12 އޯގަސްޓް 2016 - 07:22

އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް ބޭންޑް "ކޮލްޑްޕްލޭ" ގެ ޓުއާއެއް އިންޑިއާ އަށް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާގެ ޒުވާނުންގެ މެދުގައި ވެސް ވަރަށް މަގުބޫލް އެ ބޭންޑުގެ އިންޑިއާ ޓުއާ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 19 ގަ އެވެ. ބޭންޑުން ބާއްވާ ކޮންސަޓް ވެރި ރަށް ނިއުވދިއްލީ ނުވަތަ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގައި ބާއްވަން މިހާރު ވަނީ ހަމަޖެހިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކޮންސަޓް ބޭއްވުން ގާތީ މުމްބާއީގަ އެވެ.
މިއީ "ކޮލްޑްޕްލޭ" އިން ހައިރާތަށް ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ބާއްވާ ފަންޑް ރެއިޒިން ޓުއާއެކެވެ.
އިންޑިއާ އަށް ބޭންޑް ދާތީ އުފަލުން ތިބި ފޭނުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި "ކޮލްޑްޕްލޭ" ގެ ޓުއާ ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަމުންނެވެ.
ލީޑް ވޯކަލިސްޓް ކްރިސް މާޓިން އާ އެކު ޖުލްމަ ހަތަރު މެމްބަރުން ހިމެނޭ "ކޮލްޑްޕްލޭ" އިން ވަނީ މިދިޔަ އަހަރު އިންޑިއާގައި ބޭންޑްގެ ލަވައެއް ވެސް ޝޫޓްކޮށްފަ އެވެ. އެއީ "ހީމް" އެވެ.
އެ ލަވައިން ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި މަޝްހޫރު ލަވަ ކިއުންތެރިޔާ ބިޔޮންސޭ ވެސް ފެނިގެން ދެ އެވެ.
އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ބޭންޑް އިންޑިއާ އަށް ޒިޔާރަތްކޮށްފައިވެ އެވެ.
"ކޮލްޑްޕްލޭ" ވުޖޫދަށް އައީ 1996 ގަ އެވެ. ކްރިސްއާ އެކު ބޭންޑްގައި ދެން ހިމެނޭ މެމްބަރުންނަކީ ޖޮނީ ބަކްލަންޑް (ލީޑް ގިޓަރިސްޓް) ގާއި ބެރީމަން (ބޭސް ގިޓާ) އަދި ވިލް ޗެމްޕިއަން (ޑްރަމާ) އެވެ.
ބޭންޑުން މިހާތަނަށް ވަނީ ވަރަށް ކާމިޔާބު ހަތް އަލްބަމް ވެސް ނެރެފަ އެވެ. އެންމެ ފަހުން ނެރުނު އަލްބަކީ މިދިޔަ އަހަރު ނެރުނު "އަ ހެޑް ފުލް ހޮފް ޑްރީމްސް" އެވެ. ބޭންޑްގެ ގިނަ ލަވަތައް އާންމުންގެ މެދުގައި ވަރަށް މަގުބޫލެވެ.
"ކޮލްޑްޕްލޭ" އިން މިހާރު އުޅެނީ އެމެރިކާގެ ޓުއާއެއްގަ އެވެ.