްކާކުރާ ސެކިއުރިޓީ އުރަތައް ކޮމިޝަނަށް ގެނައިއިރު ބައެއް އުރަތައް ކެނޑިފައި ހުރި ކަމަށް ބުންޏަސް، އެކަމުގެ ސަބަބުން އިތުރު ކަރުދާސްތަކެއް ސެކިއުރިޓީ އުރަތަކަށް އެޅިގެން ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ހިނގި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގެ އިތުރުން ރާއްޖޭގައި ވެސް އިންތިޚާބެއް ބާތިލް ކުރެވޭނީ ނަތީޖާއަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް އޮވެގެންނެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރައީސް ޔާމީނާ ދެމެދު 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުު ހުރިކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ވޯޓުގެ ފަރަގު ބަދަލުވެ، ނަތީޖާއަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ހިނގި ކަމުގެ އެއްވެސް ހެއްކެއް އެ މައްސަލާގައި ހުށަހަޅާފައެއް ނެތެވެ.
ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ސިފައިންނާއި ފުލުހުން މެދުވެރިކޮށް ތަހުގީގެއް ހިންގަން އަމުރު ކޮށްދޭން އެ މައްސަލާގައި އެދިފައި ވިޔަސް، އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެފަދަ ގޮތަކަށް ތަހުގީގެއް ހިންގަން ޖެހޭ ސަބަބެއް ނެތެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި އެކަށީގެން ނުވާ ނުފޫޒެއް ފޯރާފައިވާ ކަމުގެ އެއްވެސް ދަލީލެއް އެ މައްސަލާގައި ހުށަހެޅިފައި ނެތުމެވެ.
އެކަމަކު އިންތިޚާބާ ގުޅިގެން ޖިނާއީ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ އާންމު އުސޫލުގެ ތެރެއިން އެ މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ބެލިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޖިނާއީ ކުށެއް ހިނގައިފި ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަމެއް ތަހުގީގު ކުރަން އަމުރު ކުރުމުގެ ބާރު ގާނޫނު އަސާސީގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލަށް އޮތް ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ޒިންމާ އަދާ ކުރުމުގެ މައްސަލައެއް އުޅޭ ކަމަށް ދެކޭ ނަމަ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ މެމްބަރުން ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު މަޖިލީހަށް އޮތް ކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
އެ މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެކިވެރިއަކު ކުރިން ހުށަހެޅިޔަސް، އެ މީހުންގެ ހެކިބަސް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
އެ މައްސަލާގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވެސް އޮތީ ތަދައްޚުލްވެފަ އެވެ.
ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔައިރު އިދިކޮޅަށް ތާއީދުކުރާ ގިނަ ބަޔަކު ދިޔައީ ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ އަޑު އުފުލަމުންނެވެ. އިންތިޚާބު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމް ކުރުމާ އެކު، އެ ސަރަހައްދުގައި ގިނަ ބަޔަކު އުފާ ފާޅުކުރި އެވެ.