21 އޮކްޓޯބަރ 2018 - 12:33

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ވެރިޔަކާއި މުވައްޒަފުން އެތަނުގެ ދިރިއުޅޭ އުމުރުން 11 އަހަރުގެ ކުއްޖަކަށް އެކި ފަހަރު މަތިން އަނިޔާކޮށް އާންމުން ކުރިމަތީ ލަދުގެންނެވި މައްސަލައެއް ތިން އިދާރާއަކުން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ކުޑަ ފިރިހެން ކުއްޖާ އަށް އަނިޔާކޮށްފައި ވަނީ ހިޔާގައި މަސައްކަތް ކުރާ ފަސް ފިރިހެން މުވައްޒަފުންނެވެ.
ހިޔާގެ މުވައްޒަފުން ކުޑަކުއްޖާ އަށް އަނިޔާކޮށްފައި ވަނީ އެ ތަނުގެ ވެރިޔާގެ ރުހުން ލިބިގެން އޭނާއަށް ވެސް އެނގިގެން ކަމަށް ވެ އެވެ.
ކުޑަކުއްޖާ އަށް އަނިޔާ ކުރުމުގެ ގޮތުން އެއް ދުވަހަކު އެ ކުއްޖާގެ މޫދަށް އެރި އޮއްވައި އާންމުންގެ ކުރިމަތީގައި ބަރަހަނާކޮށްފައިވެ އެވެ. މީގެ އިތުރުން އެ ކުއްޖާ ނަފްސާނީ ގޮތުން ބަލި ކޮށްލުމުގެ ބޭނުމުގައި އެކި ފަހަރުމަތިން ތަފާތު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އެނގިފައިވެ އެވެ.
ފުލުހުންނާއި ޖެންޑާ އާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނައިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދިޔައީ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުންނެވެ.
އެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީން ވެސް ބަލަމުން އަންނަ ކަމަށެވެ.
"މި ބާވަތުގެ އެއްވެސް އަމަލަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން. މީގެ ކުރިން ވެސް ކުދިންނާ މެދު އެއްވެސް ބާވަތެއްގެ އިހުމާލެއް ނުވަތަ އަނިޔާއެއް ކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ ފަދަ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރަން ޖެހޭ ހާލަތްތަކުގައި ވަޒީފާއިން ވަކިކުރެވިފައިވާ ކަން މި ފުރުސަތުގައި ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.