ނޫސްވެރިޔާގެ މަރާގުޅޭ ހުރިހާ ތަފްސީލެއް ތުރުކީން ހާމަކުރަނީ
ނޫސްވެރިޔާގެ މަރާގުޅޭ ހުރިހާ ތަފްސީލެއް ތުރުކީން ހާމަކުރަނީ

އަންކަރާ (އޮކްޓޯބަރު 21) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ގޮތުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ތުރުކީން ބުނެފި އެވެ.

ސައުދީން އިއްޔެ ވަނީ ނޫސްވެރިޔާ މަރުވީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށް ފުރަތަމަ ފަހަރަށް ބުނެފަ އެވެ.

"މި ހާދިސާ ފޮރުވަން ތުރުކީން ފުރުސަތެއް ނުދޭނަން،" ވެރިކަންކުރާ އޭކޭޕީ ޕާޓީގެ ތަރުޖަމާން އުމަރު ސެލިކް ވިދާޅުވި އެވެ. "ދުރާލައި އެއްވެސް ބަޔަކު އަޅުގަނޑުމެން ކުށްވެރިއެއް ނުކުރަން. އެކަމަކު އެ މައްސަލަ ސިއްރު ކުރެވޭނެ ގޮތެއް ވެސް ނެތް."

ނޫސްވެރިޔާ މަރާ ގުޅިގެން އެކަމުގެ ޒިންމާ ރަސްމީކޮށް ސައުދީގެ ބޮލުގައި ތުުރުކީން އަޅުވައިފައެއް ނުވެ އެވެ.

ތުރުކީން އޮފިޝަލުން ކުރިން ބުނަމުން ދިޔައީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލުމަށް ފަހު ހަށިގަނޑު ކުދިކޮށްލުމަށް ފަހު އެއްލާލާފައިވާ ކަމަށެވެ. ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާއަކުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ޚާޝުގްޖީ މަރާލި ކަމަށް ހެކި ލިބޭ އޯޑިއޯއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މި އޯޑިއޯ ތުރުކީން އެއްވެސް ބަޔަކާ ހިއްސާކޮށްފައެއް ނުވެ އެވެ.

ނޫސްވެރިޔާ ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދަން ތުރުކީ ފުލުހުންނާއި ޕްރޮސެކިއުޓަރުން މިދިޔަ ހަފުތާގައި ވަނީ ކޮންސިއުލޭޓާއި ކޮންސުލްގެ ގޭ ބަލައި ފާސްކޮށްފަ އެވެ. ހުކުރު ދުވަހު ވަނީ ޖަންގައްޔެއް ވެސް ބަލައިފަ އެވެ.

ސައުދީން ވެސް ބުނެފައި ވަނީ ނޫސްވެރިޔާގެ މަރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ސައުދީ ސަރުކާރުގެ ސީނިއާ ދެ މީހަކު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.