"ޕަންގާ" ކުޅެން ކަންގަނާ ރަނާވަތު ފަލަވަނީ
"ޕަންގާ" ކުޅެން ކަންގަނާ ރަނާވަތު ފަލަވަނީ

ކަންގަނާ ރަނާވަތު މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ޕަންގާ" ގައި އޭނާ ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން އިތުރުކޮށް، ފަލަވާން މަސައްކަތް ފަށައިފި އެވެ.

ކަބައްޑީ ކުޅޭ މީހެއްގެ ރޯލުން ކަންގަނާ ފެނިގެންދާ ފިލްމަށް ގާތްގަނޑަކަށް 6-7 ކިލޯ ބަރުވާން ޖެހެ އެވެ. މި ވަގުތު ކުރު ޗުއްޓީއަކަށް ނިއު ޔޯކަށް ގޮސް ހުރި ބަތަލާ އެނބުރި ގޮސް ކަބައްޑީގެ ޓްރޭނިންތަކެއް ހެދުމުގެ މަސައްކަތް ވެސް ފަށާނެ އެވެ.

ކަންގަނާއަކީ އާމިރު ހާނެކޭ އެއްގޮތަށް، އޭނާ ކުޅޭ ފިލްމުތަކުގައި ދައްކުވައި ދޭން ޖެހޭ ކެރެކްޓާ އަށް ވަރަށް ބޮޑަށް ތައްޔާރުވާ ބަތަލާއެކެވެ. އެގޮތުން އޭނާ އަށް 2014 ގައި އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ތަނޫ ވެޑްސް މަނޫ ރިޓާން" ގައި ހޮކީ ކުޅުންތެރިިއެއްގެ ރޯލް ކުޅެން ވެސް ވަރަށް ގަދައަށް ޓްރޭނިން ހެދި އެވެ.

އަދި އަންނަ އަހަރުގެ ޖެނުއަރީ، 25 ގައި ރިލީޒް ކުރާ "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އަށް ކަންގަނާ ވަނީ އަސް ދުއްވުމާއި ކަނޑީގެ ތަޅާފޮޅުންތައް ވެސް ދަސްކޮށްފަ އެވެ.

"ޕަންގާ" އަކީ "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުން އަދި އުންމީދީ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބެރިލީ ކީ ބަރްފީ" އެވެ.

ކަންގަނާއާ އެކު "ޕަންގާ" އިން ޖައްސީ ގިލް އާއި ނީނާ ގުޕްތާ ވެސް ފެނިގެން ދާނެ އެވެ. އަންނަ އަހަރު މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމައިފައި އޮތަސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.