ރޭގަނޑުގެ ކެއުމަކަަށް ޕިއްޒާ ކާތާ 37 އަހަރު
ރޭގަނޑުގެ ކެއުމަކަަށް ޕިއްޒާ ކާތާ 37 އަހަރު

ރޭގަނޑުގެ ކެއުމަކަށް ހަމައެކަނި ޕިއްޒާ ކާތާ 37 އަހަރުވެފައިވާ ކަމަށް އެމެރިކާގެ މީހަކު ބުނެފި އެވެ.

ޓީޗަރެއްގެ ވަޒީފާ އަދާކުރާ ނިއު ޖާޒީގެ މައިކް ރޮމަން، 41، ބުނި ގޮތުގައި އޭނާގެ ހިތުގައި ޕިއްޒާ އަށް ހާއްސަ ލޯތްބެއް ޖެހުނީ އުމުރުން އެންމެ ހަތަރު ވަރަކަށް އަހަރުގަ އެވެ. އޭގެ ފަހުން އަބަދުވެސް ޕިއްޒާ ކާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ޕިއްޒާ ކާން ނުލިބޭ ނަމަ ދުވަސް ޚަރާބުވާ ކަމަށް ބުންޏެވެ.

މައިކް ބުނި ގޮތުގައި އެންމެ ފުރަތަމަ އޭނާ އަށް ކާން ލިބުނީ މަންމަ ތައްޔާރުކުރި ވަރަށް މީރު އިޓާލިއަން ޕިއްޒާއެކެވެ.

"އެ ކެއި ފަހުން ދެން ހަމަ ކޮންމެ ދުވަހަކު ވެސް މަންމަ ކައިރީ އާދޭސް ކުރަން ޕިއްޒާ ތައްޔާރުކޮށް ދޭން. އެގޮތަށް ހަމަ ކޮންމެ ދުވަހަކު ވެސް ޕިއްޒާ ކަމުން ގޮސް ދެވިިފައި އެއާ ނުލައި ނޫޅެވޭ ހިސާބަށް ދިޔައީ،" އޭނާ ބުންޏެވެ.

މައިކް ރޭގަނޑުގެ ކެއަމަކަށް ހަމައެކަނި ޕިއްޒާއިން ފުއްދައިލާ އިރު، މެންދުރުގެ ކެއުމަކަށް އޭނާ އާންމުކޮށް ބޭނުން ކުރަނީ ޕީނަޓް ބަޓަރު ސޭންޑްވިޗެވެ.

"ތަންކޮޅެއް ކުރިން ދުވަހުގެ މައިގަނޑުގެ ތިން ކެއުމަކީ ވެސް ހަމަ ޕިއްޒާ. އެކަމަކު ހަމައެކަނި ރޭގަނޑުގެ ކެއުމަކަށް ޕިއްޒާ ކާތާ މިހާރު ސާޅީސް އަހަރު ވަނީ،" އޭނާ ބުންޏެވެ.

މައިކް ބުނީ އޭނާގެ އެންމެ ޒުވާން އުމުރުގައި އަންހެން ކުދިން ގޮވައިގެން ޑޭޓަކަށްދާ އިރު ވެސް، ޕިއްޒާ ލިބޭ ތަނަކަށް ނޫނީ ނުދާ ކަމަށެވެ. އަދި މިހާރު ވެސް ކާން ތަނަކަށް ދާ ނަމަ، އެތަނަކީ ޕިއްޒާ ލިބޭ ތަނެއްތޯ ފުރަތަމަ ކަމަށް ކަށަވަރު ކުރާ ކަމަށް ބުންޏެވެ.

"ޕިއްޒާއަކީ އަހަރެންގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް. އެއާ ނުލައެއް މިހާރަކު ނޫޅެވޭނެ،" މައިކް ބުންޏެވެ. "އަހަރެން ހަމަ ވަރަށް ސިއްހަތު ރަނގަޅުކޮށް މި ހުންނަނީ ވެސް. އެހެންވެ ޕިއްޒާ އަށް ދެވިހިފުމަކީ މައްސަލައެއް ކަމަކަށް ވެސް ނުދެކެން."